ކުޅިވަރު

ކޮވިޑް 19 ޖެހިފައި ހުރި ނަމަވެސް ޑާބީގައި ކުޅެން ނިންމިން: ޒްލަޓާން

މުޙައްމަދު ޝަމްޢޫން

ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ހުރި ނަމަވެސް މިލާން ޑާބީގައި ކުޅެން މާ ކުރިން ނިންމާފައި ވާނެ ކަމަށް އޭސީ މިލާންގެ ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ސްވިޑެންގެ ފޯވަޑް ޒްލަޓާން އަށް ކޮވިޑް ޖެހުނުކަން މިލާންއިން އިއުލާން ކުރިއެވެ. ކޮވިޑުން ރަނގަޅުވެ މިމަހު 11 ވަނަ ދުވަހު ޒްލަޓާން އަނބުރާ ތަމްރީނުތަކަށް ނުކުމެފައިވާއިރު، ސެރެއާ އޭގައި ރޭ ކުޅުނު މިލާން ޑާބީ މެޗުގައި ވިދާލީވެސް އޭނާއެވެ. ރޭގެ މެޗުގައި އޭސީ މިލާނުން 2017 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިންޓަ މިލާން ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި އޭސީ މިލާންގެ ދެ ގޯލްވެސް ޖަހައިދިނީ އުމުރުން 39 އަހަރުގެ ޒްލަޓާންއެވެ. ރޭގެ މެޗުގައި އިންޓަގެ ގޯލް ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ.

އުމުރަކަށް ބެލުމެއް ނެތި މި ސީޒަންގައި ތަފާތު ދައްކަމުން އަންނަ ޒްލަޓާންއަށް ކޮވިޑް ޖެހުނު ފަހުން ކުޅުނު ފުރަތަމަ މެޗުގައި އޭސީ މިލާން މޮޅުކޮށްދީ، އެ ޓީމަށް ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިދިނުމަށް މުހިއްމު ރޯލެއް އަދާކޮށްފައި ވެއެވެ. މިވަގުތު އޭސީ މިލާން އޮތީ ތާވަލުގެ އެއްވަނައިގައެވެ.

"ކުޑަކޮށް ރަހަ ނުލުމުގެ މައްސަލައެއް ދިމާވީ. އެހެން އެއްވެސް އަލާމާތެއް ނުފެނޭ. ކޮންމެ ތިން ދުވަހަކުން ބަލަން ރަނގަޅު މެންޓާލިޓީއެއްގައި ހުރުމަށް. އޭރު އަހަރެން ނިންމިން ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން ހުރެވެސް ޑާބީގައި ކުޅެން،" މެޗަށްފަހު ޒްލަޓާން ބުނެފައި ވެއެވެ.

ޒްލަޓާން ބުނެފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް މިހާރު ތަޖުރިބާގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފޭ ކަމަށާއި، ޒުވާން ޅަ ކުއްޖެއްގެ ހަށިގަނޑުގައި ހުރި ނަމަވެސް މިހާރު ހިފަހައްޓައި ނުލެވޭނެ ކަމަށެވެ.

އޭސީ މިލާނުން އެންމެފަހުން ލީގު ކާމިޔާބުކުރީ 2010-11 ވަނަ އަހަރުގެ ސީޒަންގައެވެ. ކުރިން ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކްލަބު އޭސީ މިލާނަށް އެންމެ ފަހުން ތަށްޓެއް ލިބިފައި ވަނީވެސް 2016 ވަނަ އަހަރުއެވެ. އެއަހަރު އޭސީ މިލާނުން ވަނީ އިޓަލީގެ ކަޕް ކާމިޔާބު ކޮށްފައެވެ.