ގުދަންކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ކިޓްތަކެއް ހަލާކުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ޓެސްޓު ކިޓުގެ ބެޗަކުން ފުރިހަމަ ނަތީޖާ ނުނިކުންނާތީ އިތުރަށް ބެލި ބެލުމުން އެކަން ދިމާވެފައިވަނީ ޓެސްޓު ކިޓުތައް ގުދަންކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މައްސަލަ ދިމާވީ ޓެސްޓު ކިޓުގެ އެންމެ ބެޗަކަށް ކަމަށާއި އަދި މައްސަލަ ދިމާވި ބެޗުގެ ހުރިހާ ޓެސްޓު ކިޓެއް ހަލާކު ނުވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ޒިންމާދާރު ކުރަންޖެހޭ ފަރާތެއް ހުރިތޯ ބެލުމުގެ މަސައްކަތް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްދާ ކަމަށާއި އެކަމުގައި ފިޔަވަޅުއަޅަން ޖެހިއްޖެނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމުން، ގުދަންކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ބައެއް ޓެސްޓް ކިޓްތައް ގުދަން ކުރުމަށް އެސްޓީއޯގެ ގުދަނެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"ކިޓްތަކުގެ އިންޓާނަލް ކޮންޓްްރޯލްގައި މި މައްސަލަ މި ކުރިމަތިވީ، ޝައްކު އުފެދޭ އެއްވެސް ކިޓެއްގެ ނަތީޖާ ރިޕޯޓުކޮށްފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިވަގުތު 20،000 ޕީސީއާރް ކިޓުގެ ރިއެކްޝަން އެބަހުރި ކަމަށާއި ތިން މަހުގެ ޓެސްޓު ކިޓްގެ ސަޕްލައި ވެސް މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. އަދި އޭޑީބީން ރާއްޖެއަށް ހަދިޔާކުރި 50،000 ޕީސީއާރް ކިޓުގެ ރިއެކްޝަން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު