މުޅި ރާއްޖެ މާލީ ހިދުމަތްތަކުގެ ތެރެއިން ގުޅާލުމަށް، ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ގާއިމް ކުރުމަށް ހަމަޖެހިފައިވާ، ޑިޖިޓަލް ޕޭމަންޓް ގޭޓްވޭ ސިސްޓަމް ގާއިމް ކޮށް އަންނަ އަހަރުގެ އޮކްޓޫބަރު ހާތާގައި ބޭނުން ކުރެވޭ ވަރު ވާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރަމުން ގެންދާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލުގައިވާ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް މައުލޫމާތު ދެއްވަމުން އަލީ ހާޝީމް ވިދާޅުވީ، މި ނިޒާމަކީ އެންމެ ޒަމާނީ، ތަރައްގީ ވެފައިވާ ގައުމުުތަކުގައިވެސް ގެންގުޅޭ ސިސްޓަމެއް ކަމަށެވެ.

މި ސިސްޓަމުގެ ތެރެއިން މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކަށް، ބޭންކުތަކުން ހިދުމަތް ހޯދާއިރު ކުރާ ޗާޖުތަކެއް އަދި ގެރެންޓީއެއް ބަހައްޓަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި ހިދުމަތުގެ ތެރެއިން ޕޭމަންޓެއް ކޮށްފިނަމަ އޭގެ ޖަވާބު ވަގުތުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ހިދުމަތުން ސިސްޓަމަށް އެއްވެސް ޗާޖެއް ނުނަގާނެ، ހަމައެކަނި ޗާޖެއް ނަގަންޏާ ނަގާނީ، މިސާލަކަށް ޕޭކުރާ ފަރާތުން، އެ ޕޭ ލިބިގަންނަ ފަރާތުން ޗާޖެއް ކުރަންޏާ އެ ޗާޖެއް، މި ސިސްޓަަމަށް އެއްވެސް ޗާޖެއް ނުނަގާނެ، އަދި މި ސިސްޓަމުގެ ތެރެއިން ޕޭމަންޓު ކޮށްފިނަމަ ވަގުތުން ޖަވާބު ލިބޭނެ ޕޭ ކޮށްފިކަމަށް،" ގަވަރުނަތު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ވެސް މިސިސްޓަމް މުހިއްމު ކަމަށެވެ. އެގޮތުން އެއްވެސް ރަށެއްގައި ހިދުމަތް ދޭ ފިހާރައަކުން ދޭ ހިދުމަތްތައް އެ ނިޒާމުުގެ ތެރެއިިން މުޅި ސަރަހައްދަށް ހިދުމަތް ފަތުރާލެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔެ ހިމެނޭ ގޮތަށް ހިންގާ ބޮޑެތި ވިޔަފާރިތައް ކަމަށްވާ، އެމޭޒަން އާއި އަލީ އެކްސްޕްރެސް ފަދަ ބޮޑެތި ވިޔަފާރިތަކާވެސް މި ސިސްޓަމުގެ ތެރެއިން މުސްތަގުބަލުގައި ގުޅޭނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

އެގޮތުން މި ސިސްޓަމް ގާއިމުވެގެން ދިއުމުން ބޭރުގެ އެކި އިންޓަނޭޝަނަލް ހިދުމަތްތައް ލިބުމަށް ފަސޭހަވެ، ސީދާ އިންވައިޓް ނުކުރިޔަސް، މާކެޓް ތަންދޭ މިންވަރަކުން ބޭރުގެ ފަރާތްތަކުން ވެސް ރާއްޖެއަށް އައިސް ހިދުމަތްދޭން، މި ސިސްޓަމާ ގުޅޭނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.