ކުޅިވަރު

ވެންޑައިކް ކަކުލުގެ ސާޖަރީއަކަށް، ލިވަޕޫލަށް ފޫ ނުބެއްދޭވަރުގެ ގެއްލުމެއް

އެވަޓަންއާ ދެކޮޅަށް މި ހަފްތާގައި ލިވަޕޫލުން ކުޅުނު މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ސާޖިރީއަކަށް ދާން ޖެހިއްޖެއެވެ.

ކަކުލުގެ ލިގަމެންޓްގެ އެންޓީރިއާ ކްރޫސިއޭޓް ލިގަމެންޓް (އޭސީއެލް)އަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ވެންޑައިކް ސާޖަރީއަކަށް ދާން ޖެހިފައިވާކަން އޭނާގެ ސްކޭންތައް ބެލުމަށްފަހު ހާއްސަ ޑޮކްޓަރަކު ވަނީ ޔަގީން ކޮށްދީފައެވެ. ވެންޑައިކްގެ ސާޖަރީ ހަދާނެ ތަނަކާއި ވަގުތެއް ލިވަޕޫލުން އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ސާޖަރީގެ ސަބަބުން އެނބުރި ކުޅުމަށް އަންނާނެ ވަކި ތާރީހެއްވެސް އިއުލާން ކޮށްފައެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީގައި ލިވަޕޫލާ ގުޅުނު ޑިފެންޑަރު ވެންޑައިކަކީ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މިދިޔަ ދެ ސީޒަންގައި ލިވަޕޫލުން ކުޅުނު ހުރިހާ މެޗެއްގައި ވެންޑައިކް ކުޅެފައި ވެއެވެ. ލިވަޕޫލުން މިދިޔަ ސީޒަންގެ ލީގު ކާމިޔާބުކުރި އިރުވެސް އެންމެ މުހިއްމު ރޯލެއް ކުޅުނު ވެންޑައިކްއަކީ އޭގެ ކުރީ ސީޒަންގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށް، ބެލޮންޑިއޯގެ ގަދަ ތިނެއްގައިވެސް ހިމެނިފައެވެ.

އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކުލަކުން ވެންޑައިކްގެ ފަޔަށް ތަދުވެ، ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހިފައި ވެއެވެ. ވެންޑައިކްގެ ކަކުލަށް އަނިޔާވެ ރޭގެ މެޗުން ބާލައިގެން ސީދާ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ. އެވަޓަންގެ އޭރިއާ ތެރެއިން ޕިކްފޯޑް، ވެންޑައިކް ފަޔަށް ކުރި ޓެކުލަށް ޕެނެލްޓީއެއް ނުދިނުމުން އެކަމާ ކޯޗު ޔާގަން ކްލޮޕް ވަނީ މެޗުގައި ޝަކުވާ ވެސް ކޮށްފައެވެ. ރެފްރީ އެ ޓެކުލަށް ޕެނެލްޓީ ނުދޭން ނިންމީ، އެ ބޯޅައަށް ވެންޑައިކް މަސައްކަތް ކުރިއިރު، އޮފްސައިޑް މަގާމެއްގައި އޮތުމުން ކަމަށް ބެލެވެއެވެ. ފައުލެއް ދިނުމަށް ރެފްރީ ވަނީ މެޗު ތެރެއިން ވީއޭއާރް ޗެކަކަށް ގޮސްފައެވެ.

ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައި ވަނީ ވެންޑައިކްގެ އަނިޔާއިން ރަނގަޅުވެ ދަނޑު މައްޗަށް ނުކުންނަށް އަށް މަސް ނޫނީ ނުވަމަސް ނަގާނެ ކަމަށެވެ. އެހެން ކަމަށްވާނަމަ ވެންޑައިކަށް މި ސީޒަން އެއްކޮށް ކަހަލަ ގޮތަކަށް ގެއްލޭނެއެވެ.