ވާހަކަ

ހިޔާ - 37

5

(ސަތުތިރީސްވަނަ ބައި)

"ބައްޕާ.... މަންމަ އާއި ކޮއްކޮ ދިޔަތަނެއް ބައްޕައަށް އެނގޭތަ؟ މަންމަމެން އުޅޭ އިމާރާތަށް ދިޔައިރު އެ ދެމީހުންވެސް ނެތް އެތާކު...." ލަބީބުގެ ތަނަވަސް ކޮޓަރިއަށް ވަދެގެން ދިޔަ ޖިނާހު ކަންބޮޑުވުމަކާއެކީ ވާހަކަ ދެއްކި އެވެ.

"ނެތްތަ؟" ރީތިވާ މޭޒު ކުރިމަތީގައި ހުރެ ގަމީހުގެ މަތިން ކޯޓު ލަމުން ދިޔަ ލަބީބް ވަކި ފަރުވާލެއްނެތި ބުނެލި އެވެ.

"އާނއެކޭ ބައްޕާ .... އެ އެޕާޓްމެންޓުގެ ތިރީ ބައިގަ އުޅޭ މީހުން ކައިރިން ސުވާލުކުރީމަ އެމީހުން ބުނީ މަންމަ ލޫލޫ ގޮވައިގެން ދިޔައީ ބަނދަރަށޭ. އެކަމަކު ބަނދަރަށް ދިޔައިރު އެތަނުން ވެސް ފެންނާކަށް ނެތް ..." ޖިނާހުގެ އަޑުގައިވި ކަންބޮޑުވުމަށް އޭރުވެސް ބަދަލެއް ނާދެ އެވެ.

ލަބީބު ޖިނާހު ބުނި ވާހަކައަށް އެއްޗެކޭ ބުނަން އުޅުނު ތަނާހެން ކޮޓަރީގެ ދޮރުމައްޗަށް އެރީ ނަލަ ހެދިލައިގެން ބުރުގާއާއި އެކީ ދިވެހި ދިގު ހެދުމެއް ލައިގެން ހުރި މެދު އުމުރުގެ އަންހެނެކެވެ.

"ލަބީބު އަދިވެސް ތައްޔާރު ނުވަނީތަ؟ ޖަލްސާއަށް ދާން އެއޮތްގެން ގަޑި ޖެހެނީ ..." އަންހެން މީހާ ހިނިތުންވުމަކާއެކީ ލަބީބްއާ ވާހަކަ ދެއްކީ އެއަށްވުރެ ކައިރީގައި ހުރި ޖިނާހަށް ސަމާލުކަމެއް ދިނުމެއް ނެތި އެވެ.

"ނޫނޭ ހަމަ މި ނިމުނީ ތައްޔާރުވެ. މި އަންނަނީ އިނގޭ؟" ލަބީބް ވެސް އެ އަންހެން މީހާއަށް ބަލައިލަމުން އެހެން ބުނެލީ ހިނިތުންވުމަކާ އެކީގަ އެވެ. ޖިނާހު ދެންމެ ބުނެލި ވާހަކައާމެދު އޭނާގެ ކުޑަވެސް ފިކުރެއް ނެތް ފަދަ އެވެ.

"ބައްޕާ!" އެކަން ފާހަގަވި ޖިނާހަށް އެ ނަމުން ގޮވައިލެވުނީ ރުޅިވެރިކަމާއެކީގަ އެވެ. އެއާއެކު ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ޖިނާހަށް ބަލައިލި ލަބީބަށް ޖިނާހުގެ ގޮށްޖެހިފައިވި ބުމައާއި މުއްކެވިފައިވި އަތް ފާހަގަވި އެވެ. އެ މަންޒަރު ފެނި ލަބީބް ދޮރުމަތީގައި ހުރި އޭނަގެ އަންހެނުންނަށް ބޮލުން އިޝާރާތް ކުރީ އެތަނުން ދިޔުމަށެވެ. އެ އަންހެން މީހާ އެ އިޝާރާތް ދޭހަކުރަމުން އެތަނުން ދިޔަ އެވެ. އެއާއެކު ލަބީބް ޖިނާހާއި ކުރިމަތިލި އެވެ.

"ކީކޭ ޖިނާހު؟!" ލަބީބް ޖިނާހަކީ އުދަގުލެއްހެން ހީވާ ފަދައަކުން ސުވާލުކުރި އެވެ.

"ކީކޭ ހެއްޔޭ؟! އަހަރެން މި ދައްކަނީ ހަމައެކަނި އަހަރެންގެ މަންމަގެ ވާހަކައެއް ނޫން. މި ދައްކަނީ ބައްޕަގެ އަލަތު އަނބިމީހާގެ ވެސް ވާހަކަ. ބައްޕަގެ އަލަތު ކައިވެނިން ލިބުނު ހަގު ދަރިފުޅުގެ ވެސް ވާހަކަ. ވައި ބާރު މޫސުން ގޯސް ރޭގަނޑެއްގަ އެ ދެމީހުން ގެއްލިގެން އުޅޭއިރު ކުޑަވެސް ފިކުރެއް ނުކުރަނީތަ؟!" ޖިނާހު ހަރުވަމުން ދިޔަ އަޑަކުން ސުވާލުކުރި އެވެ.

"ސީދާސީދަލަށް ބުނަންޏާ އާނ! އަހަރެން ފިކުރެއް ނުކުރަން. އެއީ އަހަރެންގެ ހަޔާތުން ނިމިފައި އޮތް ބާބެއް .... ދެން ދިޔައީ. މާޒީގައި އުޅުނު ބައެއްގެ ވާހަކަ ދައްކަން އަހަންނަށް ވަގުތެއް ނެތް!" ލަބީބް ވެސް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހެން ބުނެލަމުން ދާން އުޅުނެވެ. ލަބީބް ހިނގައިގަތް ހިނދު އައިސްފައިވި ރުޅީގައި ޖިނާހުގެ ދަތްކުނޑި ވިކުނެވެ. ލަބީބް އޭނާ ފަހަނަޅައި ދާން އުޅުނު ވަގުތު ޖިނާހު ވާހަކަ ދެއްކި އެވެ.

"ކިތަންމެ ދުވަހެއް ވިޔަސް އަހަރެން އެ އަޒީޒާ ގަބޫލެއް ނުކުރާނަން އަމިއްލަ މަންމަގެ ގޮތުގަ. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ބައްޕަ މަންމައަށް ބޭވަފާތެރިވީކަން. މަންމަ ވަރިކޮށްލީ ވަކި މަންމަގެ ކުށަކުންނެއް ނޫންކަން. މަންމައަށް ހަރަދުކުރަން ޖެހޭ ވަރަށް ނުވެސް ކުރާކަން .... އަހަރެން މި ގޭގަ އުޅޭ ހަމައެކަނި ސަބަބަކީ މަންމަ އެކަމަށް އެދުން. މަންމައާމެދު އަޅާނުލަންޏާ އަހަރެން މި ހުރިހާ ވާހަކައެއް މީސް މީޑިޔާއަށް ފަތުރާނެ ވާހަކަ ކުރިންވެސް އަންގާފަ އޮންނާނީ. މި ނޫން އެހެނިހެން ނުރައްކާތެރި ސިއްރުތައް ވެސް އަހަންނަށް އެނގޭކަން ބައްޕައަށް މާރަނގަޅަށް އެނގޭނެ. އެ ވާހަކަތައް ރައްޔިތުންނަށް އެނގިއްޖެއްޔާ ތި ސިޔާސީ ހަޔާތަށް ވާނީ ކިހިނެއްބާ؟" ޖިނާހު އިންޒާރެއް ދޭ ފަދައަކުން ބުނެލި ވާހަކައިން ލަބީބްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ހިނދު އިވުނު ވާހަކައިން ލަބީބުގެ ކަތުރުކަށިގަނޑަށް ބާރުވި އެވެ. އެހެނަސް އޭނަ ދެން ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.

"އެ ދެމީހުން އެރީ ނިޔާމަ ބޯޓަށް. އުތުރުގެ ރަށަކަށް ފުރަންވެގެންނޯ އަހަރެން އަޑުއެހީ. ފުރަނީ ކީއްވެގެންތޯ މަގޭ ކައިރިން އަހަން ނަހަދާތި! މަށަކަށް ނޭނގެ." ލަބީބް ޖިނާހަށް ބެލުމެއްނެތި އެހެން ބުނެލަމުން ޖިނާހަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ކޮޓަރިން ނިކުމެގެން ދިޔަ އެވެ.

ލަބީބަށް ބަލަން ހުރެހުރެފައި ޖިނާހަށް އެ ބޯޓުގެ ނަން އަމިއްލަ އަމިއްލައަށް ތަކުރާރުކުރަމުން ކުއްލި ގޮތަކަށް އޭނަގެ ފޯނު ނަގައި ދަތުރު ކުރާ ބޯޓުތަކުގެ މަޢުލޫމާތު އެނގޭ އޭނަގެ އެކުވެރިއަކަށް ގުޅައިލިއެވެ. އެ އެކުވެރިޔާ ބުނި ގޮތުގައި އެ ބޯޓު ވަނީ މީގެ ގަޑިއިރެއްހާއިރު ކުރިން ކުޅުދުއްފުށްޓަށް ދިޔުމުގެ ދަތުރު ފަށާފައެވެ. އެ އެކުވެރިޔާއާއި މާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ޖިނާހު ވަގުތުން އެ އެކުވެރިޔާ ކައިރިން ނިޔާމަ ބޯޓުގައި އުޅޭ ފަޅުވެރިއެއްގެ ނަންބަރު ހޯދުމަށްފަހު އެ ފަޅުވެރިޔާއަށް ގުޅައިލިއެވެ. އެކޮޅުން ފަޅުވެރިޔާ ފޯނު ނެގުމާއެކު ޖިނާހަށް ވާހަކަ ދެކެވުނެވެ.

"ހެލޯ....ތި ބޯޓުގަ ޖަލީލާ ނަމަކަށް ކިޔާ އަންހެނަކާއި އޭނަގެ އަންހެން ދަރިފުޅު ހުރިތޯ ބެލިދާނެތަ؟" ޖިނާހު އަވަސްއަވަހަށް ސުވާލު ކުރިއެވެ.

"ކޮޔާ މި ގަޑީގަ އެއްވެސް ކަމެއް ކުރެވޭކަށް ނެތް! ސިފައިންގެ މީހުން ވަނީ މި ބޯޓު ވަށާލާފަ. ކޮންމެވެސް ބަޣާވާތެއް ކުރަން އުޅޭ މީހަކު މި ބޯޓުގަ ހުރިކަމަށް ވަނީ. ފުލުހުންވެސް ބޯޓަށް އަރައިގެން އެބަ އުޅޭ މަސްތުވާތަކެތީގެ މައްސަލައެއްގަ. ބޯޓު އަނބުރާލާފަ މާލެއަށް އަންނަން މިހާރު މިއުޅެނީ...." އެ ފަޅުވެރިޔާ ދެއްކި ވާހަކައިން ޖިނާހުގެ ހިތުގައި އިތުރު ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއެކީ އޭނަ ފޯނު ކަނޑާލުމަށްފަހު މަޑުވެސް ކުރުމެއްނެތި ގެއިން ނިކުންނަން ދިޔައީ ބަނދަރަށް ދިޔުމަށެވެ.

ޖިނާހު ބަނދަރަށް ދިޔަތާ މާ ގިނައިރެއްނުވެ އެ ބޯޓު ބަނދަރާއި ކައިރި ކުރި އެވެ. އެ ބޮޑު ބޯޓު ބަނދަރާއި ކައިރި ކުރެވުނު ވަގުތު އެތަނަށް ފުލުހުންގެ ވެހިކަލްތައް ވެސް އައެވެ. އެ ބޯޓުން އެންމެ ފުރަތަމަ ފޭބީ ފުލުހުންނާއި އެކީ އެމީހުން ހައްޔަރުކުރި ބައެއް މުޖުރިމުންނެވެ. ޖިނާހު އެވަގުތު ހުރީ އޭނާގެ މަންމަ އާއި ކޮއްކޮ ދެކެން ކެތްމަދުވެފައި ކަމަށްވުމުން އެވަގުތު އެމީހުންގެ މޫނުތަކަށް ސަމާލުކަމެއް ނުދެވުނެވެ. ބޯޓުން ފުލުހުން ހުސްވުމުން ދެން ބޯޓުގައި ތިބި މީހުން ވެސް ފައިބަން ފެށި އެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ތިބި މީހުން ބޯޓުން ފައިބަމުން ދިޔައިރު ޖިނާހަށް ބޯ ދިއްކޮށްފައި ހޯދެމުން ދިޔައީ އޭނާގެ ހަޔާތުގައި ތިބި އެންމެ މުހިއްމު ދެ މީހުންނެވެ. އެހެނަސް ހުރިހާ އެންމެން ފައިބައި ނިމުނުއިރު ވެސް އެ ދެމީހުން ފެންނަ ގޮތް ނުވުމުން ޖިނާހަށް ވާހަކަ ދެކެވުނެވެ.

"ކް...ކޮބައިތަ މް...ޖަލީލާ؟ ޖަލީލާ ކިޔާ އަންހެނަކު ބޯޓުން ދުށިންތަ؟ މެދު އުމުރުގެ އަންހެނަކާއި ކުޑަ އަންހެން ކުއްޖެއް ދުށިންތަ؟" ޖިނާހު އޭނާ ފަހަނަޅައި ދަމުން ދިޔަ އެކި މީހުން ކުރިމައްޗަށް އަރަމުން އެކި ސުވާލުތައް ކުރީ ރޫރޫއަޅަން ފެށި އަޑަކުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ މަންމަ އާއި ކޮއްކޮވީ އެހެން ތަނެއްގައޭ ހިތް ބުންޏެވެ. އެހެނަސް ހަމަ އެހިނދު އޭނަ ކުރި ސުވާލު އިވިފައި މީހަކު ވާހަކަ ދެއްކި އެވެ.

"އޭ ތިއީ އޭރު ކަނޑަށް ވެއްޓުނު އަންހެން މީހާ އާއި އަންހެން ކުއްޖާގެ ވާހަކަތަ ތި ދައްކަނީ؟" އެ ސުވާލުކޮށްލީ ޖިނާހު އޭރު ވާހަކަ ދައްކަން ހުރި މީހާ ނޫން ދުރުން ގޮވާލި ފިރިހެނެކެވެ. އެ ވާހަކަ އިވިފައި ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ޖިނާހަށް ހީވި އެވެ. ވަގުތުން އެމީހާގެ ގާތަށް ދެވުނެވެ.

"ކް....ކަނޑަށް ވެއްޓުނީއޭ؟" ޖިނާހު ކަރުނަތައް ޖަމާވާން ފެށި ދެލޮލާއެކީ ސުވާލުކުރި އެވެ. އެހިނދު އޭނާގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވަމުން ދިޔައެވެ.

"އާނ އަހަރެން ދުށިން އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ކަނޑަށް ވެއްޓުނު މަންޒަރު. ސިފައިން އެމީހުން ސަލާމަތް ކުރި ކަންނޭނގެ ...." އެމީހާ ބުނެލި އެވެ. ޖިނާހު އެ ވާހަކައަށް އެއްޗެކޭ ބުނަން އުޅެނިކޮށް އެއްފަރާތުން އެހެން މީހެއްގެ އަޑު އިވުނެވެ.

"ކޮން ބައެއް؟" އެ ސުވާލުކޮށްލީ އެހެން ހިނގާފައި ދިޔަ ޔަޒްދާން ނޫން ދެވަނަ މީހެއް ނޫނެވެ. ޔަޒްދާން ފެނުމާއެކުހެން އެއީ ކާކުކަން ޖިނާހަށް އެނގުނެވެ. އޭރު ޔުނާ އާއި ރައްޓެހިވެގެން އުޅޭތާ އެއް އަހަރު ވެފައިވުމުން ޔުނާ އޭނައަށް ޔަޒްދާންގެ ފޮޓޯތައް ދައްކާފައި ވުމުންނެވެ. އެހެނަސް އެވަގުތު ޖިނާހަށް އެކަން މުހިންމެއް ނުވި އެވެ. ޖިނާހު ދިގު ފިޔަވަޅުތަކެއްގައި ޔަޒްދާންގެ ކައިރިއަށް ގޮސް އޭނާ ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުކުރި އެވެ. ޖިނާހު ހީކުރީ އޭނާ ސުވާލުކުރުމާއެކު ޔަޒްދާންގެ ފަރާތުން ސާބިތު ޖަވާބެއް ލިބޭނެ ކަމަށެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޖިނާހު ކުރި ސުވާލުން ޔަޒްދާންގެ ދެބުމަ ކައިރިވި އެވެ. އެއްޗެކޭ ނުބުނެ ޖިނާހަށް ބަލަން ހުރީ އެއަށް ޖަވާބު ދޭން ދަތިވެގެން އުޅޭ ފަދައަކުންނެވެ.

"ކިހިނެއްތަވީ؟! އެ ދެމީހުން ސަލާމަތް ކުރެވިފަދޯ ވާނީ؟" ޖިނާހު އުއްމީދީ ގޮތަކަށް ބުނެލި އެވެ. އެ ސުވާލު ވެސް އަޑުއެހުމަށްފަހު ޔަޒްދާން ހިނދުކޮޅަކަށް ހިމޭންކަން ހިޔާރުކުރި އެވެ. އެއަށްފަހު ވާހަކަ ދެއްކީ ހިޔާލެއް ލިބުނު ފަދައަކުންނެވެ.

"ތިބޭފުޅާ އަޅުގަނޑަށް ގުޅާލަދެއްވައްޗޭ. އަޅުގަނޑުގެ ނަންބަރަކީ ....... އަޅުގަނޑު ވީހާވެސް ވަރަކުން އެ ދެމީހުންގެ މައުލޫމާތު ތި ބޭފުޅާއަށް ފޯރުކޮށްދެވޭތޯ ބަލާނަން އިން ޝާ ﷲ!" ޔަޒްދާން ހަމްދަރުދީގެ ނަޒަރެއް ޖިނާހަށް ދެމުން ބުނެލި އެވެ. ހަމަ އެވަގުތު އެހެން ސިފައިންގެ ބަޔަކު އެހެން ހިނގާފައި ދަމުން ޔަޒްދާނަށް ގޮވާލުމުން އޭނަ ދާން ޖެހުނެވެ. ޖިނާހު ގޮވާލުމުން ވެސް ޔަޒްދާން ބަލައިލުމެއްނެތި ގޮސް ސިފައިންގެ ވެހިކަލަކަށް އެރި އެވެ.

ޖިނާހު އެ ރެއިން ފަށައިގެން ވެސް ޔަޒްދާންގެ ނަންބަރު ހަނދާންކޮށް އޭނައަށް ގުޅަން ވަރަށް މަސައްކަތް ކުރި އެވެ. އެހެނަސް ޔަޒްދާން އެންމެ ފަހަރަކު ވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އެކަމާހުރެ ޔަޒްދާނަށް ނުރުހުންވާ ގޮތްވި އެވެ. މަންމަ އާއި ކޮއްކޮ ގެއްލުނީ ޔަޒްދާން އިހުމާލުންހެން ހީވާން ފެށި އެވެ. އެކަން އިތުރަށް ޔަގީންވާން ފެށީ އެ ހާދިސާ ހިނގިތާ ތިންވަނައަށް ވީ ދުވަހު އެ ދެމީހުން ބޯޓުން ވެއްޓުނީ ސިފައިންގެ މީހެއްގެ އަތުން ކަމަށް ތުންތުންމަތިން އޭނައަށް އިވެން ފެށުމުންނެވެ. އަދި އަމުދުން ޒިހާން ނަމަކަށް ކިޔާ ސިފައިންގެ މީހަކާއެކީ އެ ދެމީހުން ތިބި ކަމަށް ވެސް މީހުން ބުނި އަޑުތައް ޖިނާހުގެ ކަންފަތާއި ހަމައަށް ފޯރި އެވެ. އެހެނަސް ހަބަރުތަކުގައި ކަނޑަށް ވެއްޓުނު އަންހެން މީހާ އާއި އަންހެން ކުއްޖާގެ ވާހަކަ ލިޔެވިގެން ދިޔައީ އެއީ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ހާދިސާއެއްގެ ގޮތުގަ އެވެ. އެ ހާދިސާގައި އެ ދެމީހުން ވެސް ސަލާމަތްނުވާ ވާހަކަ ލިޔެވިގެން ދިޔަ އެވެ. އެއީ ޖިނާހަށް ގަބޫލުކުރަން ދަތިވި ވާހަކައަކަށްވި އެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގެ ވަށައިގެން ސިފައިންގެ މީހުން ތިބި ވާހަކަ އިވިފައިވުމުންނެވެ.

އެ ހާދިސާގެ ފަހަތުގައިވި ދެ ބައެއްގެ ނަމަކަށް ޖިނާހަށް އިވުނީ ޔަޒްދާނާއި ޒިހާންގެ ނަން ކަމަށްވުމުން ޖިނާހު ވަގުތުން އެ ދެމީހުންގެ ކިބައިން ބަދަލު ހިފަން އުޅުނެވެ. މަންމަ އާއި ކޮއްކޮ އޭނާގެ ހަޔާތުން ވަކިވެ ދިޔުމުގެ ހިތާމައާ އެކީގައިވެސްމެ އެވެ. އެހެނަސް އޭނަ ހުއްޓުވީ އޭނަގެ ބައްޕަ އެވެ. ކަތި ފިޔަވަޅުތައް އަޅައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ލަބީބް ބުންޏެވެ. އެއަށްފަހު އޭރު ޖިނާހު ކިޔަވާ ގައުމަށް ނޫން އެހެން ގައުމަކަށް ދިޔުމަށް ނަސޭހަތްތެރިވި އެވެ. ސިކުނޑި ހަމައަކަށް އެޅުމުން އަނބުރާ ކިޔަވަން ދާން ލަބީބް ލަފާ ދިނެވެ.

ބަދަލު ހިފުމުގެ ރޫހު ހިތުގައި ކިތަންމެ ގަދައަށް ވިއެއްކަމަކު ޖިނާހު އެވަގުތު ބައްޕަގެ އެ ނަސޭހަތުގައި ހިފީ ހުދު އޭނާގެ މަންމަ ވެސް ބޭނުންވާނީ އެފަދަ ގޮތެއްކަމަށް ހިތް ބުނީތީވެ އެވެ. އެހެންކަމުން އޭނަ ހަ މަސް ވަންދެން އެމްސްޓާޑަމް އާއި ވެސް ދުރު ގައުމެއްގައި އުޅުނެވެ. އެހެނަސް އެހެން އުޅުނު އުޅުމުގައި އޭނާގެ ހިތުގައިވި ޒަހަމްތައް ގޯސްވުން ނޫން ކަމެއް ނުވި އެވެ. ޔަޒްދާނާއި ޒިހާނަށްޓަކައި ހިތުގައި އޮތް ރުޅިވެރިކަން ދުވަހުން ދުވަހަށް އިތުރުވުން ނޫން ކަމެއް ނުވި އެވެ. ޔަޒްދާނަށް އައި ރުޅިއާއެކީ ޔުނާއަށްޓަކައި ވެސް ހިތުގައި ނުރުހުންތެރިކަން އުފެދެން ފެށި އެވެ. އެމްސްޓާޑަމްއަށް އެނބުރި ދިޔުމަށްފަހު ޔުނާއާމެދު ފަރުވާކުޑަކޮށް ކަންތައް ކުރެވެން ފެށި އެއް ސަބަބަކީ ވެސް އެއީ އެވެ.

**

ރޭގަނޑުގެ ވަގުތެއްގައި އެމްސްޓާޑަމްގެ ފިހާރައެއް ފާރަށް ލެނގިލައިގެން ހުރި ޖިނާހަށް އޭނާގެ ހިޔާލުތަކުން ނިކުމެވުނީ ނުހަނު ގާތުން ޔުނާގެ އުފާވެރި ހުނުމުގެ އަޑު އިވިގެން ދިޔުމުންނެވެ. ޖިނާހު ކިތަންމެ ބޭނުމެއް ނުވިޔަސް އެ އަޑު އިވިފައި އޭނާގެ ހިތުގެ ކަނެއްގައިވި އިހުސާސްތައް ހޭލި އެވެ. އެ ދިމާލަށް ބަލައިލެވުނު ވަގުތު ޔުނާ ޒިހާނާއި އަތު ގުޅާލައިގެން ހިނގާފައި ދިޔަ މަންޒަރު ފެނިފައި އެ ހިތުގައިވި ރުޅިވެރިކަމާއެކީ ހަސަދަވެރިކަމެއް ވެސް އުފެދުނީ އެ އިހުސާސްތަކުގެ ސަބަބުންނެވެ. ހަމީދުގެ ބާރާއި ފައިސާ ބޭނުންކޮށްގެން އެމީހުން އުޅޭ ތަން ހޯދައި އެމީހުން އިމާރާތުން ނިކުތީއްސުރެ ފާރަލަމުން ދެވެމުން ދިޔައީ ވެސް އެހެންވެ އެވެ.

ޔުނާ އާއި ޒިހާން ހިނގަމުން ގޮސް މަގުގެ އަނެއް ފަރާތުން ފެންނަމުން ދިޔަ ފެންގަނޑުގައި އޮތް ކެނަލް ފެނިފައި އެދިމާލަށް ދާން ފެށުމުން ޖިނާހު އޭނާގެ ފިޔަވަޅުތައް މަޑުކޮށްލި އެވެ. މާޒީގައި އޭނާއަށް ލިބުނު ގެއްލުމަށްޓަކައި އެ ދެމީހުންނަށް އައި ރުޅިއާއެކީ ޒިހާނާއި ޔުނާގެ އަތް ގުޅުވާލެވިފައިވި ގޮތުން ވެސް އެއްވެފައިވި ޖަޒުބާތުތައް އޭނަގެ ހިތަށްވެރިވި އެވެ. އެ ހުރިހާ ނޭދެވޭ ޖަޒުބާތުތައް ހިތުގައި އެއްވެގެން ދިޔުމުން އޭނާގެ ސިކުނޑީގައި ނުލަފާ ރޭވުމެއް ރޭވިގެން ދިޔަ އެވެ.

**

އަންނަން އުޅޭ ތޫފާނަކާމެދު ރޭކާވެސް ލުމެއްނެތި ޒިހާނާއި ޔުނާ އެ ހިތްގައިމު ރޭގައި ކެނަލްއަށް ގޮސް އެރީ އުފާވެރި ހިނިތުންވުންތަކާ އެކީގަ އެވެ. ބަންދުކުރެވިފައިވި އެ ކެނަލްގެ ވަށައިގެން ކުޑަދޮރުތައް ހުރި އިރު އެތެރޭގައި ރީނދޫކުލައިގެ ފަނޑު އައްޔެއް ދިއްލިފައިވި ގޮތުން ހިތްގައިމު ގޮތެއް ހުއްޓެވެ. ކެނަލްގެ ތެރެއިން ދެމީހުން އެކީގައި ހިނގާފައި ދަނިކޮށް ޒިހާން ވާހަކަ ދެއްކި އެވެ.

"އޮހް! އަހަންނަށް ހީވަނީ މަދުންހެން އަހަންނަށް ލާރި ދެވުނީ އިނގޭ .... އަންނާނަން ޔަގީންކޮށްލާފަ. ސޭވް މީ އަ ސީޓް!" ޒިހާން އެހެން ބުނެލުމުން ޔުނާ ފަހަތް ބަލައިލަމުން ހިނިތުންވުމަކާއެކީ ބޯޖަހާލި އެވެ. އެއާއެކު ޒިހާން އަނެއް ފަރާތަށް ހިނގައިގަތް ވަގުތު ޔުނާގެ އަތް ދަބަހުގެ ތެރޭގައި އޮތް ފޯނަށް މެސެޖެއްއަ އެވެ. ޔުނާ ހުސް ސީޓަކާއި ވެސް ދިމާވީ އެވަގުތު ކަމަށްވުމުން ޔުނާ އެ ސީޓުގައި އިށީންނަމުން ދަބަހުގެ ތެރެއިން ފޯނު ނަގައި ހުޅުވާލި އެވެ. އެހިނދު ސްކްރީނުން ފެނުނު ނަމުން ޔުނާގެ މޭނުބައި ކުރި އެވެ. އޭނަގެ ފޯނުގައި އަދިވެސް ޖިނާހުގެ ނަންބަރު ސޭވްކުރެވިފައި އޮތް ކަމަށްޓަކައި އަމިއްލަ ނަފްސަށް ނުރުހުންވި އެވެ.

އެ ނަން ފެނުމުގެ ޝޮކުގައި ސިކުންތުކޮޅެއް ވަންދެން އިނުމަށްފަހު ޔުނާ މެސެޖު ހުޅުވާލި އެވެ.

"އެމްސްޓާޑަމްގަތަ؟ ލެޓްސް މީޓް!" މެސެޖުގައި އޮތީ އެހެންނެވެ.