(12 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

އޭނާގެ ވިސްނުންފުޅުގައި ބައެއްފަހަރަށް ފެތުރެނީ މުސްތަޤުބަލުގެ އަލިކަމާއި އުޖާލާކަމެވެ. އޭނާގެ ފުރާނަފުޅު ބައެއްފަހަރު ޠަވާފުކުރަނީ ޙަޔާތުގެ ނިޝާނެއްނެތް މަގުތަކުގެ އަނދިރިކަމުގެ ތެރޭގައެވެ. އެ އަނދިރިކަމާއި އަލިކަމާ ދެމެދުން މަޑިކިލަނބުތަކެއް ފަދައިން ވިދައި ބަބުޅަނީ ޙައްޤުގެ މަގުގައި ދަތުރުކުރެއްވި ދަތުރުވެރީންގެ ފައިތިލަފުޅުގެ ނިޝާންތަކެވެ. އޭނާ ބަހުރައިނުން ފެށިގެން ޚުރާސާނާ ހަމަޔަށް ދަތުރުކުރެއްވީ އެ މުސާފިރުންނާ އެކުގައެވެ. އޭނާ ހަނގުރާމައިގެ މައިދާންތަކުގައި މުޖާހިދުން ކުރެއްވި ނަޢުރާތަކާއި އަސްތައް ކަޑަބޮއްޖަހާ އަޑާއި ތީރުތައް ވައިކަފާ އަޑާއި ކަނޑިތައް ކޭއްތޭ އަޑު އައްސަވަނީއެވެ. އޭނާގެ ޚިޔާލީ ލޯފުޅަށް ފެނިވަޑައިގަންނަވަނީ އެބޭކަލުންގެ ކަނޑިކޮޅުތަކުގެ ތުނޑުން ދުނިޔޭގެ ޗާޓުގައި އައު ރޮނގުތަކެއް ކުރެއްސެވި ނަންހުރި ކޮމާންޑަރުންނެވެ. އެބޭކަލުންގެ ނަންފުޅުތައްވަނީ ޢަޒުމާއި ޔަގީންކަމާއި ކެރިވަޑައިގަތުމާއި ހިތްވަރުފުޅު ގަދަކަމުގެ ހިމަނައިނުގަނެވޭހައިގިނަ ދާސްތާނުތަކެއްގެ މައިގަނޑު ނަންތަކެއް ކަމުގައިވެފައެވެ. އޭނާ އޭނާގެ ވަކިވެފައިވާ އެކުވެރީންނަށް ވިދާޅުވަނީއެވެ. އަނދިރި ޚާނުގާހުތަކުގައި ތައުހީދުގެ ބައްތި ދިއްލި އަނދަނައަކީ އެބޭކަލުންގެ ލޭފޮދެވެ. ބައެއްފަހަރު އޭނާގެ ކުރިފުޅުމަތީގައި ހުރަސްވަނީ ކަރުނަފޮދުގެ ފަރުދާއެކެވެ. އެފަދަ ވަގުތުތަކުގައި އޭނާގެ ކަންފަތްޕުޅުގައި ގުގުމާންފަށަނީ ޙަޔާތުގެ ޤާފިލާގެ ހިތްވަރުފުޅުގަދަ ނަގީބެއް އަދި ޢަޒުމުފުޅު ވަރުގަދަ ޤާއިދެއްގެ އަންނަނިވި ބަސްފުޅުތަކެވެ.

"މާތް اللّـه ގެ ބިން ނިމޭހިސާބަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. މާތް اللّـه ގެ ސިފައިންގެ ލަޝްކަރު މިތަނަށް އައުމުން އެލަޝްކަރާއެކު އަހަންނަށް ދަތުރުކުރެވޭނީ ކިހައިހިސާބަކަށް ކަމެއްވެސް ނޭނގެއެވެ. އެލަޝްކަރާއެކު އަހަންނަށް އުދަރެހުގެ އެންމެފުރަތަމަ ރޮނގަށްވުރެ ދުރަށް ނުދެވުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. އެކަމަކު ހިޖާޒުގެ ޤާފިލާގެ ދަތުރު ކުރިޔަށްދާހައި ހިނދަކު މާތް اللّـه ގެ ބިމުގެ ސަރަޙައްދު ނުނިމޭހައި ހިނދަކު އަހަރެންގެ ރޫޙަށް ލިބިލިބި ހުންނާނީ މާތް اللّـه ގެ މަގުގައި ފިޔަވަޅު އަޅަމުން ގެންދާ މީހުންނަށްޓަކައި ލިޔުއްވައިފައިވާ ދާއިމީ އުފާތަކެވެ. ޤިޔާމަތާ ހަމަޔަށްވެސް އިސްލާމްދީނުގެ ޣާޒީންގެ ފުތޫހާތު ކުރިޔަށް ދާނެއެވެ. އެއީ އަހަރެންގެވެސް ފުތޫހާތެވެ. އަހަރެން ބޭނުންވަނީ ބަދުރާއި ޙުނައިނުގެ ޤާފިލާ މަދާއިނާ ދިމާޔަށް ދަތުރުކުރާން ފަށައިފިކަމުގެ ހިތްހަމަޖެހުން ލިބުމެވެ. އެ ޤާފިލާ ދަތުރުކުރާ މަގުގެ އިބްތިދާއީ މަންޒިލުތަކުގެ ބައްތިތައް ދިއްލިފައިވަނީ އަހަރެންގެ ލެއިންނެވެ."

حسّان ގެ ކަރުނަފޮދު ޖަވާބު އަރުވަމުން ގެންދިޔައެވެ. "އަޅުގަނޑުގެ ޤާއިދެވެ! އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ! އަޅުގަނޑުގެ މުޙުސިނެވެ! ބަދުރާއި ޙުނައިނުގެ ޤާފިލާ މަދާއިނު ފަސްދީ މާދުރަށް ކުރިޔަށް ހިނގައްޖެއެވެ. ކަލޭގެފާނު އުފުއްލައިލެއްވި ދިދައިގެ ހިޔާ މިހާރުވަނީ އަލްވަންދު ފަރުބަދައާއި އަލްބުރުޒު ފަރުބަދައިގެ ކުންނަށްވުރެ މާދުރަށް ފެތުރިފައެވެ. ކަލޭގެފާނު އެޤާފިލާއަކަށް ގޮވައިލައްވަމުން ގެންދެވި ޤާފިލާގެ ދަތުރުވެރީންވަނީ އެތައް ސަހަރާތަކަކާއި އެތައް ކޯރުތަކަކާއި އެތައް ފަރުބަދަތަކެއް ގިރާކޮށްފައެވެ."

ކުއްލިޔަކަށް އޭނާގެ ފަހަތްޕުޅުން އިވިވަޑައިގެންނެވީ سُهيل ގެ އަޑުފުޅެވެ. "ބޭބެ ތެދުވެވަޑައިގަންނަވާށެވެ."

"ބައްތެލިތައް އައީތޯއެވެ؟" އޭނާ ސިހިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ.

"ބޭބެ މިފަރާތް ބައްލަވާށެވެ! ކުޑަކުޑަ ފަޅުވެރިޔަކު މިހިރީ ބޭބެ ގެއަށް ގެންދާހިތުން ބަލައި އައިހެވެ."

حسّان އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު سُهيل ހުންނެވީ حسّان ގެ ތުއްޕުޅު ދަރިކަލުން سلمـان އިނގިލިފުޅުގެ ކުރީގައި ލައްވައިގެންނެވެ. حسّان ތެދުވެވަޑައިގެން ދެއަތްޕުޅު ފަތުރައިލެއްވިއެވެ.

سلمـان ޖެހިލުންވެވަޑައިގެން ލަދުފުޅުން ހުންނަވައި ކުރިޔަށް ވަޑައިގެންނެވިއެވެ. ތަންކޮޅަކަށް ވަޑައިގެންފައި ހުއްޓިވަޑައިގެންފިއެވެ. އަނެއްކާވެސް ކުރިޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ބައްޕާފުޅާ އޮޅުލައިވަޑައިގެންފިއެވެ.

سُهيل ހިނިފުޅުވަޑުވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ބޭބޭއެވެ! ތިޔައަށްވުރެ އަދި މާތުއްތު ފަޅުވެރިޔަކުވެސް އެބައިނެވެ. އޭނާގެ ގާތަށް ނިދިއަންނަނީއެވެ."

حسّان ކޯރުގެ ކޮލާދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ. ތަންކޮޅެއް ދުރުގައި ޒަރުބަޚުތާއި ކާއޫސާއެކު ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވިއެވެ. ޒަރުބަޚުތު ހުންނެވީ އޭނާގެ ދަރިކަލުން އުރައިލައްވައިގެންނެވެ. ماه بانو ހުންނެވީ އޭނާގެ އެންމެ ތުއްޕުޅު ދަރިކަލުން މޭފުޅުގައި ޖައްސަވައި ބޮނޑިކޮށްލައްވައިގެންނެވެ. حسّان ދުވެވަޑައިގެންފައި އެދިމާޔަށް ވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ماه بانو އެވެ. ކަލާ މިވަގުތު މިތަނަށް ވަޑައިނުގެންނެވި ކަމުގައިވިޔަސް އެންމެ ރަނގަޅުވީހެވެ."

ماه بانو ގެ ބެއްލެވުމުގައިވަނީ ލޯތްބާއި ކިޔަމަންތެރިކަމެވެ. އޭނާ އިސްދަށަށް ޖައްސަވައިލެއްވިއެވެ. ޖަވާބު ދެއްވުމުގެ ބަދަލުގައި އަވަހާރަފުޅު ލައްޕަވައިފައި އިންނެވި ތުއްޕުޅު ދަރިކަލުން حسّان އަށް ދިއްކޮށްލެއްވިއެވެ. حسّان އެދަރިކަލުން އުރައިލައްވައިފައި ދޮންދެއްވިއެވެ. ހަނދުވަރުގެ އަލީގައި އެދަރިކަލުންގެ ރީތި މޫނުފުޅު ބައްލަވައިލެއްވިއެވެ. ތުއްޕުޅު ދަރިކަލުން އެވަގުތު ކީރިތިކުރައްވާން ފައްޓަވައިފިއެވެ. سلمـان ޝަކުވާކުރައްވާން ފައްޓަވައިފިއެވެ. "ބައްޕަ نـعمـان ގެ ގައިކޮޅުގައި ތަޅުއްވަނީ ކީއްވެގެންތޯއެވެ؟"

حسّان ކާއޫސުގެ އަތަށް ދަރިކަލުން ދެއްވައިފައި ޒަރުބަޚުތުގެ ދަރިކަލުން އަތުލައްވައިގެން އުރައިލައްވައި ލޯބިކޮށްލައްވަމުން يـاسمـين އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ތުއްތު ކޮއްކޯފުޅުގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟"

يـاسمـين ވިދާޅުވިއެވެ. "ތުއްތުކޮއްކޮ އޭނާ ދޮށީ ބޭބެއާ ކުރާ ޝަކުވާއަކީ ގަދަވެވަޑައިގެން ހުންނެވިކަންވެސް އަންގައިނުލައްވާކަމުގެ ޝަކުވާއެވެ."

حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "ތުއްތު ކޮއްކޮއަށް ދެނެއް ތިޔަ ޝަކުވާއެއް ނުކުރެއްވޭނެއެވެ. އަޅުގަނޑުގެ ޗުއްޓީ ނިމުމާއެކު ކޫފާއަށް ބަދަލުވެދާނަމެވެ. އެރަށުން ކޮންމެ ހަފުތާއަކު އެއްފަހަރު އަޅުގަނޑުގެ ހާލުގެ ޚަބަރު ލިބިވަޑައިގަންނަވާނެއެވެ. ކޮއްކޮ ޒަރުބަޚުތާ މެދުވެސް ފިކުރު ބޮޑުކުރައްވާނެކަމެއް ނެތެވެ. އޭނާގެ ޗުއްޓީ ހަމަވުމުގެ ކުރީން އަސްފަހާނަށް ބަދަލުވެވަޑައިގެންނެވިކަމުގެ އަމުރު އަތުވެދާނެއެވެ. މިހާރުވެސް އަސްފަހާނުގެ ޢާމިލަށް ވަނީ އެވާހަކަ ދެންނެވިފައެވެ. މިހާރު ކޮއްކޮ އުފާފުޅުވެއްޖެ ނޫންތޯއެވެ؟"

يـاسمـين ވިދާޅުވިއެވެ. "އަޅުގަނޑު އުފާވާނީ ޝަރުޠެއްގެ މަތީންނެވެ. ބޭބެމެން ހޫނުމޫސުމުގައި އަސްފަހާނަށް ވަޑައިގަންނަވާނެ ކަމުގައި ވަޢުދުވެވަޑައިގެންނެވުމުންނެވެ."

"يـاسمـين އެވެ! އަސްފަހާން ވަރަށް ދުރެވެ. ކޮންމެއަކަސް ޗުއްޓީގައި އަޅުގަނޑުމެން އަސްފަހާން ނޫން އެހެންތަނަކަށް ނުދާނޫއެވެ."

سلمـان ވިދާޅުވިއެވެ. "އަޅުގަނޑުވެސް ދާނަމެވެ."

"އާނއެކެވެ. ދަރިފުޅާއެވެ! ދަރިފުޅުވެސް ދާނޫއެވެ."

"މަންމަވެސް ވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން އެންމެންވެސް ދާނީއެވެ."

ماه بانو سُهيل އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "سُهيل އެވެ. ކޮއްކޮގެ ވާހަކަ ވިދާޅެއް ނުވަމުއެވެ.

سُهيل ވިދާޅުވިއެވެ. "އަޅުގަނޑަށް ހުރާސާނުގެ ވައިފެނާ ވަރަށް ގަބޫލުވެވިއްޖެއެވެ."

حسّان ވިދާޅުވިއެވެ. "ޚުރާސާނުގައި އަމާންކަން ދެމިއޮވެއްޖެ ކަމުގައިވާނަމަ އަންނަ އަހަރު ޢިރާޤުގެ ކޮންމެވެސް ޢަސްކަރީ މަރުކަޒަކަށް سُهيل ބަދަލުކުރެވޭނެއެވެ. ދެން ވަޑައިގަންނަވަމާ ހިންގަވާށެވެ. ބައްތެލިތައް ކޮބައިތޯއެވެ؟"

ޒަރުބަޚުތު ވިދާޅުވިއެވެ. "އައީ އެންމެ ބައްތެއްޔެކެވެ. އެބައްތެލި އަޅުގަނޑުމެންގެ އެކުވެރީންނާއި އަސްތަކާ އެފަރާތަށް ގެންގޮސްފައި މިހާރު އަންނާނެއެވެ."

"ބައްތެލި އައިސްފައި ދިޔައީތޯއެވެ. ބައްތެލި އައިކަމެއްވެސް އަޅުގަނޑަކަށެއް ނޭނގުނެވެ."

"އަޅުގަނޑަށް ހީވަނީ ބޭބެ އޭރު އިންނެވީ އެހެން ދުނިޔެއެއްގައި ހެންނެވެ."

سُهيل ވިދާޅުވިއެވެ. "ބޭބެއެވެ. ބޭބެ ވިސްނައިވަޑައިގެންނެވީ ކޮންކަމަކާތޯއެވެ؟ އަޅުގަނޑުމެން ހީކުރީ ބޭބެ އަވަހާރަފުޅު ލައްޕަވަނީ ކަމުގައެވެ."

حسّان ވިދާޅުވިއެވެ. "ބޭބެ އިނީ ހޭލައެވެ. އެކަމަކު ބޭބެއަށް މާދުރަށް ދެވުނީއެވެ. ކޮއްކޮ ގޮވައިލެއްވިއިރު ބޭބެ مثــنّـى بــن حــارثـــة رضى اللّـه عنــه އާ ވާހަކަ ދައްކަނީއެވެ."

އިރުކޮޅެއްގެފަހުން އެބޭފުޅުން ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. حسّان ގެ ޚިޔާލުފުޅުތައް އަނެއްކާވެސް ދުއްވައިގަތީ އެރީތި މާޒީއާ ދިމާޔަށެވެ. އެއީ ފުރާތުކޯރުގެ ރާޅުތައް ފުމެފުމެފައި ތެދުވެ مثــنّـى بــن حــارثـــة އާއި خــالــد بــن الـوليـد އާއި سعـد بـن أبى وقّـاص (رضى اللّـه عنـهم) އަށް ސަލާމް ދެންނެވުމަށްފަހު ބޯތިރިކުރަމުން ގެންދިޔަ ދުވަސްވަރެވެ. އޭނާގެ ހިތްޕުޅުގައި އުތުރި އަރަމުންދިޔައީ ޖާދުވީ އުފާވެރިކަމެކެވެ. އެއީ ހަމައެކަނި މާތް اللّـه ގެ ދީނުގެ ދިޔަ އުފުލާ މީހުންގެ އިނާމެއް ކަމުގައިވާ ފޮނިފޮނި އުފާވެރިކަމެކެވެ.*

ނަސީމު ހިޖާޒީ

އެބިޓްއާބާދު، 24 މެއި 1968

ޢަބްދުاللّـه ފާރޫޤު ޙަސަން

މާލެ، 5 ޖޫން 2020

ތިޔަ ލޮބުވެތި އުޚުތުނާއި އަޚުން ތިޔަވިދާޅެވެ ނިންމަވައިލެއްވި ފޮތަކީ ޕާކިސްތާނުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ نسيــم حجــازى ލިޔުއްވައިފައިވާ "ޤާފިލާ ހިޖާޒު" ގެ ދިވެހި ތަރުޖަމާއެވެ. އަޅުގަނޑު މިތަރުޖަމާއަށް ދީފައިވާ ނަމަކީ "ހިޖާޒުގެ ޤާފިލާ" އެވެ.

نسيــم حجــازى އަކީ އުރުދޫބަހާއި އަދަބިއްޔާތުގައި އިތުރު ތަޢާރުފަކަށް ބޭނުން ބޭފުޅެއް ނޫނެވެ. ޚާއްޞަކޮށް ވާހަކަ ލިޔުމުގެ ފަންނުގައި އޭނާގެ އަރިހުގައި ފަތިގަނޑުފިރުކައިލެވޭވަރުވާނީ ވަރަށް މަދު ލިޔުންތެރިޔަކަށެވެ. އަޅުގަނޑު މިދެންނެވީ ކޮންމެހެން މަހެއް ފަހައިލާވަރުގެ މަހެއް ނުހުންނާނެ ވާހަކައެއް ނޫނެވެ. އޭނާގެ ވާހަކަ ތަކުގައި ނާވިލެއްގައި ހުންނަޖެހޭ ފަންނީ ހުރިހައި ފުރިހަމަކަމެއް ހުރިކަމުގައިވިޔަސް އޭނާ ވާހަކަ ލިޔުއްވުމުގެ މަޤުޞަދަކީ ހަމައެކަނި މީހުންގެ މުނިފޫހިފިލުވައިދެއްވުމެއް ނޫނެވެ. އޭނާގެ މުހިންމަތު އެއަށްވުރެ މާ މަތިވެރިއެވެ. އޭނާގެ އަމާޒަކީ މުސްލިމުންގެ ކިބައިގައި އިސްލާމްދީނާއި އިސްލާމީ އަގުތަކާމެދު ލޯބި އުފެއްދެވުމެވެ. މުސްލިމުން މަތިވެރިކުރެއްވުމަށްޓަކައި، މުސްލިމު ޒުވާނުންގެ ކިބައިގައި ޖިހާދުގެ ރޫޙު އުފެއްދެވުމެވެ. އެކަމަށްޓަކައި އޭނާވަނީ އިސްލާމީ ތާރީޚުގެ ޢިބުރަތްތެރި އެތައް ހާދިސާތަކެއް އޭނާގެ ތަބްލީޣީ ލިޔުއްވުންތަކުގެ މައިގަނޑު ނަންކަމުގައި ހައްދަވައިފައެވެ.

މިއީ މުސްލިމުންގެ އަރައިހުންނެވި މުފައްކިރު سيّـد أبــوالأعـلـى مـودودى، نسيــم حجــازى އާ ބެހޭގޮތުން ލިޔުއްވައިފައިވާ ހެޔޮ ބަސްފުޅުތަކުގެ ޚުލާޞާއެކެވެ.

نسيــم حجــازى ގެ ވާހަކަތައް ތަރުޖަމާކުރުމުގައި އަޅުގަނޑުގެވެސް މަޤުޞަދަކީ نسيــم حجــازى ދަތުރުކުރެއްވި މިސުރާބަށް ދަތުރުކުރުމެވެ. نسيــم حجــازى އުފައްދަވައިފައިވާފަދަ އަމިއްލަ އުފެއްދުންތަކެއް އުފެއްދުމުގެ އެކަށޭނަކަން ލިބިފައިނެތުމާއެކު މަޤުޞަދު ހާސިލުވާފަދަ ތަރުޖަމާތަކެއް ދިވެހި އުންމަތުގެ ކުރިމައްޗަށް ހުށަހެޅުމެވެ. މިތަރުޖަމާޔަށް އަޅުގަނޑު ވަނީ ކުދިކުދި ބައެއް ތަފުސީލުތައް އިތުރުކޮށްފައެވެ. ކިޔުންތެރިންނަށް މައުޟޫޢު އިތުރަށް ޝަރަޙަކޮށް އެރުވުމުގެ މަޤުޞަދުގައެވެ. އާންމުކޮށް އެބައިތައް ލިޔެފައިހުންނާނީ ބްރެކެޓުގެ ތެރޭގައެވެ. މީގެކުރީންވެސް އަޅުގަނޑުވަނީ نسيــم حجــازى ގެ ދެ ވާހަކައެއް ތަރުޖަމާކޮށް ދިވެހި ކިޔުންތެރިންގެ އަރިހަށް ހުށަހަޅައިފައެވެ. އޭގެތެރެއިން އެއްވާހަކައަކީ محمّـد بــن قـاسـم އެވެ. އަނެއްވާހަކައަކީ އެންމެފަހުގެ ޙަމަލަ (އާޚިރީ މަޢުރިކާ) އެވެ. އަޅުގަނޑު ފަށައިފައި މޭޒުވަތްގަނޑުގައި ނުނިންމައި ބަހައްޓައިފައިހުރި މަސައްކަތްތަކުގެ ލިސްޓުގައި نسيــم حجــازى ގެ 4 ވަނަ ވާހަކައެއްވެސް އެބައޮތެވެ. އެއީ ޔޫސުފު ބިން ތާޝްފީން އެވެ. އިސްލާމީ އަންދަލުސްގެ ތާރީޚާބެހޭ ރީތި ވާހަކައެކެވެ.

އަޅުގަނޑު މިފޮތް ތަރުޖަމާކުރާން ފެށީ 1993 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. އަޅުގަނޑުގެ ގާތް އަޚެއްކަމުގައިވާ محمّـد وجيــه إبـراهيــم އާއި ދަޑިމަގު ޒުވާނުންގެ ޖަމިއްޔާގެ ޓީމުން ފުވައްމުލަކުގައި ނެރުއްވި ނޫހެއްކަމުގައިވާ "ފިޔެސް" ގައި ޝާއިޢުކުރުމަށްޓަކައެވެ. ދިމާވި ސަބަބުތަކާހުރެ، ފިޔެސް ހުއްޓުމާއެކު އެދުވަސްވަރު މިފޮތް ތަރުޖަމާކުރެވުނީ މި ފޮތުގެ 12 ވަނަ ބާބުގެ ކުޑަތަންކޮޅަކާ ހަމަޔަށެވެ. އޭގެފަހުން މިމަސައްކަތް އޮތީ އެއްވެސް ސަމާލުކަމެއް ނުދެވި ހުއްޓިފައެވެ. އެގޮތުގައި 26 އަހަރަށްވުރެ ގިނަދުވަސް ވުމަށްފަހު އަލުން މަސައްކަތްފެށީ ޙަޔާތުގެ އެކި ދައުރުގައި ފަށައިފައި ނުނިންމިހުރި މަސައްކަތްތައް ނިންމައިލެވޭތޯ ބެލުމުގެ ވިސްނުމުގައެވެ. އަލުން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރ، އޮކްޓޫބަރުގައި އަޅުގަނޑު ބެންކޮކަށް ކުރި ދަތުރެއްގައި ބެންކޮކުގައި ހުރެއެވެ. އެދަތުރު އަޅުގަނޑު ހުރީ ބެންކޮކުގެ ސުކުމްވިތް ސޮއި އެކެއްގެ 78 ނަންބަރު ހޮޓަލުގެ (ބެސްޓް ވެސްޓަރން ޕްރިމިއަރ) ރޫމް ނަންބަރު 510 ގައެވެ.

މިމަސައްކަތް ފަށައިގަނެވުނީވެސް ނިންމައިލެވުނީވެސް ދީލަތިވަންތަ މާތް اللّـه ގެ ހެޔޮތައުފީޤާ އެކުގައެވެ. އެހެންކަމުން ޙަމްދާސަނާ ދެންނެވުމުގެ ޒަރީޢާއިން އެކަލާނގެ ޙަޟުރަތަށް ކުއްތަންވަމެވެ. ދީލަތިވަންތަ ހުސްތާހިރުވަންތަ މާތް ރަސްކަލާކޯއެވެ! މިމަސައްކަތަކީ މިއަޅާގެ ހެޔޮޢަމަލެއްކަމުގައި ލައްވާނދޭވެ! ޢަމަލުކުރުމުގެ ފުރުސަތެއް ނެތި ހަމައެކަނި ނަތީޖާ ދެކޭންޖެހޭ ދުވަހު މިއަޅާއާއި މިއަޅާގެ އަނބިދަރީންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރީންނަށް ލާބަލިބެނިވި އައިތަވެރި ޢަމަލެއްކަމުގައި ލައްވާނދޭވެ. އާމީން.

13 ޖޫން 2020

ޢަބްދުاللّـه ފާރޫޤް ޙަސަން

ހ.ފަތަނގުމާގެ، މާލެ.