ކުޅިވަރު

ވެންޑައިކްގެ އަސަރުގަދަ މެސެެޖެއް، "އެނބުރި އަންނާނީ ވަރުގަދަކޮށް"

ކަކުލުގެ އަނިޔާއަކާ ގުޅިގެން ސާޖަރީއަކަށް ދާން ތައްޔާރުވެފައިވާ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އޭނާގެ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފިއެވެ.

ވެންޑައިކްގެ އޭސީއެލް ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާއަށް މި ސީޒަން އެއްކޮށް ގެއްލޭނެ ކަމަށް ބެލެވެއެވެ. އެ އަނިޔާގެ ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކި ވެންޑައިކް މީސް މީޑިއާ މެދުވެރިކޮށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެނބުރި އަންނާނީ މިހާރަށް ވުރެ ވަރުގަދަކޮށް ކަމަށާއި، ހަޔާތުގައި ދިމާވާ ދަތި ދުވަސްތަކުގައި ހިތްވަރު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ހާއްސަ ޑޮކްޓަރަކާއެކު މިހާރުވެސް ރިހިބްލިޓޭޝަން ފަށައިފިން. ހުރިހާ ފޯކަސްއެއް ހުރީ ވީ އެންމެ އަވަހަކަށް ދަނޑު މައްޗަށް ނުކުތުމަށް. އަހަންނަށް ވެސް ލިބުނު ވަރަށްބޮޑު ނުތަވަސްކަމެއް މިއީ. އެކަމަކު އަހަންނަކީ ދަތި ވަގުތުތަކަކީވެސް ހާއްސަ ފުރުސަތެއްކަން ގަބޫލުކުރާ މީހެއް. ފުޓުބޯޅައިގައި އެކަންޏެއް ނޫން. ހަޔާތުގެ ކޮންމެ ކަމެއްވެސް މެދުވެރިވާނީ ސަބަބަކަށް. އެކަމަށް ވިސްނައި، އުނދަގޫ ވަގުތުތަކުގައިވެސް ހިތްވަރު ކުރަން ޖެހޭނެ. އަންހެނުންނާއި ދަރިންގެ އިތުރުން މުޅި އާއިލާއާއި ލިވަޕޫލްއާއެކު އަހަރެން މި ކުރިމަތިލަނީ ބޮޑު ޗެލެންޖަކަށް،" އުމުރުން 28 އަހަރުގެ ވެންޑައިކް ބުނެފައި ވެއެވެ.

ވެންޑައިކް ބުނެފައި ވަނީ ސަޕޯޓަރުންގެ ހާއްސަ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި، ލިވަޕޫލްގެ ކުޅުންތެރިންނަށް ދެވުނު ގޮތަކަށް ހިތްވަރު ދޭން ތައްޔާރަށް ހުރި ކަމަށެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަންގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ވެންޑައިކް ކުޅެފައި ވެއެވެ. ލިވަޕޫލުން މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރި އިރުވެސް އެންމެ މުހިއްމު ރޯލެއް ކުޅުނު ވެންޑައިކްއަކީ އޭގެ ކުރީ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށް، ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ.

އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކުލަކުން ވެންޑައިކްގެ ފަޔަށް ތަދު ވެ، ޑާބީ މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހިފައި ވެއެވެ. ވެންޑައިކްގެ ކަކުލަށް އަނިޔާވެ ރޭގެ މެޗުން ބާލައިގެން ގެންގޮސްފައި ވަނީ ސީދާ ހޮސްޕިޓަލަށެވެ. އެވަޓަންގެ އޭރިއާ ތެރެއިން ޕިކްފޯޑް، ވެންޑައިކް ފަޔަށް ކުރި ޓެކުލަށް ޕެނެލްޓީއެއް ނުދިނުމުން އެކަމާ ކޯޗު ޔާގަން ކްލޮޕް ވަނީ މެޗުގައި ޝަކުވާ ވެސް ކޮށްފައެވެ. ރެފްރީ އެ ޓެކުލަށް ޕެނެލްޓީ ނުދޭން ނިންމީ، އެ ބޯޅައަށް ވެންޑައިކް މަސައްކަތް ކުރިއިރު، އޮފްސައިޑް މަގާމެއްގައި އޮތުމުން ކަމަށް ބެލެވެއެވެ. ފައުލެއް ދިނުމަށް ރެފްރީ ވަނީ މެޗު ތެރެއިން ވީއޭއާރް ޗެކަކަށް ގޮސްފައެވެ.

ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ ވެންޑައިކްގެ އަނިޔާއިން ރަނގަޅު ވެ ދަނޑު މައްޗަށް ނުކުންނަށް އަށް މަސް ނޫނީ ނުވަމަސް ނަގާނެ ކަމަށެވެ. އެހެން ކަމަށް ވާނަމަ ވެންޑައިކަށް މި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލޭނެއެވެ.