ފުޓްބޯޅަ

ސަލާހަށް ނަސްލީ ގޮތުން ދިމާކުރި ސަޕޯޓަރަކު ތިން އަހަރަށް ސަސްޕެންޑް ކޮށްފި

ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހަށް ނަސްލީގޮތުން ދިމާކުރި ވެސްޓްހަމްގެ ސަޕޯޓަރަކު، ތިން އަހަރު ދުވަހު ސްޓޭޑިއަމަށް ނުވަދޭ ގޮތަށް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފިއެވެ.

މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ލިވަޕޫލާއި ވެސްޓްހަމް ކުޅުނު މެޗުގައި ވެސްޓްހަމްގެ ސަޕޯޓަރަކު ނަސްލީ ތަފާތުކުރުމުގެ ބަސްތަކެއް ބުނި ކަމަށް ރިޕޯޓް ކުރީ ސެކުއިރިޓީ ގާޑެކެވެ. ބްރެޑްލީ ތަމްވޫޑް، 48، އިއްޔެ ކޯޓަށް ގެންގޮސްފައިވާއިރު، ގިނަ ސުވާލުތަކަކަށް އޭނާ ވަނީ ޖަވާބުދާރީ ކުރުވައިފައެވެ.

ސުވާލުތަކަށް ތަމްވޫޑް ދިން ޖަވާބުތަކަށް ކޯޓުން ވަނީ ނަސްލީ ގޮތުން ދިމާކުރި ކަމަށް ނިންމައިފައެވެ. އެކަމުގެ އަދަބެއްގެ ގޮތުން ތިން އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑްކޮށް، 400 ޕައުންޑުން ޖޫރިމަނާ ކޮށްފައިވެއެވެ. އަދި ދިމާކުރި މީހާއަށް ހާއްސަ ބަދަލެއްގެ ގޮތުގައި 125 ޕައުންޑް ދައްކަން ހުކުމްކޮށްފައިވެއެވެ.

ވެސްޓްހަމްއިން ވަނީ ތަމްވޫޑަށް ހާއްސަ ސެޝަންތަކެއް ނަގައިދޭން ނިންމައިފައެވެ. އަދި އެ ކްލާސްތަކުން ހެޔޮ އަސަރެއް ނުކޮށްފި ނަމަ، ނުވަތަ ކްލާސްތަކަށް ތަމްވޫޑް ދެކޮޅު ހަދައިފިނަމަ، ތިން އަހަރު އިތުރު ކުރުމަށް ވެސްޓްހަމް އިން ވިސްނާނެ ކަމަށް ބުނެފައިވެއެވެ. ވެސްޓްހަމްގެ ފަރާތުން ބުނެފައިވަނީ ނަސްލީ ތަފާތު ކުރުމުގެ ކަންކަމަށް ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ކަމަށެވެ.

ވެސްޓްހަމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކްލަބުން ގަބޫލުކުރަނީ ހަމަހަމަ ކަމާއި، ނަސްލީ ތަފާތުކުރުމުން ދުރުވެފައިވާ މުޖުތަމައެއްގެ އަސާސްތައް ކަމަށެވެ. އަދި ހާއްސަކޮށް ކްލަބުގެ މައިގަނޑު އަސާސުތައް ބިނާވެފައިވެސް ވަނީ، އެންމެންވެސް ބަލައިގަންނަ އުސޫލުތަކެއްގެ މައްޗަށް ކަމަށްވެސް ވެސްޓްހަމްއިން ބުނެފައިވެއެވެ.

ވެސްޓްހަމް ސަޕޯޓަރު ތަމްވޫޑްގެ އަމަލުތައް މެޓްރޮޕޮލިޓަން ފުލުހުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެފަދަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާނެ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ބްރޭކަށް ފަހު ޕްރިމިއާ ލީގުގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ލިވަޕޫލާއެކު ސަލާހް ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް އެވަޓަންއާ ދެކޮޅަށެވެ.