ބޮލީވުޑްގެ މަޝްހޫރު ބަތަލް ޓައިގާ ޝްރޮފް ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ކަމަށް އިންޑިއާގެ މުނިފޫހިފިލުވާ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

ވިކާސް ބާލް ޑައިރެކްޓްކުރާ އެ ފިލްމުގެ ނަމަކީ "ގަންޕަތު" އެވެ. ގަންޕަތުގައި ޓައިގާ ބޮކްސާއެއްގެ ރޯލު ކުޅޭއިރު މި ފިލްމަކީ ސްޕޯޓްސް ޑްރާމާއެކެވެ. ފިލްމު ކުޅުމަށް ޓައިގާ މިހާރު ޓްރެއިނިން ފަށާފައިވާއިރު ގަންޕަތުގެ ޕޯސްޓަރު ފޮޓޯ ނެގުން އޮންނާނީ އަންނަ މަހެެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ ޑިސެމްބަރު މަހުގައެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގައި އަންހެން ލީޑު ކުޅޭ ތަރިއެއް އަދި އާންމުކޮށްފައި ނުވާއިރު ފިލްމުގެ އިތުރު ތަރިންނެއް ވެސް އަދި އާއްމެއް ނުކުރެ އެވެ.

މުމްބާއީގައި ދިރިއުޅޭ ވަރުގަދަ ބޮކްސިން ތެޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ އެ ފިލްމަކީ އެކްޓަރު ޓައިގާ އާއި ވިކާސް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.