ޚަބަރު

ކުޅުދުއްފުށީގައި ވަނީ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައި: އެޗްއީއޯސީ

އަލީ ޔާމިން

ހދ. ކުޅުދުއްފުށީގައިި ކޮވިޑުގެ ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ލޯކަލް ޓްރާންސްމިޝަނަކީ ކޮވިޑުގެ އެއް ކޭސް އަނެއް ކޭސްއާ ގުޅިފައިވުމުން ނުވަތަ ލިންކުވުމުން ކިޔާ އުޅޭ ނަމެކެވެ. އެއްވެސް ލިންކެއް ނެތް ނުވަތަ ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތަކެއް ފެންނަން ފަށައިފިނަމަ އެއީ ކޮމިއުނިޓީ ސްޕްރެޑެކެވެ. މިހާތަނަށް ކޮވިޑުގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތީ މާލޭ ސަރަހައްދުގައި އެކަންޏެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން ރޭގެ ވަގުތެއްގައި ވެސް ކުޅުދުއްފުށިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެ އެވެ. އެއާއެކު އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 19 އަށް އަރާފައިވާއިރު އެރަށުގައި މިވަގުތު ކޮވިޑް ޖެހިފައިވާ 11 މީހަކު އެބަ ތިއްބެވެ. އަދި އެރަށަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

އެޗްއީއޯސީން ބުނީ، އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކުޅުދުއްފުށީގައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ޓާސްކު ފޯހާއި އެޗްޕީއޭގެ ޓެގު ޓީމާއެކު މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޝްވަރާތައް ކުރެވި އިރުޝާދު ދެވިފައިވާ ކަމަށް ބުންޏެވެ.

ކުޅުދުއްފުށިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އެއީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެއާއެކު ކުޅުދުއްފުށި ހިމެނޭހެން އުތުރުގެ ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. ނަމަވެސް ފަހުން ވަނީ އެ ހުރިހާ ރަށެއް މޮނީޓަރިންގެ ހާލަތު އުވާލައިފަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއަކީ ފަހުގެ ތާރީހެއްގައި މާލެ އައިސްފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އެކި މަސައްކަތްތަކުގައި އެހެން ރަށްރަށަށް ދިޔަ ކަމަށް ވިދާޅުވި އެވެ.