ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 24 މެމްބަރުންގެ ސޮއިއާ އެކު އެވެ. އެ މައްސަލައިގައި ސޮއި ކުރި މެމްބަރުންގެ ތެރޭގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައެއް ނުގަންނަވަ އެވެ.
އެމްޑީޕީގެ 24 މެމްބަރުން ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ އަމީން ހެލްތު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، ކޮވިޑުގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ދޭންޖެހޭ ސިއްހީ ފަރުވާދިނުމަށް ތައްޔާރުވުމަށްޓަކައި ކުރި މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމަށް އޯޑަރުކުރި ވެންޓިލޭރުތަކެއް ގެނައުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތް ކަމަށެވެ.
އެކަމަކީ އަމީން ޒިންމާ ނަގަން ޖެހޭނެކަމެއް ކަމަށާއި މިއީ އަމީންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލި، މަޖިލީހުގެ އިތުބާރު އަމީނުގެ މައްޗަށް ގެއްލިގެން ގޮސްފައިވާ އަމަލެއް ކަމަށް މައްސަލައިގައިވެ އެވެ.
"މިކަމުގައި ރައްޔިތުންގެ މަޖިލީހުން އަމީންއާ ސުވާލުކުރުމުން، ތެދުނޫން މައުލޫމާތު މި މަޖިލީހަށް ދީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ސާފުވެފައިވާތީ، އަމީން މިނިސްޓަރު ކަމުގައި އިތުރަށް ހުރުމަކީ މި މަޖިލީހުގެ އިތުބާރު އޮތް ކަމަކަށް ނުވާތީ، ގާނޫނުއަސާސީގެ 101 ވަނަ މައްދާގެ (ހ) ގެ ދަށުން އަމީން މިނިސްޓަރު ކަމުން ވަކިކުރުމަށް ހުށަހަޅަން،" މައްސަލައިގައިވެ އެވެ.
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން
- ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
- މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
- ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ
- މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު
- މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
- ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު
އެމްޑީޕީގެ 24 މެމްބަރުން ސޮއިކޮށް އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ އެޕްޑީޕީގެ ޕާލިމެންޓް ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި އަމީނަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައިވަނިކޮށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބުދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުއްވި، ރިޕޯޓްގެ މައްސަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ.
ޝަމީމު ވިދާޅުވީ އެ ރިޕޯޓު ދިރާސާކޮށް ބެލިއިރު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުރަތަމަ ކޮޅުގައި، އެ މައްސަަލައާ ބެހޭގޮތުން އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް، އެ މައްސަލަ ދައުވާކުރަން ފޮނުވުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެއެވެ.
މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ޑުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު