ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނުކުތަސް، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭ މުއްދަތު އިތުރުކުރަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފަށައިފިއެވެ.
މިހާރު ގާނޫނު އޮންނަނީ ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެންނަން މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތް ހެދުމަށެވެ.
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް މި އިސްލާހުގައި ބަދަލު ގެންނަން ވަނީ ހުށަހަޅައިފައެވެ.
މިހާރުގެ ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލު އޮންނަ ގޮތުން އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.
ނަމަވެސް އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިސްގެ ގޮތުގައި ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެ ބިލުގައިވެއެވެ. އޭގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.
ނަމަވެސް އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް