(17 އޮކްޓޫބަރުގެ އަދަދާ ގުޅޭ)
"ރަސްގެފާނު" އޭނާގެ އެކުވެރީންގެ ގާތު ސިއްރު ސިއްރުން ބުންޏެވެ. "ހިނގާ އަހަރެމެންގޮސް ކުއްލިއަކަށް އެދެމީހުން ވަށައިލަމާ! އަހަރެން އެމީހުނާ ވާހަކަ ދައްކާނަން. ތިޔަބައިމީހުން އެދެމީހުންގެ ދުނިދަނޑިއާއި ދުނިތައް ފިރުކައިގަނޭ!"
އިރުކޮޅެއްގެ ތެރޭގައި ހުރިހައި ކުދީން ބާރާދަރީގެ ތެރެއިން ނުކުމެގެންއައިސް سعـد އާއި أحمـد ދެބޭން ވަށައިލައިފިއެވެ. "ރަސްގެފާނު" ގެ އިސްކޮޅާއި ރޫފައާއި އުމުރުގެ ގޮތުންވެސް އޭނާއަކީ އެގުރޫޕުގެ ވެރިޔާ ކަމުގައި ފެނެއެވެ.
"ކޮންތަނަކުން އައިބައެއްތަ؟" އޭނާ سعـد އާއި أحمـد އާ ދެބޭފުޅުންގެ އަރިހަށް އައިސް ސުވާލުކުރިއެވެ.
"އަހަރެމެން އައީ ޤުރުޠުބާއިން" سعـد ހަމަޖެހިވަޑައިގެން އިންނަވައި ޖަވާބު ދެއްވިއެވެ.
"މިތާނގައި ތިޔަކުރަނީ ކީއް؟"
"ތިޔަބައިމީހުން ކުޅޭ ކުޅިވަރު ބަލަނީ!"
އެކުދީންގެ ތެރޭގައި سعـد އާ އެއްޢުމުރެއްގެ ކުއްޖެއް ހުއްޓެވެ. އޭނާހުރީ ރަތްކުލައިގެ މަޚުމަލުގެ ތާކިހަލެއް ބޮލުގައި އަޅައިގެންނެވެ. އޭނާ ކުރިއަށް ޖެހިލައިފައި ވާހަކަ ދެއްކިއެވެ. "އަހަރެމެންނާއެކު ކުޅޭނަންތަ؟"
سعـد ޖަވާބު ދެއްވިއެވެ. "ނޫން. ތިޔަބައިމީހުން ތިޔަކުޅޭ ކުޅިވަރު އަހަރެމެންނަކަށް ކަމަކު ނުދޭ!"
"ކީއްވެ؟" އޭނާ ސުވާލު ކުރިއެވެ.
"ތިޔަބައިމީހުން ޝާޢިރުންނާއި ރަސްކަލުން ކޮޕީކުރަނީ!"
"ކަލޭ ޅެމެއް ނުހަދަމުތަ؟"
"އާނ. އަހަރެން ޅެންވެރީންދެކެ ފޫހިވޭ!"
"ކީއްވެ؟"
"ޅެންވެރީންނަކީ ސިފައިން ކަންނެތްކުރުވައި ހިތްވަރު ދެރަކުރުވާ ބައެއް؟"
"ރަސްގެފާނު" ސުވާލުކުރިއެވެ. "ތިޔައީ ކާކު ބުނި ވާހަކައެއް؟"
"އަހަރެންގެ ބައްޕަ ވިދާޅުވި ވާހަކައެއް."
"ކަލޭގެ ބައްޕައަކީ ކުޑަކޮށްވެސް ތަހުޒީބުނުވާ ޖަންގަލީ މީހެއް!"
سعـد ގެ މޫނުފުޅު ދިޔައީ ރަތްވެގެންނެވެ. ނަމަވެސް އޭނާ ރުޅި ކޮންޓްރޯލް ކުރައްވަމުން ޖަވާބު ދެއްވިއެވެ. "އެހެންމީހުންގެ ބައްޕައިންނާމެދު ތިޔަކަހަލަ ވާހަކަ ދައްކަނީ ވިޔާނުދާ ފިނޑި ކުދީން!"
"ރަސްގެފާނު" އޭނާގެ އެކުވެރީންނާ ދިމާއަށް ބަލައިލިއެވެ. ނަމަވެސް އެކުދީން ތިބީ سعـد އާއި أحمـد އާ ޙަމަލާދޭ ގޮތަކަށެއް ނޫނެވެ. ރަތްކުލައިގެ ތާކިހާ އަޅައިގެންހުރި ކުއްޖާ "ރަސްގެފާނާއި" سعـد އާ ދެކުދީންގެ ވާހަކައިގެ ތެރެއަށް ވަދެފައި ބުންޏެވެ. "ކަލޭމެން ކުޅޭހިތްވަނީ ކޮންކަހަލަ ކުޅިވަރެއް؟"
سعـد ޖަވާބު ދިނެވެ. "އަހަރެމެން ކުޅޭހިތްވަނީ އަސްދުއްވުމާއި، ލޮންސިއާއި، ދުނިދަނޑިއާއި، ކަނޑީން ކުޅޭ ކުޅިވަރުތައް."
ދެން ވާހަކަދެއްކީ أحمـد އެވެ. "އަހަރެމެންނަށް ގަސްގަހަށް އަރާށާއި ފަތާންވެސް އެނގޭ."
"ކަލެއަށް މިހިރަފެންނަ ގަހަށް އެރިދާނެތަ؟" އެއްކުއްޖަކު ސުވާލުކުރިއެވެ.
أحمـد އާނއެކޭ ވިދާޅުވުމުގެ ގޮތުން އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ.
ރަތްކުލައިގެ ތާކިހާ އަޅައިގެންހުރި ކުއްޖާ سعـد އާ ސުވާލުކުރިއެވެ. "ކަލެއަށް ލިޔަންކިޔަންވެސް އެނގޭތަ؟"
"ކީއްވެ ނޭނގޭންވީ؟" سعـد ޖަވާބު ދެއްވިއެވެ.
"ރަސްގެފާނު" ސުވާލުކުރިއެވެ. "ކަލޭ ކިޔެވީ ކޮންކޮން ފޮތެއް؟"
އެސުވާލުގެ ޖަވާބުގައި سعـد ދީނިއްޔާތާއި، ތާރީޚާއި، ހިސާބުގެ އެތައް ފޮތެއްގެ ނަން ވިދާޅުވެއްޖެއެވެ. سعـد ގެ ޖަވާބުގެ އަޑުއިވިފައި "ރަސްގެފާނު" ގެ އެކުވެރީންގެ ހިތުގައި سعـد އާމެދު ތާރީފު އުފެދޭނެކަމުގައި ވިސްނައިގެން ރަސްގެފާނު ބުންޏެވެ. "ކަލޭ ތިޔަހަދަނީ ހުސްދޮގު!"
سعـد އިށީނދެވަޑައިގެން އިންނަވައިފައި ތެދުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "މީގެފަހުން އަހަރެން ދޮގު ހަދަނިއްޔޭ ނުބުނާތި! ދެން އެހެން ބުނެފިއްޔާ އަހަރެން ކަލޭގެ ގައިގައި ޖަހާނަން!"
"ރަސްގެފާނު" ހަޅޭއްލަވައިގަތެވެ. "މިބައިމީހުން ހައްޔަރުކުރޭ!"
ދެކުއްޖަކު ކުއްލިއަކަށް ޙަމަލާދީ أحمـد ގެ އަތްޕުޅުން ދުނިދަނޑި ފިރުކައިގަތެވެ. سعـد އަށް ޙަމަލާދޭންވެސް ތިންކުއްޖަކު މަސައްކަތް ކުރިއެވެ. ނަމަވެސް سعـد ކުއްލިއަކަށް ފުންމައިވަޑައިގެންގޮސް މާދުރަށް ޖެހިވަޑައިގެންފިއެވެ. ދެންތިބި ކުދީން އޭނާ ވަށައިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެސްފިޔަ ޖަހައިލާހައި އިރުކޮޅެއްގެ ތެރޭގައި އޭނާގެ ދުނިދަނޑީގައި ދުންޏެއް ރުވައިލައްވައިފައި އެކުދީންނާ ދިމާއަށް އަމާޒުކުރައްވައިފިއެވެ. ޙަމަލާދޭން އުޅުނު ކުދީން ކުރިއަށްދިޔުމުގެ ބަދަލުގައި ސިހިގެން ފަހަތަށްޖެހޭން ފަށައިފިއެވެ. އޭރު أحمـد ގެ ދުނިދަނޑި ޖަހައިގަތް ދެކުދީން ގެންދިޔައީ އޭނާގެ ދުނިއުރައިން ދުނިނަގަން މަސައްކަތް ކުރަމުންނެވެ. أحمـد އޭނާގެ ގޮށްމުށުން އެކުދީންގެ ކިބައިން ދިފާޢުވެވަޑައިގަންނަވަމުން ގެންދަވައެވެ. سعـد ދުނި އަމާޒުކުރައްވައިގެން ދެތިން ފިޔަވަޅެއް ކުރިއަށް ޖެހިވަޑައިގަންނަވާއިރަށް އެކުދީންވެސް ފަހަތަށް ޖެހިއްޖެއެވެ.
سعـد ވިދާޅުވިއެވެ. "ތިޔަ ދުނިދަނޑި އަވަހަށްދީ! އެހެންނޫނީ އަހަރެން ދުންޏެއް ޖަހައިފާނަން."
أحمـد ގެ ދުނިދަނޑި އަތުލި ކުދީން سعـد ގެ ޖުމުލަ ފުރިހަމަ ނުކުރެއްވެނީސް سعـد ގެ ފައިންޕުޅުދޮށަށް ދުނިދަނޑި އެއްލައިލައިފިއެވެ.
أحمـد ކުރިއަށް ޖެހިވަޑައިގެން އޭނާގެ ދުނިދަނޑި ނަންގަވައިފިއެވެ. އޭނާވެސް ދުނިދަނޑީގައި ދުންޏެއް ރުވައިލައްވައިގެން އޭނާގެ ބޭބެގެ އަރިހަށް ވަޑައިގެން ހުއްޓިވަޑައިގެންފިއެވެ. سعـد أحمـد ގެ އަރިހުގައި މަޑުމަޑުން ވިދާޅުވިއެވެ. "أحمـد! ކޮންމެވެސް ދުންޏެއް ނުޖައްސަވާތި!"
ރަސްގެފާނު ހުރީ ވަރަށް ފިކުރުބޮޑުވެ ހާސްވެފައެވެ. އޭނާ އިތުރަށް ކަންބޮޑުވާނެގޮތް ހެއްދެވުމަށްޓަކައި سعـد އޭނާގެ ދުނި ރަސްގެފާނާ އަމާޒު ކުރައްވައިފިއެވެ. ރަތްކުލައިގެ ތާކިހާ އަޅައިގެންހުރި ކުއްޖާ ކުރިއަށް ޖެހިލައިފައި ހަޅޭއްލަވައިގަތެވެ. "ރަޙުމަތްތެރިޔާ! މީނާ ކަލެޔާ ސަމާސާކުރަނީ. ކޮންމެސް ކޮންމެސް ދުންޏެއް ދޫކޮށްނުލާތި! މީނާގެ ބައްޕައަކީ މިރަށުގެ ސިފައިންގެ ވެރިޔާ. މީނާ ޒަޚަމުވެވަޑައިގެންފިނަމަ ސިފައިން ކަލޭ ހައްޔަރުކޮށްގެން ގެންދާނެ!"
سعـد ވިދާޅުވިއެވެ. "މީނާ ފިލައިވަޑައިގަންނަވަން އުޅުއްވައިފިއްޔާ ދުނި އުކާނަން!"
އެޖަމާޢަތުގައި އެންމެ ހަގަށްތިބި ތިންކުދީން ބަގީޗާގެ ދޮރޯއްޓާ ވަރަށް ކައިރިއަށްގޮސް އެހީއަށްއެދި ހަޅޭއްލަވަމުން ގެންދެއެވެ.
سعـد "ރަސްގެފާނާ" ދިމާއަށް ވިދާޅުވިއެވެ. "މަނިކުފާނުގެ ރަސްކަން މިހާރުވަނީ އަޅުގަނޑުގެ ބާރުގެ ދަށުގައި! މިހާރު ރަސްކަލަކީ އަޅުގަނޑު. އަޅުގަނޑު އަމުރުކުރާން މިފެންގަނޑަށް ފުންމައިލައްވާ!"
ރަތްތާކިހާއެޅި ކުއްޖާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. "ނޫން. ނޫން. ތިޔަހެން ނުހަދާ! މީނާއަކަށް ފައްތަވާކަށެއް އެނގިވަޑައެއް ނުގަންނަވާ. މީނާ ގެނބިވަޑައިގެންފާނެ!"
ބަގީޗާގެ މުސްކުޅި ޑަރޯގާ އެހައިތަނަށް ހީކޮށްގެންހުރީ އެކުދީން ސަމާސާކުރަނީ ކަމުގައެވެ. ނަމަވެސް މިހާރު ސަމާސާއަށްވުރެ މައްޗަށް ހިނގައްޖެކަމާއި ކުޅި ރުޅިއަށްވާން އުޅޭކަން އޭނާއަށް އެނގިއްޖެއެވެ. އޭނާ سعـد އާ މުޚާޠަބުކޮށް ބުންޏެވެ. "ދަރިފުޅާ! ހުސްއަތާހުރި މީހަކަށް ތީރުން ބިރުދެއްކުމަކީ ހިތްވަރުގަދަ ކަމެއްނޫން. ކަލޭ އޭނާއާ ހަނގުރާމަކުރާހިތްވާނަމަ ހަތިޔާރު ބަހައްޓައިފައި ދެކުދީން އެކަކު އަނެކަކާ ކުރިމަތިލާ!"
"އަހަރެން ހަނގުރާމަކުރާހިތްވަނީކީ ނޫން. ނަމަވެސް އޭނާ ހަނގުރާމަކުރާހިތްވާނަމަ އަހަރެން މިހިރީ ހުސްއަތާވެސް އޭނާއާ ކުރިމަތިލާން ތައްޔާރަށް." سعـد ވިދާޅުވެފައި އޭނާގެ ދުނިދަނޑި أحمـد ގެ އަރިހުގައި ބާއްވަވައިފިއެވެ. أحمـد އާ ތުރުކަސް ހަވާލުކުރައްވަމުން ވިދާޅުވިއެވެ. "أحمـد! ކޮއްކޮ ހުޝިޔާރުވެވަޑައިގެން އެހެންކުދީންނަށް ސަމާލުވެހުންނަވާތި!"
"ރަސްގެފާނު" ގެ ނަމަކީ زيـاد އެވެ. އޭނާ سعـد އަށްވުރެ ދޮޅުގުނަ އިސްކޮޅާއި ރޫފަ ރަނގަޅެވެ. އޭނާ އޭނާގެ ފަށުވި ތާކިހަލާއި އަބާ އޭނާގެ އެކުވެރިޔަކާ ހަވާލުކުރައްވައިފިއެވެ. އެއަށްފަހު އަތުކުރި އޮޅުއްވަމުން سعـد އާ ދިމާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعـد އާއި زيـاد އާ ދެބޭފުޅުން ހިއްޕަވާން ފައްޓަވައިފިއެވެ. ތަންކޮޅެއް ދުރަށް ޖެހިލައިގެންތިބި ކުދީންތައްވެސް ހިސާބަކަށް ހިތްހަމަޖެހިލައިގެން ކައިރިއަށް އަތުވެއްޖެއެވެ. ނަމަވެސް ބަގީޗާގެ ދޮރޯށި ކައިރީގައި ހަޅޭއްލަވަންތިބި ތިންކުދީން އެތިބަގޮތަށް ތިބީއެވެ.
زيـاد އޭނާގެ އެންމެފުރަތަމަ ޙަމަލައިގައި سعـد ވައްޓަވައިލެއްވިއެވެ. زيـاد ގެ އެކުވެރީން އުފަލުން ހަޅޭއްލަވަން ފެށިއެވެ. ނަމަވެސް سعـد ވަރަށް ހަލުއިކޮށް ފުންމައިވަޑައިގެން ތެދުވެވަޑައިގެންފިއެވެ. سعـد އަށް ހަމަޖެހިލެއްވުމުގެ ފުރުޞަތެއް ނުދެއްވައި زيـاد سعـد ގެ މޫނުފުޅުމަތީގައި ގޮށްމުށުން ޖައްސަވައިފިއެވެ. އެ އެތިފަހަރުގެ ވަރުގަދަކަމުން سعـد ދެއަތަށް ކާލިއަޅަމުން ދެތިން ފިޔަވަޅު ފަހަތަށް ޖެހިވަޑައިގެންނެވިއެވެ. ރަތްކުލައިގެ ތާކިހާއެޅި ކުއްޖާ ހަޅޭއްލަވައިގަތެވެ. "زيـاد! ތިޔަ ހިއްޕަވަނީކީ ނޫން! ހަނގުރާމަ ކުރައްވަނީ. ތިޔައީ ރަނގަޅު ގޮތެއްނޫން!"
سعـد زيـاد ގެ ދެވަނަ އެތިފަހަރު އޭނާގެ މުލައްދަނޑިފުޅުން މަތަކުރައްވައިފިއެވެ. އެއާއެކު
زيـاد ގެ ކަނދުރާފުޅުމަތީގައި ވަރުގަދަ ދެ ގުއްޓު އަޅުއްވައިލެއްވިއެވެ. އެހައިތަނުން ދެބޭފުޅުން ވަރުގަދަޔަށް ތަޅައިފޮޅުއްވަން ފައްޓަވައިފިއެވެ.
* * * * * * * * * * *
سعـد ގެ ކޮއްކޮ حسن ބޭބެމެން ލަސްވާތީއާއި المـــاس ގެ ގުގުރީގެ އަޑާހުރެ ފޫހިފުޅުވެގެން ވަޑައިގެންނެވީ ބަގީޗާއާ ދިމާއަށެވެ. އެންމެފުރަތަމަ ބަގީޗާ ހުރަސްކުރައްވައި ދެވަނަ ބަގީޗާ ކައިރިއަށް ވަޑައިގެންނެވުމާއެކު އޭނާއަށް ކުދީން ހަޅޭއްލަވާ އަޑު އިވިވަޑައިގެންފިއެވެ. އޭނާ ވަރަށް ބާރަށް ދުވެފައި ވަޑައިގެންފައި ވަޑައިގެން ދެވަނަ ބަގީޗާގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. ބޭރު ކުދިބައެއްގެ ތެރޭގައި سعـد އާއި زيـاد އާ ގުޅަމަތިހިއްޕަވާތަން ފެނިވަޑައިގަތުމާއެކު އޭނާ އިތުރު ވިސްނުންފުޅަކާނުލައި ދުނިދަނޑި އެއްލެއްވިއެވެ. އެއަށްފަހު ދޮރޯށިދޮށުގައި ހަޅޭއްލަވަންތިބި ތިންކުދީންނާ ދިމާކޮށްލައްވައިފިއެވެ. އޭގެތެރެއިން އެއްކުއްޖަކީ حسن އާ އެއްއުމުރެއްގެ ކުއްޖެކެވެ. އަނެއް ދެކުދީން އޭނާއަށްވުރެ ތަންކޮޅެއް ދޮށްޓެވެ. حسن ގެ އެންމެ ފުރަތަމަ އެތިފަހަރު އެރީ އެއްކުއްޖެއްގެ މޫނުމައްޗަށެވެ. އޭނާ ހަޅޭއްލަވަމުން އާފަލުގަސްތަކާ ދިމާއަށް ދުވެފައި ހިނގައްޖެއެވެ. حسن ޙަމަލާދެއްވި ދެވަނަ ކުއްޖާ حسن އާ ޙަމަލާދޭން ފަށައިފިއެވެ. ތިންވަނަކުއްޖާ އޭނާގެ އެކުވެރިޔާ حسن އާ ހަނގުރާމަކުރާން ދޫކޮށްލައިފައި ވީރާނާވެފައިހުރި ފާރެއްގެ މައްޗަށް އަރައިފިއެވެ. حسن އޭނާ ޙަމަލާދެއްވި ކުއްޖާއާ ވަރަށްގިނައިރުވަންދެން ތަޅައިފޮޅުއްވިއެވެ. ދެކުދީންގެ ހެދުން ވީދިއްޖެއެވެ. ދެކުދީންވެސް ވަރުބަލިވެއްޖެއެވެ. ނަމަވެސް އެކަކުވެސް ހުއްޓައިލާހިތެއް ނުވިއެވެ. ފާރުމައްޗަށް އަރައި ހަޅޭއްލަވާންހުރި ކުއްޖާ سعـد އާއި زيـاد އޮޅުލާ މަންޒަރު ބަލަންތިބި ކުދީން އެދިމާއަށް ސަމާލުކުރުވައިފިއެވެ. ރަތްތާކިހާ އެޅި ކުއްޖާ ދުވެފައި އައިސް ދެކުދީން ދުރުކުރުވައިފިއެވެ. حسن ގެ އެއްލޯފުޅު ހުރީ ދުޅަވެފައެވެ. އޭނާއާ ތަޅާފޮޅި ކުއްޖާގެ ނޭފަތުން ލޭ އާދެއެވެ. ރަތް ތާކިހާއެޅި ކުއްޖާ ސުވާލުކުރިއެވެ. "އަޅެ ކީއްވެ ކަލޭމެން ދެމީހުން ތިޔަ ހަނގުރާމަކުރަނީ؟"
حسن އާ ތަޅާފޮޅި ކުއްޖާ ޖަވާބުދިނެވެ. "މީނާކުރެން އަހައިބަލަ އަހަރެން ކީއްތޯކުރީ! މީނާ ބަގީޗާއަށް ވަނުމާއެކު އަހަރެމެންނާ ޙަމަލާދީފި!"
حسن ވިދާޅުވިއެވެ. "ކަލޭމެން އަހަރެންގެ ބޭބެމެންނާ ތަޅައިފޮޅަނީ ކީއްވެ؟"
ރަތްތާކިހާ އެޅި ކުއްޖާ ބުންޏެވެ. "އެއީ ކަލޭގެ ބޭބެމެންތަ؟ ބަލަ އެމީހުން ގަދަވާ މީހަކު ބަލަން އޮޅުލަނީކީނޫންތަ؟"
حسن އަށް އޭނާގެ ކުޑަބެ أحمـد ފެންގަނޑުގެ ދޫނިފަތްމަތީގައި ހަމަޖެހިވަޑައިގެން ހުންނަވަނިކޮށް ފެނިވަޑައިގަތުމުން އޭނާވެސް ހިތްޕުޅު ހަމަޖެހިއްޖެއެވެ.
ރަތްތާކިހާ އެޅި ކުއްޖާ ބުންޏެވެ. "ކަލޭވެސް އާދޭ ހިފާތަން ބަލަން."
އޭރު سعـد زيـاد ބަލިކޮށްލައްވައިފިއެވެ. ނަމަވެސް سعـد ގެ މޫނުފުޅުމަތީން زيـاد ގެ އެތިފަހަރުގެ ނިޝާން ފެނިވަޑައިގެންފައި حسن އަކަށް ހިމޭނަކުން ނުހުންނެވުނެވެ. އޭނާ އެހެންކުދީންނަށްވުރެ މާބާރަށް ހަޅޭއްލަވަމުން ގެންދެވިއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު