ދަރިން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މާހައުލު އަދި ފުރުސަތު ފަހިކޮށް މައިންބަފައިންނަށް އެހީތެރިވުމުގައި މި ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މައިންބަފައިންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މި ސަރުކާރުން، އިސްލާމީ އުސޫލުތަކަށް ތަބާވާ، އުފާވެރި އަދި ދުޅަހެޔޮ ދަރިން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މާހައުލާއި އަދި ފުރުސަތުތައް ފޯރުކޮށްދިނުމުގެ ގޮތުން މައިންބަފައިންނަށް އެހީތެރިވުމަށް ދެމިތިބޭނެކަމުގެ ޔަގީންކަން އަރުއްވާ ކަމަށެވެ.

"މައިންބަފައިންނަކީ ދަތިއުނދަގޫތަކާ ކުރިމަތިލައި ކުރިއަށް އޮތް ޖީލުތައް ބިނާކުރުމުގެ ޒިންމާ އުފުލާ ފަރާތްތައް،" ރައީސް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ރައީސްގެ ޕޯސްޓުގައި ވަނީ ހިތްވަރުގަދަ އަދި އަލަށް މައިންބަފައިންނަށްވެފައިވާ ފަރާތްތައް ފާހަގަކުރައްވާ ތަހުނިޔާ އަރިސްކުރައްވައިފައެވެ.