މ. ވޭވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 45 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ވޭވަށު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކުރީޓް ގާ އެތުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގެ 66 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވޭވަށު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތާއި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 380 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތާއި 1880 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާ އަށެވެ.