ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީ ޕީޖީގެ ބައްދަލުވުމެއް މިއަދު ބޭއްވީ އަމީނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕީޖީގެ ބައްދަލުވުމުގައި އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެމްބަރެކެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ދެކޮޅަށް ވޯޓް ދެއްވީ 31 މެމްބަރުންނެވެ.

އެމްޑީޕީން މައްސަލަ މަޖިލީހަށް ވައްދަން ނިންމީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި، ރިޕޯޓުގެ މައްސަލައިގައި އަމީނަށް ދައުވާ ނުކުރަން ނިންމައި، ޕީޖީ އޮފީހުން މިއަދު އެ މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށެވެ.

ޝަމީމު ވިދާޅުވީ އެ ރިޕޯޓު ދިރާސާކޮށް ބެލިއިރު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުރަތަމަ ކޮޅުގައި، އެ މައްސަަލައާ ގުޅޭގޮތުން އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް، އެ މައްސަލަ ދައުވާކުރަން ފޮނުވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައިނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެ އެވެ.

މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތު މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ 90 ޕަސެންޓް ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.