ބޮލީވުޑް

މަޝްހޫރު ބަތަލާ އަމްރިތާ ބަނޑު ބޮޑު

އީމާ މުހައްމަދު ވަހީދު

"ވިވާ" އިން އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަޝްހޫރުވި ބަތަލާ އަމްރިތާ ރާއޯ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފިއެވެ.

އަމްރިތާ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިންވެސް މީޑިއާއަށް ޒާތީ ދިރިއުޅުން އެންމެ ބޮޑަށް ސިއްރު ކޮށްގެން އުޅުނު އެއް ބަތަލާއެވެ. އެގޮތުން އަމްރިތާ އަދި އާރްޖޭ އަންމޯލު ކައިވެނީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރު އެވެ. ކައިވެންޏަށް ހަތަރު އަހަރަށް ފަހު ދެމީހުންނަށް ދަރިޔަކު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު އެދެމީހުން ވަނީ ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.

އަމްރިތާގެ ގާތް އެކުވެރިޔަކާ މީޑިއާއަކުން ސުވާލު ކުރުމުން އޭނާ ވަނީ އަމްރިތާ ބަނޑުބޮޑުވުމުން ހުރީ ވަރަށް އުފާވެފައި ކަމަށް ބުނެފައެވެ. އަދި އަމްރިތާ ބަލިވެ އިންކަން އާއްމުންނަށް ކުރިން ނޭނގުނު ނަަމަވެސް އެދެމަފިރިންނާ ގާތް މީހުންނަށް ވަރަށް ކުރިން އެ ހަބަރު ހިއްސާ ކުރި ކަމަށްވެސް އަމްރިތާގެ އެކުވެރިޔާ ބުންޏެވެ.

އަމްރިތާ އިންޓަވިއުތަކުގައި ވަނީ އޭނާގެ ޒާތީ ދިރިއުޅުން ހަބަރުތަކުގެ ފަލަ ސުރުހީތަކުން ފެންނަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އޭނާ ބޭނުންވަނީ އޭނާގެ ނަން ހަބަރުތަކަށް އޭނާގެ މަސައްކަތްތަކާއި ގުޅިގެން އަރާށެވެ.