ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާތާ އެއް މަސް ދުވަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ފާސްކޮށްފި އެވެ.

ދާއިރާތަކަށް މެންބަރުން ހޮވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމާއި އިންތިހާބު ބާއްވާނެ ތާރީހުތަކެއް ކަނޑައެޅުމަށް ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް 61 މެންބަރުން ބައިވެރިވި އެވެ.

މިރޭގެ ޖަލްސާއަށް ހަ ހުށަހެޅުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ހުށަހެޅުމަކަށް ތާއީދު ލިބި ވޯޓަށް ވަނީ އަހައިފަ އެވެ.

އެގޮތުން ޖަލްސާގައި ބައިވެރިވި 61 މެމްބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓާއެކު ފާސްކޮށްފައިވަނީ ކައުންސިލް އިންތިހާބު ބާއްވާތާ އެއް މަސް ފަހުން ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށެވެ.

މީގެ އިތުރުން ގައުމީ މަޖިލީހުގެ ދައުރު ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެން ނުވަތަ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އިތުރު ކުރަން ހުށަހެޅި އެވެ. މި ހުށަހެޅުމަށް ވޯޓް ދީފައިވަނީ 13 މެމްބަރުންނެވެ. ތިން ވަނަ ހުށަހެޅުމަކީ ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އިއުލާނުކޮށް އަވަހަށް އިންތިހާބު ބޭއްވުމެވެ. ދެވަނަ ހުށަހެޅުން ފާސްވެފައިވާތީވެ، ފަހު ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.