ބަންގްލަދޭޝްގައި ރޭޕް ކުރުމާދެކޮޅަށް މުޒާހަރާކުރަން ފެށުމުން ގާނޫނު ބަދަލުކޮށް ރޭޕިސްޓުން މެރުމަށް ކެބިނެޓުން ނިންމައިފިއެވެ.

ބަންގްލަދޭޝް ސަރުކާރުން ވަނީ އެގައުމުގައި ރޭޕް ކުރާ މީހުންނަށް ދިނުމަށް މިހާރު ކަނޑައަޅާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ރޭޕް ކުރާ މީހުން މެރުމަށެވެ.

ކެބިނެޓުން ވަނީ ރޭޕާ ގުޅޭ މައްސަލަތައް އަވަސްކޮށް ނިންމައި އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ވެސް ނިންމައިފައެވެ. ބަންގްލަދޭޝްގައި މިހާރު އަމަލު ކުރާ އުސޫލުގައި ވާގޮތުން އެގައުމުގައި ރޭޕްގެ ޝިކާރައަށް ވާ މީހާ މަރުވެއްޖެ ނަމަ އޭނާ ރޭޕްކުރިމީހާ މެރުމަށް ހުކުމް ކުރެއެވެ. ނަމަވެސް އާގަވާއިދާއެކު ރޭޕްގެ އަމަލުގެ ކުޑަ ބޮޑު މިނަށް ނުބަލައި އެމީހަކު މަރަން ވަނީ ނިންމައިފައެވެ.

ބަންގްލަދޭޝް ސަރުކާރުން މިނިންމުން ނިންމާފައިމިވަނީ ދާދި ފަހުން އެގައުމުގައި ގްރޫޕަކުން އަންހެނަކު ރޭޕްކޮށް އެމަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ލުމާއެކު އެކަމާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށެވެ.

ބަންގްލަދޭޝްގެ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕަކުން ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު އެގައުމުގައި ޖެނުއަރީ އިން ފެށިގެން އޮގަސްޓް މަހާ ދެމެދު 889 ރޭޕް ރިޕޯޓު ކޮށްފައި ވެއެވެ. އަދި އެމުއްދަތުގައި އެގައުމުގައި ރޭޕުގެ ޝިކާރައަށް ވެ 41 މީހުން މަރުވެފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ.