މުޙައްމަދު އަސްލަމް

ބޯހިމެނުން 2022 އަހަރު ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖޭގެ އާބާދީއާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރު ބާއްވާނެ ކަމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިއަދު މިކަން އިއުލާނު ކުރެއްވީ ދުނިޔޭގެ ތަފާސް ހިސާބު ދުވަހާ ގުޅިގެން އޮންލައިންކޮށް ބޭއްވި ހަފުލާއެއްގައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ 2022 ވަނަ އަހަރު ބޯހިމެނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މިކަމަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު، އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއެކު ފުރިހަމަވާނެ ކަމެއް ކަމަށާއި އަދި މި މަސައްކަތުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ،

މިނިސްޓަރު ވިދާޅުވީ ބޯހިމެނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހާއްސަކޮށް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތު ފަދަ ކަންކަމަށް "ޓެކްލް" ކުރުމުގައި ރަނގަޅު ތަފާސް ހިސާބެއް އޮތުމަކީ މުހިއްމު ކަމެެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް 19އާއި ގުޅިގެން މުޅި ދުނިޔެ ޕެނިކަކަށް ދިޔައީ، މިއީ އާކަމަކަށް ވުމުގެ އިތުރުން މި ބަލި ދުނިޔޭގައި ފެތުރިގެން ދާނެ ގޮތް، ތަފާސް ހިސާބުގެ އަލީގައި އަންދާޒާ ކުރެވޭނެ ގޮތެއް ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ ތެރެއިން ކޮންޓެކްޓު ތެރެއިން އިންފެކްޓުވާ މީހުންގެ އިންސައްތަ ފާހަގަ ކުރެވި، ބަލި ޖެހޭނެ މީހުންގެ އަދަދެއް އަންދާޒާ ކުރެވުމުގެ އިތުރުން، މި ކަމަށް ތައްޔާރު ވުމުގެ ގޮތުން ކިހާ ހޮސްޕިޓަލު އެނދެއްތޯ ބޭނުންވާނީ އެނގުނީ އެތައް މަހެއްގެ ތަފާސް ހިސާބާ އެކު މާ ފަހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމުން އެނގިގެން ދިޔައީ ތަފާސް ހިސާބުގެ އަލީގައި ކަންކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެންމެ ފަހުގެ ތަފާސް ހިސާބަކީ އަކީ ވަރަށް މުހިއްމު އެއްޗެއްކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ ފަހުން ކޮންމެ އަހަރަކު އޮކްޓޫބަރު 20 ވަނަ ދުވަސް ފާހަގަ ކުރާނީ ރާއްޖޭގައި ތަފާސް ހިސާބުގެ ދުވަހުގެ ގޮތުގައި ކަން ފާހަގަކުރައްވައި ކޮންމެ ފަސް އަހަަރަކުން އެއް އަހަރު ދުނިޔޭގައި ފާހަގަ ކުރާ ދުނިޔޭގެ ތަފާސް ހިސާބުގެ ދުވަސް ރާއްޖޭގައި ކުލަ ގަދަކޮށް ފާހަގަ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނާފައި ވެއެވެ.