މަސްތުގެ ހާލަތުގައި ހުރެގެން އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓް ކޮށްލައިފި އެވެ.

މަސްތުވެގެން މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވައި މިމަހުގެ ދެވަނަ ދުވަހު ހައްޔަރުކުރީ އީވް ކްލިނިކްގައި މަސައްކަތް ކުރާ ނަފްސާނީ ޑރ. ރާހުލް ވިޖޭ އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ނަމަވެސް އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން މިއަދު ބުނީ، މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އޭނާ ރާއްޖެ އިން ފޮނުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާ މީހާ ޑީޕޯޓް ކޮށްލި އިރު، އޭނާ ވަނީ ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި މައާފަށް އެދިފަ އެވެ.