މާލޭގައި ތޫނު އެއްޗަކުން ޒަހަމްވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމަކާއެކު އޭޑީކޭ ހޮސްޕިޓަލަށް މީހަކު ފަރުވާ ހޯދަން ގޮސްފައިވާ ކަމުގެ ރިޕޯޓެއް މިރޭ 10:51 ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ އެއްވެސް ތަފްސީލެއް ނުދީ ފުލުހުން ބުނީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"ވަން" އަށް މައުލޫމާތު ދިން ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، ޒަހަމްތަކަކާއެކު އޭޑީކޭގައި ފަރުވާ ހޯދަމުން އަންނަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އެވެ. އަދި އޭނާ ޒަހަމްވީ މީހަކު ދިން ހަމަލާއެއްގައި ކަމެއް ބެލެވެން ނެތް ކަމަށް މަސްދަރުތަކުން ބުންޏެވެ.

ނަމަވެސް އެކަން "ވަން" އަށް ކަށަވަރުވެފައި ނުވާއިރު، ފުލުހުން ވެސް އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މިރޭ މާލޭގައި ޒަހަމްތަކެއް ލިބިފައި ހުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އައްޑޫ ސިޓީ ހިތަދޫގައި ހިންގި ގުރޫޕް މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ.