މާދަމާ އިން ފެށިގެން 16 ގެސްޓް ހައުސްއެއް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް 27 ގައެވެ. އަދި ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައެއް ނުވެ އެވެ. އެ ހުއްދަ ސަރުކާރުން ދޭން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ، ގެސްޓް ހައުސްތަކުން އެސްއީއޯޕީ ހުށައެޅުމުން އެ ތަންތަން ހުޅުވުމުގެ ހުއްދަ ދެނީ އެ ރަށާއި ގެސްޓް ހައުސްގައި ގައިޑްލައިނާ އެއްގޮތަށް ކަންކަން ކުރެވިފައިވޭތޯ ޔަގީންކުރުމަށް ފަހުގައި ކަމަށެވެ.

އެގޮތުން މިއަދާ ހަމައަށް 22 ގެސްޓް ހައުސްއެއްގެ އެސްއޯޕީ ލިބިފައިވާއިރު އޭގެ ތެރެއިން ހުޅުވުމުގެ ހުއްދަ މިހާތަނަށް ދީފައިވަނީ 16 ގެސްޓް ހައުސަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ކޮންމެ ދުވަހަކު ވެސް ކަންކަން ފުރިހަމަކުރާ އިތުރު ކައުންސިލްތަކާއި ގެސްޓް ހައުސްތަކަށް އެސްއޯޕީ އެޕްރޫވަލް ދެމުން ދިއުން،" ރައްޒާން ވިދާޅުވި އެވެ.

  • ކ. މާފުށި
  • ކ. ހުރާ
  • ވ. ތިނަދޫ
  • ނ. ފޮއްދޫ
  • ތ. ގާދިއްފުށި
  • އއ. މަތިވެރި
  • ހދ. ހަނިމާދޫ
  • ށ. ނަރުދޫ
  • ވ. ފުލިދޫ

އަލުން ގެސްޓް ހައުސްތައް އޮޕަރޭޓް ކުރަން ފަށާއިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތުން، އެންމެން މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފަ އެވެ.

އޭގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލައި ގެސްޓް ހައުސްތައް ހުޅުވާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީއާ ކަރަންޓީން ފެސިލިޓީ ގާއިމްކުރަން ޖެހެ އެވެ. އަދި ކޮންމެ ގެސްޓް ހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަން ޖެހޭއިރު އައިސޮލޭޝަނަށް ހާއްސަ ކޮޓަރިތަކެއް ވެސް ހުންނަންޖެހެ އެވެ.