ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ ރާއްޖޭގެ އާބާދީއާ އަޅައި ބަލާއިރު ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މިހާރު ދޫކޮށްފައިވާ ކަމަށާއި އެހެންކަމުން ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރުމަށް އިތުރު ފަރާތްތަކަށް ލައިސަންސް ދޫކުރުން މިއަދުން ފެށިގެން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ބުނީ، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް އޮންނަ ފަރާތްތަކަކުގެ ލިސްޓް އެ އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްއެމްއޭއިން ވަނީ މަނީ ޗޭންޖަރުންނާ ގުޅޭ ގަވައިދު އިސްލާހު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި ބުނެފައެވެ.