ހ.ފަތަނގުމާގެ

މާލެ.

ފެށުމުގެ ބަސް

އެދުވަސްވަރު އަޅުގަނޑަކީވެސް ކުޑަކުއްޖަކީމެވެ. މަދަރުސާ ކުއްޖަކީމެވެ. އެއީ 1960 ގެ އަހަރުތަކުގެ އެންމެ ކުރީކޮޅެވެ. ދުވަސްވަރަކީ އައްޑޫ މައްސަލައިގެ ހޫނުގަނޑުގެ ތެރެއެވެ. އެހެންކަމުން މާލޭގައި ނޫސްވެރިކަމުގެ ފޯރި ވަރަށްގަދައެވެ. ނަމަވެސް އަޅުގަނޑުމެންގެ ރަށްފުށަށް ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް މާލޭގައި ނެރޭ ނޫސްތަކެއް ފަސޭހަޔަކުން ނުލިބެއެވެ. އަހަރަކު ދެތިންފަހަރު ނުވަތަ ދެފަހަރަކު ކަހަލަ ގޮތަކަށް ބައެއްފަހަރު "ވިޔަފާރި މިއަދު" ގެ ބޮނޑިވަރެއް އަތޮޅު އޮފީހަށް ލިބިދެއެވެ. ލިބޭއިރުވެސް ހުންނަނީ ތާޒާކަން ކެނޑިފައެވެ. ރޭހުރި އެއްޗެއްސަށްވެފައެވެ.

އޭރުވެސް އިސްލާމީ ތާރީޚަށާއި ނޫސްވެރިކަމަށް އަޅުގަނޑު ވަރަށް ޝައުޤު ހުރެއެވެ. ނަމަވެސް އެ ޝައުޤު ފުރިހަމަކުރާކަށެއް ނޫސްތަކާއި ފޮތްތަކެއް ނުލިބެއެވެ. އަލާކަނޑުވަންޖެހެނީ ގޭގައި ބައްޕަމެން ގެންގުޅުއްވާ ދިވެހި ހެޔޮނުބައި ފޮތްތަކާއި فضيـلـة الـشّـيـخ حسـين صـلاح الـدّيــن ގެ الـسّيـرة الـنّبـويّــة އިންނެވެ. ނުވަތަ ބައްޕަމެން ބޮޑުބޭބެމެންގެ އަރިހުން ކިޔަވާ ޢަރަބި އުރުދޫ ފޮތްފޮތުންނެވެ. މައުލޫދު ފޮތްތަކާއި ލުބާބުލް ޚިޔާރި ފަދަ ފޮތްތަކުންނެވެ.

އަޅުގަނޑުމެންގެ މަދަރުސާ މަދަރުސަތުލްޢިނާޔާ ހުންނަނީ އަތޮޅު އޮފީހާ އެއް ގޯއްޗެއްގެ ތެރޭގައެވެ. އެއްދުވަހަކު އަތޮޅު އޮފީހުން މަދަރުސާއަށް ފޮނުވި ބާ "ވިޔަފާރި މިއަދު" ތަކެއް އިދާރާގެ މޭޒުމަތީގައި ހުއްޓައި ހާވައިލުމުގެ ނަސީބު ލިބުނެވެ. އެއީވެސް އަޅުގަނޑުމެން މަދަރުސާކުދީންނަށް އާއްމުކޮށްލިބޭ ނަސީބެއް ނޫނެވެ.

މިދެންނެވި ނޫސްކަރުދާސްތައް ހާވަނިކޮށް އަންދަލުސުގެ ފަތަޙަޔާބެހޭ މަޒުމޫނެއްގެ ބައެއް އޮތް ގަނޑެއް އަޅުގަނޑުގެ ލޮލުގައި އަޅައިގަތެވެ. އެ މަޒުމޫނުގައި އަންނަނީ އަންދަލުސުގެ ރަސްގެފާނު ރޮޑުރިކު (ރޮޑުރިގޯ) އާއި ސަބުތާގައި ހުންނަވާ އަންދަލުސު ގަވަރުނަރ ކައުންޓު ޖޫލިއަންގެ ވާހަކައެކެވެ. ކައުންޓު ޖޫލިއަންގެ ރީތި ދަރިކަނބަލުން ފުލޯރިންޑާގެ ވާހަކައެވެ. އެއީ އަންދަލުސުގެ ފަތަޙައިގެ މުޤައްދިމާއެވެ. އަޅުގަނޑު އެތައްދުވަހެއް ވަންދެން އެ ކަރުދާސްގަނޑު ރައްކާކޮށްގެން ގެންގުޅުނީމެވެ. އެއީ މުސްލިމު އަންދަލުސު އަޅުގަނޑަށް އެންމެ ފުރަތަމަ ތަޢާރުފުވި ތަޢާރުފުވުމެވެ. އޭގެފަހުން އަޅުގަނޑު ވަނީ މުސްލިމް އަންދަލުސާ ބެހޭގޮތުން އެކަށޭނަ އަދަދެއްގެ ފޮތްތަކެއްގެ ޞަފުޙާތައް އުކައިފައެވެ. ވިދާޅުވަމުން ތިޔަ ގެންދަވާ ރީތި ޢިބުރަތްތެރި ވާހަކައަކީ އިސްލާމީ އަންދަލުސުގެ ތާރީޚާ ބެހޭގޮތުން އަޅުގަނޑު ކިޔައިފައިވާ ތާރީޚީ ފޮތްތަކާއި ވާހަކަތަކުގެ ތެރެއިން އެންމެ ޢިބުރަތްތެރި އެންމެ ރީތި ވާހަކައޭ ދަންނަވާކަށެއް އަޅުގަނޑު ފަހެއް ނުޖެހޭނަމެވެ.

يـوسف بـن تـاشفـين މި ވާހަކަޔަކީ މުސްލިމުންގެ ޤާބިލު ލިޔުންތެރިއެއް ކަމުގައިވާ نـسـيم حجـازى ލިޔުއްވައިފައިވާ ރީތި އަސަރުގަދަ ތާރީޚީ ވާހަކައެކެވެ. މި ވާހަކައިގެ އަސްލު ބިނާކުރައްވައިފައިވާ ތާރީޚީ ހާދިސާތަކަކީ އަޅުގަނޑުމެން ޢިބުރަތް ހޯދަންޖެހޭ ތާރީޚީ ޙަޤީޤަތްތަކެވެ. ދެންހުރި ބައިތަކަކީ..... އާދެ ވާހަކައަކީ ހަމަ ވާހަކައެވެ.

މި ވާހަކަޔާގުޅޭ ދައުރަކީ ހިޖުރައިން ފަސްވަނަ ސައްތައެވެ. އެއީ އަންދަލުސުގައި އުމަވީން ބިނާކުރި އާރާއި ބާރުހުރި ކީރިތި މޫރިތި އިސްލާމީ ދައުލަތުގެ ހަނދާން މާޒީގެ އުފާވެރި ވާހަކައަށް ވެފައިވާ ދުވަސްވަރެވެ. ޠަވާއިފުލްމުލޫކީގެ ސަބަބުން އަންދަލުސު ކުދިކުދިވެ ބައިބައިވެފައިއޮތް ދުވަސްވަރެވެ. އެދުވަސްވަރު އަންދަލުސުގެ ދައުލަތްތަކުގެ ވެރީންނާއި އަމީރުންގެ ކިބައިގައި ދީންވެރިކަމެއް ނެތެވެ. އިސްލާމިއްޔަތެއް ނެތެވެ. އަންދަލުސުގެ އުތުރުގައި ޤަޞްޠިލާގައި އޮތް ކްރިސްޓިއަން ސަރުކާރުން ގެންދިޔައީ މުސްލިމުން މެދުތެރޭ ކަނޑާ ދިމާޔަށް ލަވަމުންނެވެ. މުސްލިމުންގެ ދާޚިލީ ހަނގުރާމަތަކުގެ ފައިދާ ހޯދައިގެންނެވެ. އާއްމު މުސްލިމުން ތިބީ ބިރުވެރިކަމާއި ހާސްކަމުގެ ނިހާޔަތުގައެވެ. ނޭވާ ހައްޓަށް ނުފެތިފައެވެ.

يـوسف بـن تـاشفـين އަކީ މިދެންނެވި ހިތާމަވެރި ދައުރުގައި ޞަލީބީންގެ ޠޫފާނީ ރާޅުތަކާ ކުރިމަތިލި ހިތްވަރުގަދަ މުސްލިމު ދަރީންގެ ވާހަކައެވެ. އެ ހިތްވަރުގަދަ ދަރީންގެ ދުޢާތަކާއި އެބައިމީހުން ދެއްކި ސާބިތުކަމާއި ކުރި ހިތްވަރާއި އޮހޮރާލި ދަލާއި ކަރުނައަށް ޤުދުރަތުން ދެއްވި އިނާމެއްގެގޮތުން އުދަވި އިރެއް ކަމުގައިވާ يـوسف بـن تـاشفـين ގެ ބުޠޫލަތްތެރި ޖިހާދުގެ ވާހަކައެވެ. އެ ޖިހާދުގެ ސަބަބުން އަންދަލުސުގެ ބިމުގައި މުސްލިމުންނަށް ހަތަރުސަތޭކަ އަހަރު ވަންދެން އިތުރަށް ދެމިތިބެވޭނެގޮތް މާތް اللّـه މެދުވެރިކޮށްދެއްވި ވާހަކައެވެ. މާބޮޑަށް ވާހަކައިގެ ކުރިނުމަރައި މި ވާހަކައާއި ވާހަކަ ވިދާޅުވާ އަޚުން އުޚުތުންނާ ދެމެދުން އެއްފަރާތްވާން އަޅުގަނޑު އަވަސްވެގަންނަމެވެ.

އަޅުގަނޑު މި ވާހަކަ ތަރުޖަމާކުރާން ފެށީ 2003 ވަނަ އަހަރު އޮގަސްޓުމަހުގެ ތެރޭގައެވެ. މަސައްކަތް ކުރިޔަށްދިޔައީ ވަރަށް ލަސްލަހުންނެވެ. އެކިދުވަހު އެކި މިޒާޖުގައި ހުރެއެވެ. ވާހަކައިގެ ފުރަތަމަ ބައި ތަރުޖަމާ ކުރުމަށްފަހު މަސައްކަތް އޮތީ ހުއްޓިފައެވެ. އަނެއްކާ މި މަސައްކަތާ ދިމާޔަށް އެނބުރެވުނީ ޙިޖާޒުގެ ޤާފިލާގެ މަސައްކަތް ނިންމައިލުމަށްފަހުގައެވެ. ކުރީގެ މަސައްކަތް އަލުން ބަލައިލައި އެގޮތްކޮށްލުމަށްފަހު ދެވަނަ ބައިގެ މަސައްކަތް މިފަށަނީ ދެހާސްވިހިވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ދީލަތިވަންތަ ޖައްލަ ރައްބީގެ ޙަޟުރަތުން އަޅުގަނޑު އެދެނީ މި މަސައްކަތް ފުރިހަމަކުރުމުގެ ތައުފީޤު ދެއްވުމެވެ.

نـسـيم حجـازى ގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑު މީގެކުރީން ތަރުޖަމާކޮށް ޝާއިޢުކުރި އަނެއް ތިން ވާހަކަ ކަމުގައިވާ محمّد بــن قاسـم އަށާއި، އެންމެފަހުގެ ޙަމަލަޔަށާއި ޙިޖާޒުގެ ޤާފިލާއަށް ކިޔުންތެރީން ދެއްވައިފައިވަނީ މުތަރުޖިމެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތް ޝުކުރުން ފުރޭފަދަ ތަރުހީބެވެ. އަޅުގަނޑު އުންމީދުކުރަނީ މި މަސައްކަތަކީވެސް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން ޤަބޫލުކުރައްވާފަދަ މަސައްކަތަކަށް ވާނެކަމުގައެވެ.

އަރަހުށި ހުސްޠާހިރުވަންތަ މާތް ރަސްކަލާކޯއެވެ! މިމަސައްކަތަކީ މިއަޅާއާއި މިއަޅާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި މިމަސައްކަތަށް އެކިސިފަސިފައިގައި ހިތްވަރުދެއްވައި އަތްބާރު އަޅުއްވައިދެއްވި ފަރާތްތަކަށް އުޚުރަވީ ލާބަހުރި އައިތަވެރި މަސައްކަތެއް ކަމުގައި ލައްވާނދޭވެ. އާމީން.

10 ޛުލްޙިއްޖާ 1441

31 ޖުލައި 2020

ޢަބްދުاللّـه ފާރޫޤު ޙަސަން

(ގ.ކޮއްކިރި، މާލެ.)

---------------------------

މުޞަންނިފުގެ ބަސް

ރޭގަނޑު މަގުއޮޅިގެން އުޅުނު ޤާފިލާތަކަށް އެބައިމީހުންގެ މަންޒިލާ ދިމާޔަށް ދަތުރުކުރާން މަގުދައްކައިދިން ތަރިތަކުގެ މައްޗަކުން އިރުއަރައި އަލިވުމުން އެކަކުވެސް ހަނދާނެއް ނުހުރެއެވެ. ކޮންމެ ޤައުމަކުންވެސް އެބައެއްގެ ފުތޫޙާތު ނިސްބަތްކުރަނީ ކޮންމެވެސް މަތިވެރި ބަޠަލަކަށެވެ. އެބައެއްގެލޭ ދެލީގެ ގޮތުގައި ބޭނުންކުރައްވައިގެން ތާރީޚުގެ އައުބާބުތައް ލިޔުއްވާ ނަންނޭނގޭ ސިފައިންގެ މައްޗަކުން މުއައްރިޚުންގެ ހަނދުމަފުޅެއް ނުހުރެއެވެ.

ކޮންމެ ޤައުމެއްގެ ބަޔަކުވެސް އެބައެއްގެ ޢިއްޒަތާއި ޝަރަފުގެ ތާޖުމަޙައްލާމެދު ދެކެނީ ކޮންމެވެސް ޝާހުޖަހާނެއްގެ ހުވަފެންފުޅެއްގެ ތަޢުބީރު ކަމުގައެވެ. ނަމަވެސް ތާޖުމަޙައްލެއްގެ މަތިވެރިކަމުގެ ސިއްރަކީ އެތަނެއްގެ ހަނުހިމޭން މަސައްކަތްތެރީންގެ އިޙުސާންތެރިކަމެވެ. ރާނާމީހުންނާއި، މާވަޑީންނާއި، މޭސްތިރީންގެ އިޙުސާންތެރިކަމެވެ. ރަންމުތުގެ ވިދުވަރާއި މާމެލާމެލީގެ ހިތްގައިމުކަމާއި ނަލަކަމާއި ފަރިކަން ހިލަޔަށް ގެނެސްދެނީ އެބައިމީހުން އޮހޮރުވާ ދާތަކެވެ.

يـوسف بـن تـاشفـين މިވާހަކަޔަކީ އަންދަލުސުގެ ތާރީޚުގައި ނަންނޭނގޭ މުސްލިމު މުޖާހިދުން އެބައިމީހުންގެ ލެއިން ލިޔެފައިވާ ބާބެކެވެ. يـوسف بـن تـاشفـين އަކީ އަންދަލުސުގެ މުސްލިމުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ ޚަބަރާއިގެން އުދަވި އިރެކެވެ. ނަމަވެސް އެއީ ނަންނޭނގޭ އެތަކެއްހާސް ދަރީންގެ ޤުރުބާނީގެ އިނާމެކެވެ. މިވާހަކައަކީ ކްރިސްޓިއަން ބާރުތަކުގެ ޠޫފާނީ ރާޅުތަކާއި، ނަގޫރޯޅިތަކާ ނުހަނު ސާބިތުކަމާއެކު ކުރިމަތިލި މުސްލިމު ފިރިހެން ދަރީންގެ ވާހަކައެވެ. މިއީ، އެމުސީބާތުން ފުރިފައިވާ ކަޅުއަނދިރި ރޭރޭގައި އުންމީދުގެ ދަންމަރުތައް އުފުލައިލި ހިތްވަރުގަދަ ފިރިހެންދަރީންގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން މުސްލިމުންގެ މާޒީގެ މޫނުބަލާ ލޯގަނޑެކެވެ. މިއީ އަޅުގަނޑުމެން މުސްލިމުންގެ މުސްތަޤުބަލުވެސް ދައްކައިދޭ މޫނުބަލާ ލޯގަނޑެކެވެ.

އަޅުގަނޑު މިފޮތް ވެދުންކުރަނީ މުސްލިމުންގެ ތާރީޚު ކޮންމެ ދައުރެއްގައިވެސް ވަގުތުގެ ޠޫފާނާ ކުރިމަތިލަމުންދާ ހިތްވަރުގަދަ ފިރިހެން ދަރީންނަށެވެ. އަޅުގަނޑުމެން މުސްލިމުންގެ ތާރީޚު ފަޚުރުވެރި ތާރީޚަކަށްވީ އެފަދަ ދަރީންގެ ބަދަލުނޭދޭ ޤުރުބާނީގެ ސަބަބުންނެވެ. އެބައިމީހުންގެ ކެރުމާއި ޖެހިލުންކުޑަކަމަކީ އަޅުގަނޑުމެންގެ މުސްތަޤުބަލުގެ ޖާމިނެވެ.

- نـسـيم حجـازى -

------------

"سعـد! أحمـد! މަޑުކުރައްވަ ބައްލަވާ." ހަށިގަނޑު ވަރުގަދަ ގަދަފަދަ މީހެއް އޭނާގެ ކުރިމަތީން ހިންގަވަމުން ވަޑައިގަންނަވާ ދެބޭފުޅުންނަށް ދަންނަވައިލިއެވެ. އޭނާއާއެކު ވަރަށް ތުއްޕުޅު ބޭފުޅެއް މަޑުމަޑުން ހިންގަވަމުން ވަޑައިގަންނަވައެވެ. ކުރީން ވަޑައިގެންނެވި ދެބޭފުޅުންނަށްވަނީ ކޮނެފައިއޮތް އަޑިގަނޑެއް ހުރަސްކުރައްވައިފައި ބަގީޗާއެއްގެ ވީރާނާވެފައިވާ ވަށައިފާރާ ހަމައަށް ވަޑައިގެންނެވިފައެވެ. އެދެބޭފުޅުން ފަހަތްޕުޅަށް އެނބުރި ވަޑައިގެން އެބޭފުޅުންގެ އަރިހުގައިދާ މީހާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެހަށިގަނޑު ވަރުގަދަ މީހާގެ އުމުރުންވާނީ ސާޅީހަކަށް އަހަރެވެ. އޭނާ އެބޭފުޅުންނާ ހަމައަށް ގޮސްފައި ބުންޏެވެ. "حسن ވަރަށް ވަރުބަލިފުޅުވެއްޖެ!"

އެންމެ ދޮށިކަމަށް ފެންނަ ބޭފުޅާގެ ނަންފުޅަކީ سعـد އެވެ. އޭނާ ޖަވާބު ދެއްވިއެވެ. "المـــاس ބޭބޭ! އަހަރެމެންދާނީ މަދީނަތުއްޒަހުރާގެ ތެރެއިން ލައިފައި" އޭނާ އެހެން ވިދާޅުވެފައި حسن އާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "حسن! ވަރުބަލިފުޅުވީތޯ؟"

حسن އެއްވެސް ޖަވާބެއް ނުދެއްވައި އޭނާގެ ދުނިދަނޑި ބިންމައްޗަށް އެއްލައިލައްވައިފިއެވެ. ކޮނޑުފުޅުގައިއޮތް ދުނިއުރަ ނަންގަވަމުން ތުންފިއްތަވައިގެން ހިލައެއްގެ މަތީގައި އިށީނދެވަޑައިގެންފިއެވެ.

المـــاس ވެސް حسن އަރިހުގައިހުރި ގަހެއްގައި ލެނގިލައިގެން އިށީނދެއްޖެއެވެ. އޭނާ ދެފައިދަމައިލަމުން ބުންޏެވެ. "ތިޔަބޭފުޅުންވެސް އިރުކޮޅަކު އަރާމުކޮށްލައްވާ. މެންދުރު ނަމާދުކޮށްގެން ސީދާ ދާނީ ގެއަށް."

"ބޮޑުބޭބެވެސް ވަރުބަލިވީތޯ؟" سعـد ހިނިފުޅުވަޑުވަމުން ސުވާލު ކޮށްލެއްވިއެވެ.

"ސާބަސް! އަޅުގަނޑަކީވެސް ކުޑަކުއްޖެއްތޯ؟ ތިޔަބޭފުޅުންގެ އަރިހުގައި އަށް ނުވަ މޭލަށް ހިނގައިލެވޭއިރަށް ވަރުބަލިވާނީ އެހެންނަމައެއް ނޫންތޯ؟"

أحمـد ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "ބޭބޭ! ނިކަން ބައްލަވާ! ބޮޑުބޭބެ المـــاس އަޅުގަނޑުމެންނާއެކު ދެމޭލެއްހައިތަނަށް ހިނގައިލިޔަސް އަބަދުވެސް ބުނާނެ އަޅުގަނޑުމެންނަށް ދިހަމޭލަށް ހިނގިއްޖެއޭ." حسن ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "المـــاس ބޮޑުބޭބެ އެބުނީ ރަނގަޅަށް އަޅުގަނޑުމެންނަށް ދިހަވަރަކަށް މޭލަށް ހިނގިއްޖެ."

أحمـد ވިދާޅުވިއެވެ. "حسن! ކުޑަބެ ދެންނެވީމެއްނޫންތޯ حسن ވަރުބަލިފުޅުވެދާނެއޭ. ގޭގައި ހުންނަވާށޭ. ކޮއްކޮއާހުރެ އަޅުގަނޑުމެންނަކަށް މާދުރަކަށް ނުވެސް ދެވުނު. އެހެންނޫންނަމަ ޝިކާރަޔަކާ ދިމާވީސް."

"ސާބަސް! ކުޑަބެއަށް ފަރުބަދައަކަށްވެސް އަރައިވަޑައެއް ނުގެންނެވޭ. އެކަމަކު ތިޔަ ވިދާޅުވީ ޝިކާރައެއް މަތިނުވީ އަޅުގަނޑާ ހެދިއޭ."

سعـد ވިދާޅުވިއެވެ. "އެންމެރަނގަޅު حسن. މިހިސާބުން ސީދާގެއަށް ދާނީތޯ؟ އެހެންނޫނީ އައްޒަހްރާ ބަލައިލާން ދާހިތްޕުޅުވޭތޯ؟"

حسن ވަރަށް މަޢުޞޫމް ގޮތަކަށް ޖަވާބު ދެއްވިއެވެ. "އަޅުގަނޑު އައްޒަހްރާއަށް ދާނީ ކޮންމެވެސް އެހެން ދުވަހަކުން އަސްމަތީގައި. މިއަދު އެތަނަށް ހިނގައްޖެނަމަ ގެއަށް ދެވޭނީ މާލަހުން."

أحمـد ވިދާޅުވިއެވެ. "އެންމެ މޭލެއްހައިވަރު ތަފާތުވާނީ. މިބަގީޗާއާ ޖެހިގެން އޮންނާނީ ކޯރެއް. ކޯރުގެ އަނެއްފަރާތުގެ އައްސޭރީން ފެށޭނީ އައްޒަހްރާގެ ގަނޑުވަރުތައް."

"އެންމެ ރަނގަޅު ހިންގަވާ." حسن ހިތްޕުޅާ ދެކޮޅަށް ތެދުވެވަޑައިގެން ދުނިދަނޑިޔާއި ދުނިއުރަ ނަންގަވަމުން ވިދާޅުވިއެވެ.

ބޮޑުބޭބެ المـــاس އޭރު އިނީ ތާއްޔާ ޖެހިޖެހިއެވެ. އޭނާ ބުންޏެވެ. "حسن އެބޭފުޅުންގެ ވާހަކަފުޅަށް ހެއްލިވަޑައިނުގަންނަވާ އެތަނަށް ވަޑައިގެންފިނަމަ އެބޭފުޅުން ހަވީރު ވަންދެން حسن އެތާ ހިންގުވާނެ! އެތާކު حسن ދެކެވަޑައިނުގަންނަވާ އެއްޗެއްވެސް ނުހުންނާނެ!"

ބޮޑުބޭބެ المـــاس މައްސަލައިގެ ތެރެއަށް ވަނުމަކީ حسن ގެ ނަޒަރުގައި ޣަނީމާއެކެވެ. އޭނާ ދެވަނަފަހަރަށް ހިލަމަތީގައި އިށީނދެވަޑައިގެންފިއެވެ.

حسن ގެ ޢުމުރުފުޅަކީ ހަތްއަހަރެވެ. އޭނާ ވަޑައިގަތީ އޭނާގެ ބޭބެމެންނާއެކު ޝިކާރައަށެވެ. أحمـد އޭނާއަށްވުރެ ތިންއަހަރު ދޮށިފުޅެވެ. سعـد ފަސްއަހަރު ދޮށިފުޅެވެ. المـــاس އަކީ އެބޭފުޅުންގެ ނޯކަރެކެވެ. އެބޭފުޅުން المـــاس އަށް ވިދާޅުވަނީ المـــاس ބޮޑުބޭބެއެވެ. ބޮޑުބޭބެއަކީ المـــاس އާ ވަރަށް ގުޅޭ ނަމެކެވެ. އެހެންކަމުން އަވަށްޓެރީންގެ ކުދިބޮޑު އެންމެންވެސް المـــاس އަށް ކިޔަނީ ބޮޑުބޭބެއެވެ.

ތިން ބެއިން އިރުކޮޅެއްވަންދެން އެކިއެކި ވާހަކަދައްކަވާން ތިއްބެވިއެވެ. أحمـد ކުއްލިއަކަށް المـــاس އަށް އިޝާރާތް ކޮށްލެއްވިއެވެ. އޭރު އޭނާ ގަދަ ނިދީގައި ގުގުރި ދަމަނީއެވެ.

سعـد ވިދާޅުވިއެވެ. "ހިނގާ އިހަށް މިބަގީޗާ ބަލައިލަމާ!"

حسن ހިލަމަތީން ފައިބައި ބިންމަތީގައި އޮށޯވެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ބޭބެމެން ވަޑައިގަންނަވާ ބަގީޗާ ބައްލަވާން އަޅުގަނޑެއް ނުދާނަން!"

"އެންމެ ރަނގަޅު ކޮއްކޮ މިތާ މަޑުކޮށްލައްވާ. ބޭބެމެން އަންނާނަން. ހިންގަވާ أحمـد!"

سعـد އާއި أحمـد އާ ދެބޭފުޅުން ބަގީޗާއަށް ވެދެވަޑައިގެންފިއެވެ. ވީރާނާވެފައިވާ ހަތަރު ފާރުގެ އެތެރޭގައި އެހެން ވަށައި ފާރެއްވެސް ހުއްޓެވެ. އެފާރުތެރެއިން މުސްކުޅި ފާޑުގެ އިމާރާތް ފެނެއެވެ. އެދިމާއަށް އިރުކޮޅަކު ހިންގަވައިލައްވާއިރަށް އެތެރެއިން ކުދިބަޔަކު ވާހަކަދައްކާ އަޑާއި ބާރަށް ހޭނއަޑު އިވިވަޑައިގެންފިއެވެ. أحمـد އާއި سعـد އާ ދެބޭފުޅުން ކުއްލިއަކަށް ހުއްޓިވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. سعـد އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު ވިދާޅުވިއެވެ. "އެވާނީ އައްޒަހްރާގެ ކުދީންކަމަށް. ހިންގަވާ އެވެރީން ކުރާކަމެއް ބަލައިލަމާ!"

އިރުކޮޅެއްގެ ފަހުން أحمـد އާއި سعـد އާ ދެބޭން ތިއްބެވީ އެބަގީޗާގެ ދޮރުމަތީގައި ހުއްޓިވަޑައިގެން އެތެރެޔަށް ބަލަހައްޓަވައިގެންނެވެ. ކުރީގެ ބަގީޗާއަށްވުރެ މިބަގީޗާގެ ޙާލަތު ތަންކޮޅެއް ރަނގަޅެވެ. އާފަލުގަސްތަކުގައި އޮތީ އާފަލުއަޅައި ފުރިފައެވެ. ބަގީޗާގެ އެއްކަނެއްގައި ވަރަށްބޮޑު ގަނޑުވަރެއް ހުއްޓެވެ. އެގަނޑުވަރުގެވެސް ގިނަ ތަންތަންވަނީ ބިމާ ހަމަވެފައެވެ. ނުވެއްޓިހުރި ތަންތާނގެ ބާވެފައިވާ ފުރާޅުތަކާއި ވީރާނާވެފައިވާ ދޮރުތަކުން އެތަން ފަޅަށް ހުންނަތާ އެތައް ދުވަހެއްވެއްޖެކަން އެނގެއެވެ. ބަގީޗާގައި ފެންގަނޑެއް އޮތެވެ. އެފެންގަނޑުގެ މެދުގައި ސަންގުމަރުމަރު ހިލައިގެ ބާރާދަރީއެއް ހުއްޓެވެ. ހަތަރު ފަރާތުން ރަތްހިލައިގެ ހަރުފަތްތަކެއް އެބާރާދަރީއަށްދާން ފާލަންތަކެއްގެ ގޮތުގައި އޮތެވެ. ބާރާދަރީގެ އެއްފަރާތެއްގައި ތަޅުންގަނޑަށްވުރެ ދެކައިވަތެއްހައި އުސް ކުޑަކުޑަ މަންސައެއް ހުއްޓެވެ. އެތަން ހަދައިފައިހުރީ ސަންގުމަރުމަރު ހިލައިންނެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް ކުދީން އެބާރާދަރީގައި ބާރަށް ހޭންތިއްބެވެ. އެކުދީން ބަލަހައްޓައިގެން ތިބީ އާފަލުގަސްތަކާ ދިމާއަށެވެ. މާގިނައިރެއް ނުވެއެވެ. އާފަލުގަސްތަކުގެ ތެރެއިން ކުއްޖަކު ނުކުމެއްޖެއެވެ. އޭނާގެ އަތުގައި އަސައެއް އޮތެވެ. އޭނާ ފެންގަނޑުގެ ކައިރިއަށް އައިސް ގޮވައިލިއެވެ. "މާތް މަތިވެރި މަހާރަދުން އެބަވަޑައިގަންނަވައެވެ."

سعـد ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "أحمـد މިކުދީން ރަސްގެފާނާ ރައްޔިތުންގެ ކުޅިވަރު ކުޅެނީ."

"ކޮންތަނަކު މޮޔައިންތަކެއް!" أحمـد ސަމާސާގޮތް ކަނޑުވައިލައްވައިފައި ވިދާޅުވިއެވެ.

ގަސްތަކުގެ ތެރެއިން އެހެން ކުއްޖެއް ނިކުމެއްޖެއެވެ. އެކުއްޖާގެ ބޮލުގައި ކައިވަތެއްހައި އުސްތާކިހަލެއް އޮތެވެ. އޭނާ ފެނިފައި ކުދީންތައް ހޭންފަށައިފިއެވެ. ނަމަވެސް އޭނާ ބާރާދަރީގެ ކައިރިއަށް އައުމާއެކު ހުރިހައި ކުދީން ކޮޅަށް ތެދުވެއްޖެއެވެ. ތާކިހާ އަޅައިގެންހުރި ކުއްޖާ މަންސައިގައި އިށީނުމާއެކު ހުރިހައި ކުދީން ތިރީގައި ތަޅުންގަނޑުމަތީގައި އިށީނދެއްޖެއެވެ. ބައެއް ކުދީން އަދިވެސް ހުނުމެއް ނުހުއްޓައެވެ. ނަމަވެސް ތާކިހާ އަޅައިގެންއިން ކުއްޖާ އަތްތިލަބަޑި ޖަހައިލުމުން ހުރިހާ ކުދީން ހުނުން ހުއްޓައިލައިފިއެވެ. އެހައިތަނުން ދަރުބާރުގެ ޙަރަކާތްތައް ފެށިއްޖެއެވެ.

އެއްވެފައިތިބި ކުދީންގެ ތެރެއިން އެއްކުއްޖަކު ތެދުވެ ކޮށިކޮށި ޢިބާރާތުން ޅެމެއް ކިޔައިލިއެވެ. އެކުއްޖާގެ ޅެން ނުނިމެނީސް ބަގީޗާގެ ޑަރޯގާ އާފަލުވަށިގަނޑެއް ހިފައިގެން ފެންގަނޑުގެ ކައިރިއަށް އައިސް ބުންޏެވެ. "އަޅުގަނޑު އާފަލު ގެނެސްފިން. ގެންދަވާ! މިހިރީ އާފަލު!"

މަހެފިލުގައި އަނެއްކާވެސް އިރުކޮޅެއްވަންދެން ގުގުމަމުންދިޔައީ ކުދިވެރީންގެ ހުނުމުގެ އަޑެވެ. ރަސްގެފާނަށް އެތައްފަހަރަކު އަތްތިލަބަޑި ޖަހަންޖެހުނެވެ. ޑަރޯގާގެ ވާހަކައަށް ޖަވާބެއް ނުލިބުމުން އޭނާ އާފަލު ވަށިގަނޑު ހިފައިގެންގޮސް "ރަސްގެފާނުގެ" ގާތުގައި މަންސައިގެ މަތީގައި ބަހައްޓައިފިއެވެ. "ރަސްގެފާނު" ރުޅިއައިސްގެން ބުންޏެވެ. "ދެން އެކަކުވެސް ހީނފިނަމަ އަހަރެން ދަރުބާރު ނިންމައިލާނަން!"

ކުދީންތައް އަނެއްކާވެސް ހުނުން ހުއްޓައިލައިފައި ދަރުބާރުގެ ޙަރަކާތްތަކަށް ސަމާލުކަން ދީފިއެވެ. ޅެންކިޔަންވެސް ފެށިއްޖެއެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ނުވަތަ ޤުރުޠުބާގެ ކޮންމެވެސް މަޝްހޫރު ޝާޢިރެއްގެ ޅެމެއް ކިޔައެވެ. ރަސްގެފާނު ކޮންމެ ޝާޢިރަކަށް ދެއާފަލު އިނާމަކަށް ދެއެވެ.

سعـد އާއި أحمـد އާ ދެބޭފުޅުން ފެންގަނޑު ކައިރިއަށް ވަޑައިގެންފިއެވެ. ކޮންމެވެސް ކުއްޖަކަށް سعـد އާއި أحمـد އާ ދެބެއިން ފެނިއްޖެއެވެ. އިރުކޮޅެއްގެ ތެރޭގައި ހުރިހާ ކުދީންގެ ސަމާލުކަން سعـد އާއި

أحمـد އާ ދެބެއިންގެ މައްޗަށް ހުއްޓިއްޖެއެވެ. އެއްކުއްޖަކު ސުވާލު ކުރިއެވެ. "އަޅެ މިއީ ކޮންބައެއް؟"

އެހެންކުއްޖަކު ހެމުންހެމުން ޖަވާބު ދިނެވެ. "އެއީ ފަރުބަދަމަތީގެ ފޭރޭމީހުން. އެބައިމީހުން އެއައީ އަހަރެމެންގެ ރަސްގެފާނާ ޙަމަލާދޭން."

"ރަސްގެފާނު" އަމުރުކުރިއެވެ. "އެ ޑާކޫންގެ ދުނިދަނޑިތަކާއި ދުނިތައް ފިރުކައިގަނޭ! އެބައިމީހުން ހައްޔަރުކުރޭ!"

އެކުދީންގެ ކުޅިވަރުގައި ސިފައިންގެ ވެރިއެއްގެ ދައުރު އަދާކުރާ ކުއްޖާ ޖަވާބުދިނެވެ. "މާތް ސާހިބާ! އެބައިމީހުން ދުނިއުކަން ފަށައިފިނަމަ ހަދާނީ ކިހިނެއްތޯ؟ ހީވަނީ އެއީ ވަރަށް ޖަންގަލީ ބައެއްހެން!"

އެހެންކުއްޖެއް ތެދުވެފައި ބުންޏެވެ. "އަޅުގަނޑުމެންގެ ސިފައިންގެ ވެރިޔާއަކީ ފިނޑިއެއް. މަނިކުފާނު އެބައިމީހުންނާ ޙަމަލާދެއްވާ! އެހެންނޫނީ ރައްޔިތުން ބުނާނީ ރަސްގެފާނަކީވެސް ވަރަށް ފިނޑި ބޭފުޅެކޭ!"

"ރަސްގެފާނު" ވިސްނުމުގެ ތެރެއަށް ގެއްލިއްޖެއެވެ. سعـد އާއި أحمـد އާ ދެބޭފުޅުންނަށް އެކުދީންގެ ބައެއް ވާހަކަ އަޑުއިވިވަޑައިގެންނެވިއެވެ. އެހެންކަމުން أحمـد މަޑުމަޑުން ވިދާޅުވިއެވެ. "ބޭބޭ! ހިންގަވާ އަވަހަށް ދަމާ!"

"ކޮއްކޮ އެމީހުންދެކެ ބިރުފުޅުގަތީތޯ؟" سعـد ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ.

أحمـد ވެސް ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "ކާކުތޯ ބުނީ އަޅުގަނޑު އެމީހުންދެކެ ބިރުގެންފިއޭ!"

"އެހެންވީއިރު ވަޑައިގަންނަވާ! سعـد ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ.

أحمـد އޭނާގެ ބޭބެގެ އަރިހުގައި ވަޑައިގެން ފެންގަނޑުގެ ދޫނިފަތްމަތީގައި އިށީނދެވަޑައިގެން "ރަސްގެފާނާއި" އޭނާގެ އެކުވެރީންގެ ޙަރަކާތްތަކަށް ފަރުވާކުޑަ ގޮތަކަށް ބައްލަވާން ފައްޓަވައިފިއެވެ.

"ރަސްގެފާނު" އޭނާގެ އެކުވެރީންގެ ގާތު ސިއްރު ސިއްރުން ބުންޏެވެ. "ހިނގާ އަހަރެމެންގޮސް ކުއްލިއަކަށް އެދެމީހުން ވަށައިލަމާ! އަހަރެން އެމީހުނާ ވާހަކަ ދައްކާނަން. ތިޔަބައިމީހުން އެދެމީހުންގެ ދުނިދަނޑިއާއި ދުނިތައް ފިރުކައިގަނޭ!"

އިރުކޮޅެއްގެ ތެރޭގައި ހުރިހައި ކުދީން ބާރާދަރީގެ ތެރެއިން ނުކުމެގެންއައިސް سعـد އާއި أحمـد ދެބޭން ވަށައިލައިފިއެވެ. "ރަސްގެފާނު" ގެ އިސްކޮޅާއި ރޫފައާއި އުމުރުގެ ގޮތުންވެސް އޭނާއަކީ އެގުރޫޕުގެ ވެރިޔާ ކަމުގައި ފެނެއެވެ.

"ކޮންތަނަކުން އައިބައެއްތަ؟" އޭނާ سعـد އާއި أحمـد އާ ދެބޭފުޅުންގެ އަރިހަށް އައިސް ސުވާލުކުރިއެވެ.

(ނުނިމޭ)