ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.
ޖޭއެސްސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް އައްޔަން ކުރުމަށްޓަކައި ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބޭނެ އެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަގާމަށް ކުރިމަތިލެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
އޭގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރި ކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމް ކުރެވި އެ ހުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ އެވެ.
އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން ވެސް އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، އެ މަގާމަށް ޝަރުތު ހަމަވާ މީހުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަންޖެހެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު