ވިޔަފާރި

އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އުރީދޫއަށް

އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގައި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމް ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް ކާމިޔާބުކޮށް، އޭޝިޔާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ސަތާރަ ވަނަ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް އިން އުރީދޫ މޯލްޑިވްސް އަށް ވަނީ އަހަރުގެ އެންމެ އީޖާދީ ކުންފުނީގެ ގޯލްޑް ސްޓީވީ އެވޯޑް އަދި އެންމެ އީޖާދީ ކަސްޓަމަރު ސާވިސް ފޯރުކޮށްދޭ ކުންފުނީގެ އެވޯދްސް ވެސް ލިބިފަ އެވެ. އަދި ގޯލްޑް ސްޓީވީ އެވޯޑްތަކުގެ އިތުރުން ވެސް އެ ކުންފުނިން ވަނީ ފަހުރުވެރި އެތައް އެވޯޑެއް ޔަގީންކޮށްފަ އެވެ.

17 ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އިން ލިބިފައިވާ އެވޯޑުތައް

  • • ގޯލްޑް ސްޓީވީ - ކޮންޕެނީ އޮފް ދަ އިޔާ (ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން، މެދު ފަންތީގެ ވިޔަފާރިތައް)
  • • ސިލްވާ ސްޓީވީ - މޯސްޓް އިނޮވޭޓިވް ކޮންޕެނީ އޮފް ދަ އިޔާ (2500 މުވައްޒަފުނާ ހަމައަށް)
  • • ބްރޮންޒް ސްޓީވީ - މޯބައިލް ސައިޓް އެންޑް އެޕް (ވިޔަފާރި)
  • • ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް

އޭޝިއާ ޕެސިފިކް އެވޯޑްސް އިން ލިބިފައިވާ އެވޯޑުތައް

  • • ގޯލްޑް ސްޓީވީ - އެވޯޑް ފޮ އިނޮވޭޝަން އިން އެޕްސް
  • • ގޯލްޑް ސްޓީވީ - އެވޯޑް ފޮ އިނޮވޭޝަން އިން ކަސްޓަމަރު ސާވިސް
  • • ސިލްވާ ސްޓީވީ - އެވޯޑް ފޮ އެކްސަލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ

މި އެވޯޑްތައް ލިބުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވީ، ރާއްޖޭގެ މުޖުތަމައުތައް ގުޅުވާލަދީ، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ކަމެއް ގެނެސްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތް ފާހަގަކޮށް، އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓެލެކޮމިއުނިކޭޝަންސް ކުންފުނީގެ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ފާއިތުވީ އަހަރުގެ ތެރޭގައި އެކަނިވެސް، އުރީދޫން ވަނީ އުރީދޫގެ ނެޓްވޯކް އަދި ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ. މީގެ އިތުރުން އެތަކެއް އީޖާދީ ހިދުމަތްތަކެއް ވެސް ވަނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކޮށްދީފަ. ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތަކުގެ އިތުރުން، އެމް-ފައިސާގެ ހިދުމަތާއި އީ-ކޮމާސްގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމުގެ ގޮތުން ލައިފްސްޓައިލް އެޕަކަށް އުރީދޫ އެޕް ވެސް ވަނީ ބަދަލުކުރެވިފަ،" ނަޖީބް ހާން ވިދާޅުވި އެވެ.

އުރީދޫގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް ސާބަސް ދެއްވައި ނަޖީބު އިތުރަށް ވިދާޅުވީ، އެ ހިތްވަރާއެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އާ އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް އެޗްޑީ ވޮއިސްގެ ހިދުމަތާއި ވޮއިސް އޯވާ ވައިފައިގެ ހިދުމަތާއެކު ކަސްޓަމަރުންގެ ކޯލް ކޮލިޓީ ވަރުގަދަކޮށްދީ، ފެންވަރު ރަނގަޅު އިންޓަނެޓް، އުރީދޫ ސުޕަނެޓް ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 65 ޕަސެންޓަށް ފޯރުކޮށްދީފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އޭގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ސެލްފް ކެއާ އެޕްގެ އަޕްގްރޭޑާއެކު، އުރީދޫގެ މޯބައިލް މަނީ ހިދުމަތް އެމް-ފައިސާ އަދި އީ-ކޮމާސް ޕްލެޓްފޯމް މޫލީގެ ހިދުމަތް ވެސް އެއް ޕްލެޓްފޯމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ހިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ،" އުރީދޫން ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، އުރީދޫ ގްރޫޕާއި ގުޅިގެން ރާއްޖޭގައި ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިން ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން މި ޕެންޑެމިކާ ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުން އަންނަ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި ކޮވިޑާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި އޮންލައިންކޮށް ކިޔަވައިދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.