ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރު ގެންނަން ނާޑު ޕްރައިވެޓް ލިމިޓެޑާއި މެޑްޓެކާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގައި ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

އެ މައްސަލައިގައި ތުހުމަތު ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ބިޑް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ޝާހް މާހިރާއި ބިޑް ކޮމިޓީގެ ޗެއާ އަދި ހެލްތުގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތުގެ ޑިރެކްޓަރު ނައުޝާދު އަލީ އާއި ހެލްތުގެ ލީގަލް އޮފިސަރު މުހައްމަދު އަބްދުލް މުގުނީގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް ތުހުމަތު ކުރީ، ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުތައް ގެނައުމަށް ނާޑު އަދި މެޑްޓެކާ ހަވާލުކުރި އިރު ވެންޓިލޭޓަރު ސަޕްލައިކުރުމަށް އެ ކުންފުނިތަކާއެކު އެއްބަސްވެފައިވަނީ ކޮވިޑުގެ ހާލަތު މެދުވެރިވެފައިވާ ދުވަސްވަރެއްގައިކަން އެގެންއޮތް އިރު ވެސް އެ މުއްދަތުގައި ވެންޓިލޭޓަރު ސަޕްލައިކޮށްދީފައިނުވާ ސަބަބަކީ ކޮވިޑުގެ ހާލަތު ކަމަށް ބުނެ އެ ކުންފުނިތަކަށް މުއްދަތު އިތުރުކޮށްދީފައިވަނީ ބިޑް ކޮމިޓީގެ ރަސްމީ ހައްސިއްޔަތުގެ ނުފޫޒުން ނަހަމަ ގޮތުގައި ބޭނުންކޮށް، މަންފާ ހޯދައިދިން ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން މިއަދު ފޮނުވާފައިވާ "މައްސަލަ ނިމުނު ގޮތުގެ" ސިޓީގައި ބުނެފައިވަނީ، ވެންޓިލޭޓަރުތައް ގެނައުމަށް މެޑްޓެކާއި ނާޑު ކުންފުންޏަށް މުއްދަތު އިތުރުކޮށްދިނުމުގައި ރިއާޔަތްކޮށްފައިވާ ސަބަބުތަކަކީ އެކަށީގެންވާ ސަަބަބުތަކެއްކަން ތަހުގީގަށް ފެންނާތީ، އެ މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއިކުރި އިރު ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިނުވި ނަމަވެސް އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ނިންމިއިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއި އަދި އެ ދުވަސްވަރު ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމަންޓްތަކާ ގުޅިގެން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެންނަށް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށް އޭސީސީން ބުންޏެވެ.