ކުޅިވަރު

ސަލާހުގެ 100 ވަނަ ގޯލް، ފަހު ވަގުތު ލިވަޕޫލް މާޔޫސް ކޮށްލީ ވީއޭއާރު

ލިވަޕޫލާއި އެވަޓަން ކުޅުނު ފޯރިގަދަ މާސީ ސައިޑް ޑާބީ މެޗު 2-2 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މިއަދު އެވަޓަންގެ ގުޑްސަން ޕާކުގައި ކުޅުނު މެޗުގައި ޑާބީއެއްގެ ސިފަތައް ފުރިހަމައަށް ފެނިގެންދިޔަ އެވެ. މެޗުގައި ހަތަރު ގޯލް ފެނިގެންދިޔައިރު، ރަތް ކާޑެއް ވެސް ފެނިގެން ދިޔަ އެވެ. ފަހު މިނެޓްގައި ކަހަލަ ގޮތަކަށް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ގޯލް ތެރެއަށް ވައްދާލި ބޯޅަ އޮފްސައިޑް ކަމަށް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމުމާއެކު ލިވަޕޫލަށް ތިން ޕޮއިންޓް ގެއްލިގެން ދިޔަ އެވެ.

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗު ފެށިގެން ހަތަރު މިނެޓް ތެރޭގައި ލިވަޕޫލުން ގޯލް ޖެހި އެވެ. އަރިމަތިން އެލެކްސެންޑްރާ އާނޯލްޑް ނަގައިދިން ހުރަސް، ގޯލަށް ވައްދާލީ ސަޑިއޯ މާނޭ އެވެ. އެ ގޯލާއެކު ލިވަޕޫލުން ރަނގަޅަށް ޑާބީ ފެށި ނަމަވެސް، އެޓީމަށް މާޔޫސްކަން ކުރިމަތިވީ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ.

އެވަޓަން އޭރިއާ ތެރެއިން ގޯލްކީޕަރު ޕިކްފޯޑް ކުރި ޓެކުލެއްގައި ވެންޑައިކް ފަޔަށް ލިބުނު އަނިޔާއާއެކު އޭނާ ބާލަން ޖެހުނެވެ. ބަދަލުގައި ކުޅެން ނުކުތީ ޖޯ ގޮމޭޒް އެވެ. ވެންޑައިކް ފަޔަށް ޕިކްފޯޑް ކުރި ފައުލަށް ރެފްރީ ޕެނެލްޓީ ދީފައި ނުވަނީ އެ ބޯޅައަށް ވެންޑައިކް އެރި އިރު އޭނާ އޮފްސައިޑް މަގާމެއްގައި އޮތުމުންނެވެ.

މެޗުގައި ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. އެވަޓަން އިން ބޮޑަށް ބެލީ ލިބޭ ކޯނަރާއި ހިލޭ ޖެހުންތަކުގައި ނުރައްކާ ކުރުމަށެވެ. އެޓީމުން އެކަން ކާމިޔާބު ވެސް ކުރި އެވެ. ވެންޑައިކް ލިވަޕޫލް ޑިފެންސް ލައިންގައި ނެތުމުންނާއި ލިވަޕޫލްގެ ފުރަތަމަ 11 ގައި އާންމުކޮށް ގޯލް ބަލަހައްޓަމުން އަންނަ ބްރެޒިލްގެ އެލިސަން ބެކާ ނެތްތަނުގެ ފައިދާ ނަގައި، އެވަޓަންއިން އެއްވަރުކުރީ ލިބުނު ކޯނަރަކުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމޭޒް ރޮޑްރިގޭޒްގެ ކޯނަރު ބޮލުން ގޯލަށް ވައްދާލައި، ނަތީޖާ ހަމަހަމަ ކުރީ މައިކަލް ކީން އެވެ.

މެޗުގައި ލިވަޕޫލްގެ ނުރައްކާތެރި ދެ ހަމަލާއެއް އެވަޓަން އަދި އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑް ދިފާއުކޮށްފައިވެ އެވެ. އާނޯލްޑްގެ ހިލޭ ޖެހުމުގެ އިތުރުން ޖޯލް މަޓިޕް ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ހުނަވެރިކަމާއެކު ދިފާއުކުރީ ޕިކްފޯޑެވެ. އަނެއްކޮޅުން ހަމޭޒްގެ ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ގޯލް ބެލެހެއްޓި އެޑްރިއަން ދިފާއުކުރި އިރު، ފުރަތަމަ ގޯލްގައި އެޑްރިއަންގެ ފަރާތުން ލަސްކަމެއް ފެނިފައިވެ އެވެ.

ދެވަނަ ހާފަށް ނުކުތް އިރު ނަތީޖާ އޮތީ ހަމަހަމަ ވެފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލިވަޕޫލުން އަނެއްކާ ވެސް ލީޑު ނެގި އެވެ. އެވަޓަން ފަހަތުން ޔެރީ މިނާ ފައިގައި ޖެހިފައި އޭރިއާ ތެރެއިން ފަހިވި ބޯޅަ މުހައްމަދު ސަލާހް ގޯލަށް ވައްދާލީ އެއްފަހަރުންނެވެ. އެއީ ލިވަޕޫލްގެ ތާރީހީ ރަތް ޖާޒީގައި ސަލާހް ކާމިޔާބު ކުރި 100 ވަނަ ގޯލެވެ. ލިވަޕޫލާއެކު ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު ވެސް ހޯދާފައިވާ ސަލާހު އެ އަދަދު ހަމަކުރީ 116 މެޗުންނެވެ.

ސަލާހުގެ ގޯލާއެކު މޮޅުވާން ދިޔަ ލިވަޕޫލް ހުއްޓުވީ ޑޮމިނިކް ކަލްވާޓް ލެވިން 80 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުގައި ވެސް ގޯލް ޖެހި ކަލްވާޓް ލެވިން އަކީ މިވަގުތު މުޅި ޔޫރަޕްގައި ވެސް އެންމެ ގޯލް ރޭޓް މަތި ކުޅުންތެރިޔާ އެވެ. ލޫކަސް ޑީންގެ ހުރަސް ކަލްވާޓް ލެވިން ގޯލަށް ވައްދާލީ ލިވަޕޫލްގެ ދެ ޑިފެންޑަރުންނަށްވުރެ މައްޗަށް ފުންމައިގެން އަރާ ބޮލުންނެވެ.

މެޗުގެ ފަހު ފަސް ވަރަކަށް މިނެޓް ތެރޭގައި އެވަޓަންގެ ރިޗާލްސަންއަށް ރެފްރީ ރަތް ކާޑު ދައްކާފައިވެ އެވެ. ލިވަޕޫލްގެ މިޑްފީލްޑަރު ތިއޭގޯ އަލްކަންޓްރާއަށް ކުރި ނުރައްކާތެރި ފައުލަށް ރެފްރީ ދެއްކީ ސީދާ ރަތެކެވެ.

މެޗުގެ ފަހު މިނެޓުގައި ކަހަލަ ގޮަތަކަށް ލިވަޕޫލަށް ޑާބީ ކާމިޔާބު ކުރެވުނު އިހުސާސް ވެސް ކުރެވުނެވެ. މާނޭގެ ޕާހުން ހެންޑަސަން ޖެހި ބޯޅަ ގޯލަށް ވަދެ، އުފާފާޅު ވެސް ކުރި ފަހުން އެ ގޯލް އޮފްސައިޑް ކަމަށް ނިންމީ ވީއޭއާރްގެ އެހީގަ އެވެ. ވީއޭއާރުން ދެއްކީ ގޯލަށް މަގުފަހި ކުރުމުގައި މާނޭ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އެ އޮފްސައިޑް އަކީ އިންޗިއެއްހާތަނުން ވީއޭއާރް ނިންމި އޮފްސައިޑެކެވެ.