ސީރިއާ ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ ދިވެއްސަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސީރިއާގައި ހިންގާ ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ 34 އަހަރުގެ ދިވެހި ފިރިހެނަކު، މިއަދު އެނބުރި ރާއްޖެ އައުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ފޮރިން ޓެރަރިސްޓް ފައިޓާސްގެ ލިސްޓުގައި ވެސް ހިމެނޭ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ސީރިއާގެ ދާހިލީ ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި 53 ޕަސަންޓް ފިރިހެނުން އަދި 47 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.

އޭގެ ތެރެއިން މިހާރު ދިރި ތިބީ ނުވަ ޕަސަންޓް ފިރިހެނުންނާއި 91 ޕަސަންޓް އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ބުންޏެވެ.

އެ ޑިޕާޓްމަންޓުން އިތުރަށް ބުނީ، ހަނގުރާމައަށް ދިޔަ ފިރިހެނުންގެ ތެރެއިން 48 ޕަސަންޓުގެ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި ކުށުގެ ރެކޯޑު އޮންނަ މީހުންގެ ތެރެއިން 39 ޕަސަންޓް މީހުންނަކީ ގޭންގުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.