ކުޅިވަރު

އިޓަލީގެ މިނިސްޓަރު ދޮގު ހެދި ކަމަށް ރޮނާލްޑޯ ބުނެފި

އިޓަލީގެ ކުޅިވަރާބެހޭ ވަޒީރު، ވިނެސެންޒޯ ޕަޑަފޯރާ، ކަރަންޓީނުގެ އުސޫލުތަކާ ގުޅިގެން ދޮގު ހެދި ކަމަށް ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އަމިއްލައަށް އެކަހެރިވެގެން ހުރި ރޮނާލްޑޯ އިއްޔެ ކުރި އިންސްޓަގުރާމް ލައިވް އެއްގައި ވާހަކަ ދައްކަމުން އިޓަލީގެ މިނިސްޓަރަށް ނިސްބަތްކޮށް ވަރުގަދަ ރައްދެއް ދީފައިވެ އެވެ. ރޮނާލްޑޯ އެފަދަ ގޮތަކަށް ވާހަކަ ދައްކާފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް، ރޮނާލްޑޯ ޕޯޗުގަލް އިން އިޓަލީއަށް ދިޔަ ދިޔުމަކީ ކަރަންޓީނު އުސޫލާ ހިލާފަށް ކުރި ކަމެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު ޕަޑަފޯރާ ވިދާޅުވުމުންނެވެ.

"އިޓަލީގެ މީހަކު، އަހަރެން ނަން ހާމައެއް ނުކުރާނަން. އެ މީހަކު ބުނި އަހަރެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެދިފައިވާ ޕްރޮޓޮކޯލްތަކަށް ތަބައެއް ނުވޭ. އެއީ ކަނޑައެޅިގެން ދޮގު. އަހަރެން އަބަދުވެސް މި ކަންތައް ކުރަމުންދަނީ ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް. ކޮށްފައިވާ ހުރިހާ ކަމަކީ ސިއްހީ މާހިރުންގެ ހުއްދައާއެކު ކޮށްފައިވާ ކަންކަން،" އުމުރުން 35 އަހަރުގެ ރޮނާލްޑޯ ބުނެފައިވެ އެވެ.

ރޮނާލްޑޯ ބުނީ، އޭނާ އިޓަލީގެ އެއްވެސް ގާނޫނަކާ ހިލާފުވެފައި ނޯންނާނެ ކަމަށާއި ޕޯޗުގަލް އިން އިޓަލީއަށް ދިޔައީ ހާއްސަ އެއާ އެންބިއުލައުންސެއްގައި އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ކަމަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ ޕޯޗުގަލް އިން އިޓަލީއަށް ދިޔައީ އަމިއްލަ ޖެޓުގަ އެވެ. ނަމަވެސް، އެއީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

ރޮނާލްޑޯގެ ވާހަކަަތަކަށް އިޓަލީގެ މިނިސްޓަރު ޕަޑަފޯރާ ވަނީ އިއްޔެ މީޑިއާގައި ރައްދު ދީފަ އެވެ.

"ކުޅުންތެރިޔާގެ ހުންނަ މޮޅު ހުނަރަކުން، ލިބިފައިވާ މަޝްހޫރު ކަމަކުން އެހެން މީހުންނަށް ގަދަރު ކުޑަކޮށް، އެހެން މީހުންނަށް އިހުތިރާމް ކުޑަކޮށް ވާހަކަދައްކަން ފުރުސަތެއް ނުލިބޭނެ. ރަނގަޅު ޕަބްލިކް ފިގާއެއް ނަމަ އަބަދުވެސް ވިސްނަން ޖެހޭނީ މިސާލު ދެއްކުމަށް. އަހަރެން ހަގީގަތުގައި މިވާހަކަ ދައްކަން ވެސް ބޭނުމެއް ނޫން. އިތުރަކަށް ދައްކަން މަސައްކަތް ވެސް ނުކުރާނަން. ކޮވިޑް-19 ޖެހިފައިވާ އެންމެން ވީހާވެސް އަވަހަށް ބަލިން ރަނގަޅުވުން އެއީ އުންމީދަކީ،" އިޓަލީގެ މިނިސްޓަރު ރޮނާލްޑޯއަށް ނިސްބަތް ކޮށް ބުނެފައިވެ އެވެ.