ޚަބަރު

އޮކްޓޯބަރު 20 ވަނަ ދުވަހަކީ ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ރައީސް ކަނޑައަޅުއްވައިފި

އަލީ ޔާމިން

މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ ގައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ކަނޑައެޅުއްވީ ގައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މެންބަރުން އެމަނިކުފާނަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައި ކަމަށެވެ.

ބައިނަލްއަގުވާމީ ތަފާސްހިސާބުގެ ދުވަސް ވެސް ފާހަގަކުރަމުން އަންނަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް އެއީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ރައީސް އޮފީހުން ބުނީ، ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައެޅުމުގެ ބޭނުމަކީ ރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްގީކުރުމަށް ސަރުކާރުންދޭ އަހައްމިއްޔަތު ފާހަގަކުރުން ކަމަށް އެކަމާ ގުޅޭގޮތުން ކަރުދާސް ހުށަހަޅުއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ކަމަށެވެ. އަދި ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކާ އާންމުގެ ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމަކީ ވެސް އެ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ދުވަހާ ގުޅޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ގައުމުތަކުގެ އެންމެ އިސްވެރިންނަށް ގޮވާލާފައިވަނީ އެ ދުވަސް ފާހަގަކުރުމުގައި ގައުމުތަކުގެ ސަރުކާރާއި ދައުލަތުގެ ރަސްމީ ތަފާސްހިސާބު ނަގައި ބަލަހައްޓާ ހުރިހާ މުއައްސަސާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާ އަދި ރިސާޗަރުން ވެސް ބައިވެރިވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ތަފާސްހިސާބުގެ ބޭނުންތެރިކަން ފާހަގަކުރުމަށެވެ.