(އަށުތިރީސްވަނަ ބައި)

"އޮހް! އަހަންނަށް ހީވަނީ މަދުންހެން އަހަންނަށް ލާރި ދެވުނީ އިނގޭ.... އަންނާނަން ޔަޤީންކޮށްލާފަ. ސޭވް މީ އަ ސީޓް!" ޒިހާން އެހެން ބުނެލުމުން ޔުނާ ފަހަތް ބަލައިލަމުން ހިނިތުންވުމަކާއެކީ ބޯޖަހައިލިއެވެ. އެއާއެކު ޒިހާން އަނެއްފަރާތަށް ހިނގައިގަތް ވަގުތު ޔުނާގެ އަތް ދަބަހުގެ ތެރޭގައި އޮތް ފޯނަށް މެސެޖެއް އައެވެ. ހުސް ސީޓަކާއި ވެސް ދިމާވީ އެވަގުތު ކަމަށްވުމުން ޔުނާ އެ ސީޓުގައި އިށީންނަމުން ދަބަހުގެ ތެރެއިން ފޯނު ނަގައި ހުޅުވާލިއެވެ. އެހިނދު ސްކްރީނުން ފެނުނު ނަމުން ޔުނާގެ މޭނުބައި ކުރިއެވެ. އޭނަގެ ފޯނުގައި އަދިވެސް ޖިނާހުގެ ނަންބަރު ސޭވްކުރެވިފައި އޮތް ކަމަށްޓަކައި އަމިއްލަ ނަފްސަށް ނުރުހުންވިއެވެ.

އެ ނަން ފެނުމުގެ ޝޮކުގައި ސިކުންތުކޮޅެއް ވަންދެން އިނުމަށްފަހު މެސެޖު ހުޅުވާލިއެވެ.

"އެމްސްޓާޑަމްގަތަ؟ ލެޓްސް މީޓް!" މެސެޖުގައި އޮތީ އެހެންނެވެ.

އެ މެސެޖު ފެނިފައި ޔުނާގެ ދެބުމަ ކައިރިވީ ހިނދު ހިތް ނުތަނަވަސްކަމުން ވަށާލެވިގެން ދިޔައެވެ. މެސެޖު ފެނުމާއެކުހެން ޔުނާގެ ހަނދާނަށް އައީ ޒިހާނެވެ. ހަމަ އެއާއިއެކު އޭނައަށް މިއަދު ހިލޭ ފިރިހެނެއްގެ ފަރާތުން މިފަދަ މެސެޖެއް ލިބެން ނުޖެހޭނެކަން ވެސް އެނގުންވިއެވެ. އިސާހިތަކު ރުޅިވެރިކަމާއެކީ ޔުނާ އެންމެ ފުރަތަމަ ކަމަކަށް ޖިނާހުގެ ކޮންޓެކްޓް ޑިލީޓް ކުރިއެވެ. އެއަށްފަހު ރަނގަޅު ރައްދެއް ދިނުމަށް މެސެޖެއް ލިޔަން އުޅެނިކޮށް ޒިހާންގެ އަޑު އިވުނެވެ.

"ހައި!" ޒިހާންގެ އަޑަށް ޔުނާ ސިހުންވާ ގޮތްވިއެވެ. އެ ސިހުމުގައި ޒިހާނަށް ބަލައިލި ހިނދު ޒިހާންގެ ހިނިތުންވުން ޔުނާއަށް ފެނިގެން ދިޔައެވެ. އެއާއިއެކު ޔުނާ ވެސް ހިނިތުންވާން މަސައްކަތް ކުރަމުން އޭނަގެ އަތުގައި އޮތް ފޯނު ދަބަހަށް އަޅައިލިއެވެ.

"އަހަންނަށް ވިންޑޯ ސީޓް ދޭންވެގެންތަ ގޮނޑީގެ ކޮޅުގަ އިށީނދެގެން ތިއިންނަނީ؟ އެކަމަކު އަޑު އެހިން އައިޝަތު ޔުނާ ހަލީލް އެއްވެސް ދަތުރެއްގަ އެއްވެސް މީހަކަށް އެ ސީޓް ނުދޭނެ ވާހަކަ..." ޒިހާން ރާގަކަށް ބުނެލީ އެމްސްޓަޑަމްއަށް އައި ފްލައިޓް މަތީގައި ޔުނާ ބުނެލި ވާހަކައެއް ހަނދާން ކޮށްދެމުންނެވެ. އެކަން ހަނދާންވުމުން ޔުނާއަށް ލުއި ގޮތަކަށް ހީލެވުނެވެ.

"ނޫނޭ.... ބައެއްފަހަރު މާ ހޭންޑްސަމް ކުއްޖަކު ފެނުނީމަ ވިންޑޯ ސީޓް ވެސް ޤުރުބާން ކުރާ ހިތްވޭ. ޕްލީޒް..." ޔުނާ ވެސް ރާގަކަށް އެހެން ބުނަމުން ސީޓްގެ އެތެރެ ފަރާތަށް ދިޔުމަށް ޒިހާނަށް ތަންދެއްކިއެވެ. ދާދި ދެންމެއަކު އޭނައަށް އައި މެސެޖުގެ ފިކުރުވެސް އެވަގުތު ފިލައިގެން ދިޔަ ގޮތުން ޚުދު ޔުނާ ވެސް ޙައިރާންވާ ގޮތްވިއެވެ.

"ހަހް! ހަމައެކަނި ހޭންޑްސަމްވީމަދޯ މި ޗާންސް މި ލިބުނީ؟ މުސްކުޅި ވީ ދުވަހަކުން ނުއެއް ލިބޭނެދޯ؟" ޒިހާން ޔުނާ ދެއްކި ތަނުގައި އިށީންނަމުން ބުނެލިއެވެ.

"އަހަރެން ހޭންޑްސަމް މި މާނަ ކުރަނީ ތި ހީކުރާ ވަރަށްވުރެ ފުން މާނައެއްގައޭ. ހޭންޑްސަމްނެސް އަހަރެން ޖަޖް ކުރަނީ ފިރިހެނެއްގެ އުޅުމަށާއި، އޯގާތެރިކަމާއި، ލޯބިވާ ގޮތަށް ބަލާފަ. އެހުރިހާ ކަމަކުން ޒިހާނަށް ސްކޯއެއް ދެންޏާ ދިހައަކުން ދިހައެއް ދޭނަން. ނޯ ޖޯކް!" ޔުނާ ނުހަނު ޖޯޝާއެކީ އެ ވާހަކަތައް ބުނެލީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. އެކަމާއިމެދު ނުވިސްނިގެން އުޅެނިކޮށް ޒިހާން ވާހަކަ ދެއްކިއެވެ.

"އެހެންވެއްޖެއްޔާ ޔުނޫގެ ތި ހުރިހާ ސިފައަކަށް ވެސް އަހަރެން ދޭނަން ދިހައަކުން ސަތޭކަ!" ޒިހާން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއިއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނު ހިނދު ޒިހާން ޔުނާގެ ކޮނޑުމަތިން އެއްއަތް ގެންގޮސް ޔުނާ އޭނައާއި ކައިރި ކުރަމުން ބޮލުގައި ބޮސްދިނެވެ. އެ ހިނދު ޔުނާގެ ހިތް ޝުކުރުވެރިކަމުން ފުރިގެން ދިޔަ އެތައް ސަބަބެއްވިއެވެ. އޭނަ ކައިރީގައި އިނީ ރައްޓެހިވެގެން އުޅޭ މީހެއްގެ ބަދަލުގައި އޭނަގެ ފިރިމީހާކަން ހާސްވަނަ ފަހަރަށް އެނގުންވުމުންނެވެ. އޭނައާއި ޒިހާންގެ ގުޅުމަކީ އޭގެ މުސްތަޤްބަލާއިމެދު އޭނަ ޝައްކުކުރަން ނުޖެހޭ ގުޅުމެއްކަން އަދިވެސް އެއްފަހަރު ޔަޤީންވުމުންނެވެ. އަދި ޒިހާންގެ ލޯތްބަކީ އޭނަ މުޅި ޢުމުރު ދުވަހުވެސް އެފަދަ ލޯތްބަކަށް އިންތިޒާރުކުރި ފަދަ ލޯތްބެއްހެން ހީވުމުންނެވެ. އެކަން ޔަޤީންކުރަން އެވަގުތު ވެސް ޒިހާނާއި އިތުރު ސުވާލުތައް ކުރަން ބޭނުންވިއެއްކަމަކު އެވަގުތު ކެނަލް ދުއްވަން ފެށުމުން ބޭރުން ފެންނަން ފެށި މަންޒަރުތަކަށް ދެމީހުންގެ ސަމާލުކަން ހުއްޓުނެވެ.

ޔުނާއާއި ޒިހާން އެރި ކެނަލް ދުއްވަން ފެށި މަންޒަރު ދުރުން ފެނުނު ޖިނާހަށް އެއްފަހަރު އެއަށް އަނެއްފަހަރު އޭނަގެ ފޯނަށް ބެލިއެވެ. އޭނަ ޔުނާއަށް ފޮނުވި މެސެޖަށް ޖަވާބެއް އައިސްފައި ނެތުމުން ޖިނާހުގެ ދަތްކުނޑި ވިކުނެވެ. އައި ރުޅީގައި ފޯނުވެސް ބިމަށް ޖަހާލަން ހިތަށް އެރިއެއްކަމަކު އޭގައި ބާރަށް ހިފަހައްޓައިގެން ހުރެ އަތް ވައްޓާލި ވަގުތު ކަރު ބުޑުން އަޑެއް ލައްވާލެވުނެވެ. ދެންވެސް ސިކުންތުކޮޅެއް ވަންދެން އެ ކެނަލް ދުރަށް ދަމުން ދިޔަ މަންޒަރު ބަލަން ޖިނާހު ހުއްޓާ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު ސްކްރީނުން 'ހަމީދުބެ' ގެ ނަން ފެނިފައި ޖިނާހު ވަގުތުން ކޯލް ރިސީވްކުރަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

"ކޮބާ ކިހާ ހިސާބެއްގަ އެދެމީހުންވީ؟" އެކޮޅުން ހަމީދު ސުވާލުކުރި އަޑު އިވުނެވެ.

"މަށަކަށް ނޭނގެ! މިތާ އޮތް ކެނަލްއަކަށް އަރައިގެން ދެމީހުން މޮޔަވެގެން އެބައުޅޭ!" ޖިނާހު ރުޅިން ތުރުތުރު އަޅާ ހާލުގައި ބުންޏެވެ.

"އައްދެ! މަ ހީކުރި ވަރަށްވުރެ ރޮމޭންޓިކް ތި މީހުން. މައްސަލައަކީ މީހުން ގިނަ ތަނެއްގަ ތިބީމަ ސަކަރާތް. އެ ނޫންނަމަ ތި ޔުނާ ހަލީލްއެއްގެ ކަންތައް މިރެއިން މިރެއަށް ވެސް ނިންމާލެވުނީސް!" ހަމީދު ބުނެލިއެވެ.

"ފުރަތަމަ ޔުނާއެއް ނޫން! ފުރަތަމަ އެ ޒިހާނެއްގެ ދުވަސް ދުއްވާލާ! އޭނަ ދިޔައިމަ ޔުނާގެ ބޭނުން ހިފާފަ އެ އަންހެނާގެ ނަން މި ދުނިޔެއިން ފޮހެލާނީ! ބޮޑަށް ރަނގަޅީ މަ ޔުނާއަށް ހަދާގޮތް އެ ޒިހާނަކަށް ފެނުނިއްޔާ!!!" ޖިނާހު އައިސްފައިވި ރުޅީގައި އޭނައަށް ހަމައަށް ނުވެސް ވިސްނޭ ފަދައެވެ. އޭނަ އެ ވާހަކަ ދައްކަނީ ޒިހާންގެ ބައްޕައާއިކަން ވެސް ޖިނާހު ހަނދާނެއް ނެތް ފަދައެވެ. އެހެންނޫނީ ހަމީދު ޒިހާނާއި މެދު ނުވިސްނާނެކަމަށް ހިތުގެ އަޑިން ޖިނާހަށް ޤަބޫލުކުރެވިފައިވީއެވެ.

ފޯނުގެ އަނެއްކޮޅުގައި ހުރި ހަމީދުވެސް ޤަބޫލުކުރަން ބޭނުންވި ގޮތަކީ އެއީއެވެ. އޭނަ ޤަބޫލުކުރަން ބޭނުންވީ އެ އިވުނު ވާހަކައިން އޭނައަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އެހެނަސް ޙަޤީޤަތަކީ ޒިހާންގެ ދުވަސް ދުއްވާލާ ވާހަކަ އިވިފައި އޭނަގެ ހިތަށް އުދަގޫވެ ކަތުރުކަށިގަނޑަށް ބާރުވި ކަމެވެ. އައި ސިނގުރުޅީގައި އެއްޗެކޭ ބުނަން އަނގަވެސް ހުޅުވާލެވުނެވެ. އެހެނަސް އެއްޗެކޭ ބުނެވުމުން ކުރިން ހަމީދު އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

"ހިނގާ ވިސްނަމާދޯ ހަދަންވީ ގޮތާއިމެދު؟ މާދަމާ ތި ކަންތަކާ އުޅޭނީ މިރޭ އެދެމީހުން ތިކަހަލަ ތަނެއްގަ ތިބީމަ. ދެން ބޭއްވީ!" ހަމީދު އެހެން ބުނެލަމުން ފޯނު ކަނޑާލީ ޖިނާހަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީއެވެ. ފޯނު އެކޮޅުން ކަނޑާލީކަން ޔަޤީންވި ވަގުތު ޖިނާހުގެ ރުޅިވެރިކަން ދެގުނަވުން ނޫންކަމެއް ނުވިއެވެ. އެހިނދު ޒިހާނާއި ޔުނާ އެރި ކެނަލް އޭނަގެ ލޯމަތިން ގެއްލިފައިވިއެވެ.

**

15 ވަރަކަށް މިނެޓް ވަންދެން ކެނަލް ދުއްވުމަށްފަހު ޔުނާ އާއި ޒިހާން ތިބީ ހާމަ ރެސްޓޯރެންޓެއްގެ މޭޒު ދޮށުގައެވެ. އެމީހުން ޚިޔާރު ކުރި މޭޒު ހުރި ގޮތުން ކަނާތް ފަރާތުން ފެންނަމުން ދިޔައީ އެމީހުން ދެންމެ ދަތުރުކުރި ފެންގަޑެވެ. އުޑުމަތި ސާފު ހަނދުވަރީ ރެއަކަށް ވުމުން ހަނދުވަރުގެ އަލި އެ ފެންގަނޑަށް އެޅިފައިވީ ޖާދުވީ ގޮތަކަށެވެ. ޒިހާން އެމީހުންގެ އޯޑަރު ދިނުމަށް އެ ކުޑަ ރެސްޓޯރެންޓުގެ ބަންދު ކުރެވިފައިވި ބަޔަށް ގޮސްފައިވީއިރު ޔުނާ އިނީ އެ މަންޒަރަށް ގެއްލިފައެވެ. ހިނިތުންވުމަކާއެކީ ހުރިހާ ފިކުރުތަކާއި ދުރުވެ އިންދާ އަނެއްކާވެސް މޭޒުމަތީގައި ބޭއްވިފައި އޮތް އޭނަގެ ފޯނަށް މެސެޖެއް އައެވެ. އިސާހިތަކު ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ޔުނާ ފޯނަށް ބަލައިލިއެވެ. ކުރިން ވެސް އޭނަގެ ފޯނަށް މެސެޖެއް އައިސްފައިވި ނަންބަރުން މެސެޖެއް އައިސްފައިވި މަންޒަރު ފެނިފައި ޔުނާގެ މޫޑު ހަރާބުވާ ގޮތްވިއެވެ. މިފަހަރު އައި މެސެޖުގައި އޮތީ ޖަވާބު ނުދެނީ ކީއްވެތޯއެވެ. އެ މެސެޖުން ވީ ފޫހީގައި ޔުނާގެ މުޅި މޫނުމަތީގެ ވެސް ކުލަވަރު ބަދަލުވިއެވެ.

"ހާދަ ރުޅި އައިއްސަ؟ ކާކުގެ މެސެޖެއް ބަލާފަ؟" ޒިހާން ޔުނާއަށް ބަލަމުން އައިސް ޔުނާގެ ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އިށީނެވެ.

"އެއީ....އެއްވެސް މީހެއްނޫން. ހެހެ...." ޔުނާ އޭނަގެ ފޯނު ލޮކްކޮށްލަމުން އޭތި މޭޒުމަތީގައި ބަންޑުން ބޭއްވިއެވެ. ޔުނާ އިތުރު ތަފްޞީލެއް ނުދިނީ ޖިނާހުގެ ވާހަކަ ދުލާއި ހަމައަށް ވެސް ގެންނަން ބޭނުމެއް ނުވީތީވެއެވެ. ޔުނާއަށް ވީގޮތް ފެނިފައި ޔުނާގެ ފޯނަށް ނަޒަރެއް ދިން ޒިހާންގެ ހިތުގައި ޝައްކެއް އުފެދުނެވެ. އެހެނަސް ޒިހާން އެ ޝައްކުގެ ވާހަކަ ދުލާއި ހަމައަށް ނުގެނެސް ޔުނާއަށް އިތުބާރުކުރަން ނިންމީ އެ ވާނީ ޔުނާގެ އެކުވެރިއެއް ކަމަށް ނިންމަމުންނެވެ.

"ޔުނޫގެ ޕްރިންސް ޗާރމިންގްތަ އަނެއްކާ؟" ޒިހާން ހެވިފައިހުރެ ސަމާސާ ރާގަކަށް ބުނެލީ ޚުދު އޭނަގެ މޫޑުވެސް ބަދަލުކޮށްލުމަށެވެ.

"އޯ....މައި....ގޯޑް! ޑޯންޓް ޓެލް މީ ދޮންބެ އެ ވާހަކަ ވެސް ޒިހާން ކައިރި ބުނިއްޔޭ! އައި ޑޯންޓް ބިލީވް ހިމް!" ޔުނާ ގަތް ލަދާއެކީ ބުންޏެވެ.

"ހެހެ..... ޔުނޫގެ ދޮންބެ ބުނީ ޔުނޫ ކިޔައިދިން ގޮތުން އަހަރެން ވެދާނެޔޯ ޔުނޫގެ ޕްރިންސް ޗާރމިންގްއަށް. އެއީ ތެދެއް؟" ޒިހާން އެހިއެވެ.

"ހުމް.... ނައު ދެޓް އައި ނޯ ޔޫ.... އަސްލު ވަރަށް ގިނަ ގޮތްގޮތުން ޒިހާން އެ ޕްރިންސް ޗާރމިންގްއާ އެއްގޮތް. ކުރިން ވެސް ބުނިހެން އޯގާތެރިވެފަ، އުޅުން ރީތިވެފަ، ލޯބިވާކަން އަންގައިދޭން އެނގިފަ، އިމޯޝަނަލީ އިންޓެލިޖެންޓްވެފަ، އަޅާލާން އެނގިފަ، ކޮންސިޑަރޭޓްވެފަ... އަދި ޒިހާން ހަމަ ޕްރިންސްއެއް ގޮތަށް އަމިއްލައަށް އިސްނަގައިގެންދޯ އަހަރެންގެ ޢާއިލާ މީހެއްގެ ހާޒިރީގަ ޕްރޮޕޯޒްކުރީ ވެސް. އެއީ އެހާ ގިނަ ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫން. ދެން އެންމެ ކަމެއް ބާކީ އޮތީ ޔަޤީންކުރަން ތިއީ އަހަރެން ޕްރިންސް ޗާރމިންގްތޯ ނުވަތަ ނޫންތޯ...." ޔުނާ ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

"ކޮން ކަމެއް؟" ޒިހާން އެހިއެވެ.

"އެއީ.... ސްޓޯރީތަކުން ވެސް ނުފެންނަ ތަންކޮޅެއް. ލޯންގް ޓާމްގަ ޒިހާނަށް އަހަންނާއެކީ ހުރެވޭނެތޯ ނުވަތަ ނޫންތޯ. ދިރާސާތަކުން ވެސް ދައްކާ ގޮތުގަ ލޯންގް ޓާމް ރިލޭޝަންޝިޕްގަ އުޅެވޭނީ ވަރަށް މަދު އިންސައްތައިގެ ފިރިހެނުންނަށް. ނޯ އޮފެންސް އެކަމަކު ވަރަށް ގިނަ ފިރިހެނުންނަށް ކޮމިޓް ނުކުރެވޭ މެރިއޭޖް ކަހަލަ ގުޅުންތަކުގަ. މޭލް ސައިކޮލޮޖީގެ ގޮތުން ހަމަ ކައިރީގަ ހުރި އަންހެން މީހާއަށް ދުވަސް ވާ ވަރަކަށް އެހެން ރީތި އަންހެނެއްގެ ކައިރިއަށް ދާ ހިތްވާނީ. އަންހެނުން ވެސް މިހެން ނަހަދައޭ ނުބުނަން. އެކަމަކު މިއީ ހަމަ ޢާއްމުގޮތެއްގަ ވާގޮތް...." ޔުނާ ކިޔައިދިނެވެ. އެ ވާހަކަ ސީދާސީދަލަށް ޒިހާނަށް ކިޔައިދެވުނު ގޮތުން ވެސް އަޖައިބުވިއެވެ. ޒިހާންގެ ކުރިމަތީގައި އޭނަގެ ކުޑަވެސް ޖެހިލުންވުމެއް ނެތް ގޮތުންނެވެ.

ޔުނާގެ ވާހަކަ އަޑު އެހުމަށްފަހު ޒިހާން ތުންފިއްތާލަމުން ބޯޖަހާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.

"އެހާ ދިގު މުސްތަޤްބަލެއްގެ ޔަޤީންކަން ޔުނާއަށް ދޭން އަހަރެން ނެތިން. މުސްތަޤްބަލަކީ އަހަރުމެންގެ އަތްމަތީގަ ވާ އެއްޗެއް ނޫން. އަހަރެން ދުނިޔޭގަ ހުންނާނީ ކިހާ ދުވަސްވަންދެން ކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ. އެކަން އަހަރެން ހަނދާން ހުރިއްޔާ އަހަރެން ހުރިހާ ވަގުތެއްގަވެސް ބޭނުންވާނެ ޔުނާ އުފަލުގަ ބަހައްޓައިދޭން. އަހަރުމެން އެކީގަ ހޭދަކުރާނެ އެންމެ ފަހު ވަގުތުކޮޅަކީ ކޮބައިކަން ދެމީހުންނަށް ވެސް ނޭނގޭ. އަދި ވަކިން ޚާއްޞަކޮށް ﷲ އަންގަވާފައިވީތީ އަހަރެން ބޭނުން އަހަރެންގެ އަންހެނުންނަށް ވީހާވެސް ފުރިހަމައަށް ކަންތައް ކޮށްދޭން. ޔުނާއަށްޓަކައި ޕްރިންސް ޗާރމިންގްއަކަށް ނޫން ވާން ބޭނުންވަނީ. ޔުނާއަށްޓަކައި ޤައްވާމްއަކަށްވާން ބޭނުމީ. ޤައްވާމްއަކީ ޔުނާ ތި ސިފަކުރާ ހުރިހާ ސިފައެއް ހުންނާނެ ވެރިއެއް. އަދި އޭގެ އިތުރަށް ހުއްޓުމެއްނެތި ތަކުރާރުކޮށް އެ ހުރިހާ ކަމެއް ކޮށްދޭ ފަރާތެއް. ހަމަ ޔަޤީނުންވެސް ޔުނާގެ ޤައްވާމްގެ ގޮތުގަ ހުރެ އެހެން އަންހެނެއްގެ ކައިރިއަށް އަހަރެން ނުދާނަން. އަހަރެން ޔުނާއަށް ފޫހިވާ ދުވަހެއް އަޔަސް ޔުނާއަށް މި ލޯބިދޭ ފަދައިން ލޯބިދޭނަން. އެފަދަ ކުޑަ ކަންކަމުން ﷲ އަހަރުމެންގެ ގުޅުމުގައި ބަރަކާތް ލައްވާނެ ކަމުގެ އުއްމީދުގަ. އެއީއެއްނޫންތަ ޙަޤީޤީ ލޯތްބަކީ؟ ދެމީހުން ކިތަންމެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިޔަސް މި ގުޅުމުގެ އެހީގައި ދެމީހުން އަތުގަ ހިފައިގެން ސުވަރުގެއަށް ދިޔުން.... އެއީ އަހަރެން އުއްމީދުކުރާ މުސްތަޤްބަލަކީ..." ޒިހާން މޭޒުމަތީގައި އޮތް ޔުނާގެ އަތް މަތީގައި އަތް އަޅާލަމުން ބުނެލިއެވެ. ޒިހާން ދެއްކި ވާހަކަ ނިމުނުއިރު ނޭނގުމެއްގެ ތެރޭގައި ޔުނާގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެއީ ޒިހާން ކަހަލަ ފިރިއަކު އޭނައަށް ލިބިފައިވީތީ އޭނަގެ ލޮލުން ނިރާލި އުފާވެރިކަމުގެ ކަރުނަތަކެވެ. އެ ހިނދުކޮޅުގައިވެސް ޒިހާންގެ ލޯބީގެ ނިޢުމަތަށް އެތައް ހާސް ފަހަރަކު ޝުކުރު ކުރެވުނެވެ. އަދި އެ ވަގުތު ކޮޅުން ފެށިގެން ވެސް ޒިހާން އެ ބުނި ފަދައިން އޭނަ ވެސް އެ ގުޅުމަށްޓަކައި މަސައްކަތް ކުރަން ބޭނުންވިއެވެ. އޭނަގެ ޙަލާލު ފިރިމީހާ ދެކެ ލޯބިވާކަން އެކި ކަންތަކުގެ ތެރެއިން ދައްކައިދޭން ބޭނުންވިއެވެ. ޒިހާންވެސް އޭނައަށްޓަކައި ކަންތައް ކޮށްދޭ ފަދައިންނެވެ.

ޔުނާގެ އެ އަޒުމުގެ ނަތީޖާއެއްގެ ގޮތުން އެރޭވެސް ނިމިގެން ދިޔައީ އެދެމެދުގައި ލޯބިން ފުރިގެންވި ރެއަކުންނެވެ. އޭގެ އަނެއްދުވަހުގެ ވެސް ފަތިސް ނަމާދު ދެމީހުން ކުރީ އެކުއެކީގައެވެ. ފަތިސް ނަމާދަށްފަހު ދެމީހުން ވެސް އިރުކޮޅެއް ވަންދެން ނިދަން އޮށޯތެވެ. އެ ނިދިން އެންމެ ފުރަތަމަ ހޭލެވުނީ ޔުނާއަށެވެ. ހޭލުމަށްފަހު ޒިހާންގެ އަތުތެރެއިން ނިކުތުމަށްފަހު އިރުކޮޅެއް ވަންދެން ނިދިފައި އޮތް ޒިހާންގެ މޫނަށް ބަލަން އިނދެވުނެވެ. އެއަށްފަހު ޔުނާ ހިނިތުންވުމެއްގައި އިނދެ ފޯނު ނަގައި ޒިހާންގެ ފޮޓޯއެއް ނަގާލިއެވެ. އެ ފޮޓޯ ބެލުމަށްފަހު އަނެއް ފޮޓޯއަށް ސްލައިޑް ކޮށްލެވުމުން ޔުނާއަށް ރޭގެ ފޮޓޯތައް ވެސް ފެންނަން ފެށިއެވެ. އެކި ފޮޓޯތައް ބަލަމުން ބަލަމުން ގޮސް އެއްކަލަ ދުވަހު ޒިހާން ޖިމްގައި ހުރިއިރު އޭނަ ނެގި ޒިހާންގެ ފުރަތަމަ ފޮޓޯ ޔުނާގެ ސަމާލުކަން ހޯދިއެވެ. އެ ފޮޓޯއަށް ބަލަބަލާ އިނދެފައި ޔުނާ އޭތި ފޯނުގެ ވޯލް ޕޭޕާރއަށްލިއެވެ. އެއަށްފަހު ލުއި ހީލުމަކަށްފަހު އެނދުން ފޭބީ ޒިހާން ހޭލަންވާއިރަށް ސައި ތައްޔާރުކޮށް 'ސަޕްރައިޒެއް' ދިނުމަށެވެ.

ޒިހާނަށް ހޭލެވުނީ ޔުނާ ކޮޓަރިން ނިކުތްތާ ބައި ގަޑިއެއްހާއިރު ފަހުންނެވެ. ހޭލިއިރު ޔުނާ ފެންނަން ނެތުމުން ޒިހާން އެނދުން ތެދުވެލީ ވަގުތުން ޔުނާ ހޯދަން ދިޔުމަށެވެ. އެހެނަސް ހަމަ އެވަގުތު އެނދުގައި ޔުނާ އޮންނަ ފަރާތުގައި ހުރި އަރިމަތީ މޭޒުމަތީގައި އޮތް ފޯނަށް މީހަކު ގުޅަން ފެށި އަޑު އިވުނެވެ. ޒިހާން ވަގުތުން މިޞްރާބު ބަދަލުކުރަމުން ގޮސް އެ ފޯނު ނެގިއެވެ. ސްކްރީނުން ސޭވް ކުރެވިފައި ނެތް ނަންބަރެއް ފެނިފައި ޒިހާން އޭތި ނުނަގަން ހިތަށްއެރިއެވެ. އެހެނަސް މުހިއްމު ކޯލަކަށް ވެދާނެއޭ ހިތައި ޒިހާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"ހެލޯ؟" ޒިހާން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)