ތޫނު އެއްޗަކުން ޒަހަމް ވެގެން ރޭ އޭޑީކޭގައި ފަރުވާދިން މީހާ އަށް އަނިޔާވީ ސައިކަލުގައި ދަނިކޮށް، އަންހެނުންގެ ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ޒަހަމްވި މީހާ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޒަހަމް ވެފައި ވަނީ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ މެނޭޖިން ޑައިރެކްޓަރު، އިބްރާހީމް ރަޝީދު (މާމިގިލީ އިބޫ) އެވެ.

މި ހާދިސާއާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ އަނިޔާ ވި މީހާ ޒަހަމް ވެފައިވަނީ އޭނާގެ އަންހެނުންނާއެކު ސައިކަލުގައި ދަނިކޮށް ކަމަށް އެމީހާ ފުލުހުންނަށް މައުލޫމާތު ދިން ކަމަށެވެ.

މީގެ އިތުރުން ސައިކަލުގައި ދިޔަ ވަގުތު އަންހެން މީހާގެ ދަބަހުގައި ކަޓަރެއް އޮތް ކަމަށާއި، މިޒަހަމަކީ ގަސްދުގައި ދީފައިވާ އަނިޔާއެއް ނޫން ކަމަށް ޒަހަމްވި މީހާ ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެއެވެ.

މި މައުލޫމާތު ވެރިފައިކުރުމުގެ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިބޫއަށް ބަޔަކު ހަމަލާ ދިނީ ކަމަށް ސޯޝިއަލް މީޑިއާގައި ރޭ ވަނީ ހަބަރުތައް ފެތުރިފަ އެވެ.