ރައްޔިތުންގެ މަޖިލީހުން އިއްޔެ ލައިވް ކުރި ކޮމިޓީއެއްގައި ގާނޫނުގައި ހާމަ ކުރުމަށް މަނާ ކޮށްފައިވާ މައުލޫމާތެއް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ހަމާކުރި މައްސަލައިގައި ޕީޖީ ހުސެއިން ޝަމީމު މައާފަށް އެދިވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމުގައި ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަންޖެހޭ ގޮތަށް ޖިންސީ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ އިސްލާހަށް ހިޔާލު ހޯދުމަށް ޕީޖީ އޮފީހުންގެ ފަރާތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ފާތިމަތު ނަބާހާއެވެ. އެގޮތުން ކޮމިޓީގައި ނަބާހާ ވަނީ އެ އޮފީހާއި ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުއްޖަކު ރޭޕްކުރި ކޭސްއެއް މިސާލެއްގެ ގޮތުގައި ނަންގަވައި، އެ ކުއްޖާ ރޭޕްކުރީ ކާކު ކަމާއި އެކުއްޖާގެ މައުމޫމާތު ވެސް ހާމަކޮށްފަ އެވެ.

ނަމަވެސް އެ މައުލޫމާތަކީ ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ ދަށުން ހާމަކުރުން މަނާ މައުލޫމާތެކެވެ. އަދި އެ މައުލޫމާތު ހާމަކުރަމުން ދިޔައިރު ވެސް ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އޭނާ ހުއްޓުވާފައެއް ނުވެ އެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހަށާއި މެމްބަރު ޖީހާނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ޕީޖީ ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޖީ އޮފީހުގެ މުވައްޒަފަށް އެ މައުލޫމާތު ހާމަކުރެވުނީ އޮޅިގެން ކަމަށާއި އަދި އެ މައުލޫމާތު ހާމަކުރި އިރު ލައިވް ކުރާކަން މުވައްޒަފަށް ނޭނގޭ ކަމަށެވެ.

އެހެންކަމުން އެކަމަށް މައާފަށް އެދި ޕީޖީ ވަނީ އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ޖިންސީ ކުށުގެ ގާނޫނުގައި 59 ވަނަ މާއްދާ (ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާގެ ތަފްސީލު ހާމަނުކުރުން)ގެ (ހ) ގައި ބުނެފައިވަނީ ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑިއާގެ އެއްވެސް ވަސީލަތެއްގައި ބަޔާންކުރުމުގައި ނުވަތަ ޝާއިއުއުކުރުމުގައި އެ ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ މި ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

އެފަދަ އަމަލެއްކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ވަޒީރަށް ލިބިގެންވާ ކަމަށާއި އަދި އެފަދަ ކަމެއް ކުރިކަމަށް ސާބިތުވާހިނދު، އެފަރާތެއް 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ވެސް އެ މާއްދާގެ (ށ)ގައި ބުނެފައިވެ އެވެ.