ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޔުނާންގެ ދެމަފިރިން ހައްޔަރު ކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ފުރަތަމަ އެދެމަފިރިންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ ހަތް ދުވަހެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެ ހަތް ދުވަސް ހަމަވެ، ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު އެ ދެމަފިރިން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެވެ.