(ސަތިރީސްވަނަ ބައި)

"އަހަންނާ އެކީގަ މަސައްކަތް ކުރަން ޖިނާހަށް އިތުރު ސަބަބެއްދޯ މި ލިބުނީ؟" ހަމީދު ބުނެލި އެވެ. ޖިނާހު ހަމީދަށް ބަލައިލި އެވެ. ޖިނާހަށް އެއްޗެކޭ ބުނެވުމުގެ ކުރިން ހަމީދު ވާހަކަ ދެއްކި އެވެ.

"އެ މަންޖެ އާއި ވާހަކަ ދެއްކީމަ އަހަރެން ވެސް އުއްމީދު ކުރި ގޮތަކަށް ނޫން ދިޔައީ .... ހިނގާ ދެމީހުން ކުރެ އެކަކު މަރާލަން .... އޭރުން ދެން އަހަރުމެންގެ ރޭވުން ކުރިއަށް ގެންދެވޭނީ ..." ހަމީދު ނުހަނު ހަމަޖެހިގެން އިނދެ އޭނަގެ ތަށިން ކޯވަރެއް ދަމާލަމުން ބުނެލި އެވެ.

"އޭގެ ކުރިން އަހަރެން ކުރަން ބޭނުން ކަމެއް އެބައޮތް ...." ޖިނާހު އެހެން ބުނެލަމުން ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ.

"ތި ކުރަން އުޅޭ ކަމެއް އަވަހަށް ކުރޭ. މަ ވަކި ތިކަމަކާ ހެދި މަގޭ ރޭވުން ހުއްޓާކަށް ގަސްތެއް ނުކުރަން ...." ހަމީދު އެ އިންގޮތަށް އިނދެ ބުނެލި އެވެ.

އެވާހަކަ އަޑު އިވުނު ޖިނާހު ހަމީދަށް ބަލައިލުމެއް ނެތި ގޮއްމުއްކަވާލި އެވެ. އަދި ވަކި އެއްޗެކޭ ނުބުނެ އެތަނުން ދާން ހިނގައިގަތެވެ.

ޖިނާހު ލޯމައްޗަށް ގެއްލުމާއި އެކުހެން ހަމީދު ސޯފާ މަތީގައި އޮތް އޭނާގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ކަންފަތުގައި ޖައްސާލި އެވެ. އަދި ސިކުންތު ކޮޅެއްގެ ތެރޭގައި އެކޮޅުން ފޯނު ނެގުމުން ވާހަކަ ދެއްކި އެވެ.

"ހެލޯ ޔޫސުފް ... ކިހިނެއް ހުރިހާ ކަމެއް ދަނީ؟" ހަމީދު ވާހަކަ ދެއްކި އެވެ.

"އާނ ހަމީދުބެ! ހުރިހާ ކަމެއް އޮމާންކޮށް ދަނީ ... ގާތްގަނޑަކަށް ދެ މަސް ތެރޭގަ ހަމީދުބެއަށް މިކޮޅަށް އާދެވޭވަރު ވާނެ. ނޫނީ އެއަށްވުރެ އަވަހަށް ވެސް އައިސް އެ ހަތިޔާރުތަކުގެ ބޭނުން ހިފެން ފަށާނެ. ލަބީބްބެ ވެސް ހުރީ އަހަރުމެންގެ ރޭވުންތަކާމެދު ވަރަށް ހަމަޖެހިފަ. ބުނީ ލަބީބްބެ ބޭނުންވާ ގޮނޑި ހޯދައިދެވިއްޖެއްޔާ އަހަރުމެންނަށް ވެސް ވަރަށް ފައިދާ ކުރާނެއޭ ... ހެހެ ...." ޔޫސުފް އެކޮޅުން ވާހަކަ ދެއްކީ އޮފީސް މޭޒުދޮށުގައި އިނދެ އެވެ.

"ލަބީބް ނުބުންޏަސް މި ކަންތައް ނިމޭއިރު ތި ހޮޓެލް ވެސް އެއްކޮށް ލިބޭނީ އަހަރުމެންނަށޭ. އެ ޔަޒްދާނަކު އަހަރެން ހިފެހެއްޓިކަމުގެ ބަދަލަކަށް އޭނާ ހަމައެކަނި މަރާލައިގެން އަހަރެން ހިތްހަމައެއް ނުޖެހުނު. ބޭނުންވަނީ އޭނަ އެބުނާ ހަލާލު ލާރިން ބިނާކުރި ތި ހޮޓެލް ޖަހައިގަނެ އޭނާގެ ކޮއްކޮ ވެސް ބަދުނާމުކުރަން. ޔަޒްދާންގެ މަރުގެ އިންސާފު ނުހޯދޭނެ ހާލަކަށް އެ މަންޖެ ފޮނުވަން ބޭނުން. އޭނާގެ ދުވަސް ދުއްވާލަން ފެންނަނީ ..." ހަމީދު ބުންޏެވެ.

"އަސްލު ވެސް ދޯ؟ އޭރުން މި ހޮޓެލް އަހަރެންގެ މިލްކަކަށް ހެދުމަކީ އުދަނގޫ ކަމަކަށް ވެސް ނުވާނެ. އެކަމަކު ދުރުމިނަށް ވިސްނަންޏާ ތި ހިޔާލު އެހާ ރަނގަޅެއް ނޫންހެން ހީވަނީ. ޔުނާ މޭމްއަށް ގޮތެއް ހަދައިފިއްޔާ ޒިހާން ކޮންމެހެން ހަދާފަވެސް ބަދަލު ހިފާނެ. ނޫނީ ޔުނާ މޭމް ރައްކާތެރި ކުރާނެ. އަހަރުމެން ކިތައް ފަހަރުތޯ ތިކަން ކުރަން މަސައްކަތް ކުރީ މާލޭގަ. ކޮންމެ ފަހަރަކު ޒިހާން ޔުނާ ސަލާމަތް ކުރި. ޒިހާންގެ ދުވަސް ދުއްވާލަން އަހަންނަށް ފެންނަ ...."

"އުހު!" ހަމީދަށް ކުއްލި ގޮތަކަށް ބުނެލެވުނެވެ.

"ސް....ސޮރީ ހަމީދުބެ. އަޅުގަނޑު ހީކުރީ ހަމީދުބެ ޒިހާން އަމިއްލަ ދަރިއެއްގެ ގޮތުގަ ނުދެކޭ ކަމަށް ..." ޔޫސުފް ހިސާބަކަށް ޖެހިލުންވެ ހުރެ ބުނެލި އެވެ.

"ނޫނޭ ... މައްސަލައެއް ނެތް ޒިހާނަށް ގޮތެއް ހެދިޔަސް. އެކަމަކު ހީވަނީ މި ހާލަތަށް ބޮޑަށް ރަނގަޅުވާނީ އެ މަންޖެއަށް ގޮތެއް ހެދުންހެން ..." ހަމީދަށް ހަދާލެވުނީ ދޮގެކެވެ. ހުދު އޭނާގެ ނަޒަރުން ވެސް އެންމެ ރަނގަޅު ގޮތަކީ ޔޫސުފް ދެންމެ އެ ބުނެލި ގޮތެވެ. އެހެނަސް އެ ވާހަކައާ އެއްބަސްވާން އޭނަގެ ދޫނުކުޅެދުނެވެ. ދެންމެ ޖިނާހު ގާތު ދެމީހުންކުރެ އެކަކު މަރާލާ ވާހަކަ ބުނިއިރު ވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައިވީ ޔުނާއަށް ގޮތެއް ހެދުމުގެ ހިޔާލެވެ.

"އެންމެ ރަނގަޅު ހަމީދުބެ .... އަހަރެން ތިކަން މިއަދުން މިއަދަށް ވެސް ޝައްކެއް ނުވާނެހެން ނިންމޭތޯ ބަލާނަން. ދެމީހުން ތިކޮޅުގަ ތިބީމަ ފަސޭހަ ވެސް ވާނެ ތިކަހަލަ ކަމެއް ހިންގާލަން." ޔޫސުފް ބުނެލި އެވެ.

"ހުމް .... ދެން ބޭއްވީ..." ހަމީދު އެހެން ބުނެލަމުން ފޯނު ކަނޑާލި އެވެ. އެއަށްފަހު ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އެ ހިނދު އޭނާގެ ލޮލަށް ސިފަވާން ފެށީ މީގެ ހަތަރު އަހަރު ކުރީގެ މަންޒަރެކެވެ.

"ލިވާ ޑޯނާއެއް ލިބިއްޖެ ސާރ ...." ހޮސްޕިޓަލްގެ އެނދުގައި ވަރު ދެރަވެފައި އޮތް ހަމީދަށް ވާތް ފަރާތަށް ނަޒަރެއް ދެވުނީ އޭނަގެ ހަށިފާރަވެރިޔާ އެ ޕްރައިވެޓް ރޫމުގެ ދޮރު ހުޅުވާފައި އަންނަމުން އިނގިރޭސިން ވާހަކަ ދެއްކުމުންނެވެ. ހަމީދުގެ ފުރަމޭގައި ކެންސަރު ޖެހިގެން އުޅޭތާ އޭރު ވަނީ ތިން މަހެވެ. ޑޮކްޓަރުން ފުރަމޭގެ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭ ވާހަކަ ބުނިތާ މިހާރު ހަފްތާތަކެއް ވެފައިވިއެއް ކަމަކު ފުރަމޭ ހަދިޔާ ކުރަން އެދޭ ފަރާތްތަކުގެ ތެރޭގައި ހަމީދުގެ ލެ އާއި ގުޅޭ މީހަކާ ދިމަލެއް ނުވެ އެވެ. ފުރަމޭއެއް ލިބޭނެ ގޮތެއް ފަހި ނުވުމާއި ދުވަހުން ދުވަހަށް އޭނަގެ ގައިގެ ވަރުދެރަވެ ހަންގަނޑު ވެސް ރީނދޫވާން ފަށާފައިވުމުން ހަމީދު އޭނާ ދެން ދުނިޔޭގައި އޮންނާނެ ކަމާމެދު ވެސް އުއްމީދު ކަނޑާލާފައިވި އެވެ.

"ކާކު ޑޯނާއަކީ؟" ހަމީދު އިނގިރޭސި ބަހުން ސުވާލުކުރި އެވެ.

"ނޭނގެ .... ކޮންމެވެސް ދިވެއްސެއް އެއީ. ހީވަނީ ހަމަ ސާއަށް ޑޮނޭޓް ކުރަންވެގެންހެން ހޮސްޕިޓަލަށް އައީ ވެސް. ބައްދަލުކޮށްލަން ބޭނުންތޯ؟ އެމީހާ އެބަހުރި ހޮސްޕިޓަލްގެ ރިސެޕްޝަން ކައިރީގަ." ހަށިފާރަވެރިޔާ އެހި އެވެ. އެހެނަސް ހަމީދަށް ކުއްލި ގޮތަކަށް އިންކާރު ކުރެވުނެވެ. އެއީ ކާކުކަން އޭނަގެ ހިތަށް އެނގުންވީ ހިނދު މޭ ރޫރޫއަޅައިގެން ދިޔަ ގޮތުންނެވެ.

ހަމީދު އިންކާރު ކުރުމުން އެ ހަށިފާރަވެރިޔާ އެންމެ ރަނގަޅޭ ބުނެ ވޯޑުން ނިކުމެގެން ދިޔައީ އެއީ ހަމީދު އަންގާފައިވާ ގޮތަށްވުމުންނެވެ. ހަށިފާރަވެރިޔާ ދިޔުމުން ވެސް ދެންމެ އިވުނު ވާހަކައިން ހަމީދުގެ ހިތުގެ ތެޅުން އަވަސްވި އެވެ. އެއީ ހަމަ އޭނަ ހިތް ބުނާ މީހެއްތޯ ސިކުނޑި ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އެންމެ ފަހުން ހަމީދަށް އެނދުން ތެދުވެލެވުނެވެ. ވިއްސާރަ އެރޭގައި އޭސީ ޖެއްސިފައިވި އެ ވޯޑުގައި އިން އިރު ވެސް އޭނަގެ ދާހިއްލަން ފަށައިފި އެވެ.

ހަމީދަށް އެންމެ ފަހުން އެނދުން ވެސް ފޭބުނީ ހަމަ ނުހުރެވިގެންނެވެ. އައިވީ އެޅުވިފައި ހުރި ސްޓޭންޑުގައި ހަރުކުރެވިފައިވި ތަށިގަނޑުގައި ހިފައި ދަމަމުން ވޯޑުން ނުކުންނަން ދިޔައީ އޭނާއަށް މި ހީވާ ހީވުމަކީ ހަގީގަތެއްތޯ ބަލަން ބޭނުންވި މިންވަރުންނެވެ.

ވޯޑުން ނުކުމެގެން ދިޔައިރު އެ ދޮރު ކައިރީގައި ތިބި ދެ ހަށިފާރަވެރިންނަށް ހަމީދު ފެނިފައި ގޮވާލިއެއްކަމަކު ހަމީދު އެމީހުންނަށް ވެސް ބެލުމެއް ނެތި ގޮސް ލިފްޓަށް އެރި އެވެ. އެ ހިނދު މުޅި މީހާގެ ހަށިގަނޑުގައިވި ވަރުބަލިކަމުގެ މަތިން ވެސް ހިސާބަކަށް ހަނދާންނެތިފައިވި އެވެ. ހިތަށް ވެރިވެފައިވި ނުތަނަވަސްކަމާއި ބިރުވެރިކަމުގެ ތެރެއިން ވެސް އުފާވެރިކަމުގެ ވިންދެއް ވެސް އޭނާގެ ހިތުގައި ޖަހަމުން ދިޔަ އެވެ. އެހެނަސް އެ އުފާވެރިކަން އޭނަގެ މޫނުމަތިން ފާޅުވާ ގޮތެއް ނުވީ އޭނާ ދަހިވެތިކަމުގެ ތެރޭގައި ކޮށްފައިވާ އަމަލުތަކުން އޮޅުން އަރާފައިވި ޖަޒުބާތުތަކުގެ ސަބަބުންނެވެ.

މިނެޓްތަކެއްގެ ތެރޭގައި ހަމީދަށް ހުރެވުނީ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގަ އެވެ. ވަށައި ހޯދަމުން ހިނގަމުން ދަނިކޮށް ކުރިމަތިން ރިސެޕްޝަންގައި ހުރި ޒުވާނަކު ފެނިފައި ހަމީދު ހުއްޓުން އެރި އެވެ. އެ އިސްކޮޅުން ދިގު ޒުވާނާ ފުރަގަހުން ފެނުނު އިރު އޭނާ ހުރީ ދިގު މުށިކުލައިގެ ޖެކެޓެއްގަ އެވެ. ޒުވާނާގެ ކަޅުކުލައިގެ ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުންނާއި އެ ޖެކެޓުން ވެސް ފެންތިކިތައް ފައިބަމުން ދިޔަ ގޮތުން ޒުވާނާ އައީ ވާރޭގެ ތެރެއިން ކަން އެނގެ އެވެ.

ފަހަތުން ފެނުނު ކަމުގައި ވިޔަސް އެއީ ކާކުކަން ހަމީދަށް ޔަގީންވި އެވެ. އޭނާއަށް އެހީ ވަނީ އޭނާ އާއި އެހާ ގާތް މީހެއްކަން އެނގުންވި ހިނދު ނޭނގުމެއްގެ ތެރެއިން ވެސް އެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލި އެވެ. އެ ޒުވާނާ އާއި ދިމާލަށް ލަސް ފިޔަވަޅުތަކެއް އެޅެން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މާ ގިނައިރެއްނުވެ ހަމީދަށް ހުރެވުނީ އެ ޒުވާނާއާ ދެ ތިން ފިޔަވަޅެއްހާ ދުރުގަ އެވެ. އޭނާ އެ ޒުވާނާއަށް ގޮވާލައިފިނަމަ އިވޭނެހާ ކައިރީގަ އެވެ. އެ ހިޔާލާމެދު ވެސް ހިތް އުފާވީ ގޮތުން އޭނަ ހައިރާންވާ ގޮތްވި އެވެ. އެ ހިތުގައި ދަހިވެތިކަމުގެ އިހްސާސް ނޫން އިހްސާސެއް އެންމެ ފަހުން ދައުރުވީ ހަނދާނެއް އެއްގޮތަކަށް ވެސް ނެތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ހަމީދު އެންމެ ފަހުން އެ ނަމުން ގޮވާލަން ނިންމި އެވެ.

"ޒިހާން...." ހަމީދު ގޮވާލީ މަޑުމަޑުންނެވެ. އެހިނދު ރިސެޕްޝަންގައި އެއްޗެއްގައި ސޮއިކުރަން ހުރި ޒުވާނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިކަން ފަހަތުން ވެސް ހަމީދަށް ނަގައިގަނެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ޒުވާނާ ލަސްލަހުން ފަސް އެނބުރި ބަލައިލި އެވެ. އެ ހިނދު އެތައް އަހަރެއް ފަހުން އަނެއްކާ ވެސް ހަމީދަށް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ސޫރަ ފެނުނެވެ. 11 އަހަރު ފަހުން އެ ސޫރަ ފެނުމުން ވެސް ހަމީދަށް ވަގުތުން އެއީ ޒިހާންކަން ނަގައިގަނެވުނެވެ. ވޭތުވެގެން ގޮސްފައިވި އަހަރުތަކާއި އެކީ އެ މޫނަށް އިތުރު ފިރިހެންވަންތަ ކަމެއް ވެރިވެ އެ ހަށިގަނޑުގައި ހައިބަތު އެކުލެވިފައިވި ގޮތުން މިއީ އޭނާގެ ފިރިހެން ދަރިފުޅޭ ހިތަށް އެރި އިރު ހަމީދުގެ ހިތުގައި ފަހުރުވެރިކަމެއް އެކުލެވިގެން ދިޔަ އެވެ.

ހަމީދު އެ އިހްސާސްތަކާއެކީ ކުރިއަށް ފިޔަވަޅެއް އަޅައިލި ވަގުތަކީ ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ޒިހާނަށް ސާއޭ ކިޔައި ގޮވައިލި ވަގުތެވެ. ހަމީދު އެ ދިމާލަށް ބަލައިލި ވަގުތު ރިސެޕްޝަންގެ މޭޒުމަތީގައި ބޭއްވިފައި އޮތް ޒިހާން އަތުން ގަލަން ދޫވެގެން ގޮސް އެ ފަރާތަށް ވެއްޓުނީ އެވެ. ހަމީދު ރަނގަޅަށް ބަލައިލި ހިނދު ޒިހާންގެ އެ އަތް ވެސް ތުރުތުރު އަޅަން ފަށާފައިވިކަން ހަމީދަށް ފާހަގަވި އެވެ. އެ ދެލޯ ވެސް ބޮޑުވެ ރަތްވާން ފަށާފައިވި އިރު މުޅި މީހާ ގަނޑުވެފައިވި އެވެ. ހަމީދު އިތުރަށް ޒިހާނަށް ގޮވާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލުމުން ޒިހާން ފަހަތަށް ޖެހިލި ވަގުތު ދެފައިން ވަރުދޫވި ފަދައަކުން ނުވެއްޓުނީ ވެސް ކިރިޔާ އެވެ. ރިސެޕްޝަންގެ މޭޒުގައި އެއް އަތުން ހިފަހައްޓާލެވުނީ ޒިހާންގެ ނަސީބު ރަނގަޅު ކަމުންނެވެ. ޒިހާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއް ކަމަކު އޭނަގެ ނޭވާ ކުރުވެފައިވިކަން އެންމެންނަށް އެނގުން ނޫން ކަމެއް ނުވި އެވެ. ހަމަ އެހިނދު ޒިހާންގެ ދެލޯ މެރެން އުޅުނުހެން ހީވި ހިނދު އޭނާ މޭގައި ވެސް އެއްއަތް އަޅާލި ގޮތުން ހަމީދަށް ހާސްކަމާއެކީ ޒިހާނަށް ބާރަށް ގޮވާލެވުނެވެ.

އެއާއެކު ޒިހާން އޯކަތް ދަމައިގަނުމާއެކު ކަކޫމައްޗަށް ތިރިވެ އެ ހުރި ތަނަށް ހޮޑުލެވެން ފެށި އެވެ. ހަމީދު ވެސް އިހްތިޔާރަކާ ނުލާ ޒިހާނާއި ކައިރިވާން އުޅުނެއް ކަމަކު ހަމަ އެވަގުތު އޭނާގެ ހަށިފާރަވެރިން އޭނަގެ ކައިރިއަށް އައިސް އޭނަ ގެންދަން ފެށި އެވެ. އެމީހުން އެކަން ކުރީ އޭނާއަށް އެންމެ ރަނގަޅަކަށެވެ. ޒިހާން ކައިރީގައި ހުރުމުން އޭނަގެ ރައްކާތެރިކަމަށް އަސަރުކުރާނެ އެވެ. އެހެނަސް ދިޔައިރު ވެސް ހަމީދަށް ފަސްއެނބުރި ޒިހާނަށް ބެލުނެވެ. ޒިހާން އެރޭ އޭނާގެ ލޯމައްޗަށް ގެއްލުނީ ޑޮކްޓަރަކާއި ނަރުހުން އައިސް ޒިހާން އެތަނުން ވަށާލުމުންނެވެ.

އެދުވަހުގެ މަންޒަރުތައް އިއްޔެވީ ކަމެއްހެން ހަނދާންވެގެން ދިޔަދިޔަހެން ހަމީދަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކިތަންމެ ބޭނުމެއް ނުވި ކަމުގައި ވިޔަސް އެދުވަހުގެ ހަނދާންތަކުން އަދަށްދާންދެން ވެސް އޭނަގެ ހިތަށް ލޮޅުމެއް ގެނުވައެވެ. ޒިހާނަށް އެ ދިމާވި ޙާލަތަށް ފަހުވެސް އެންމެ ފަހުން އޭނާއަށް އެހީވި މީހަކީ ވެސް ޒިހާނެވެ. އެހެންކަމުން ކިތަންމެ ގަބޫލުކުރަން ދަތިވިޔަސް ޒިހާން ވަނީ އޭނަގެ ބަލި ފަޔަކަށްވެފަ އެވެ.

**

އެރޭގެ އިޝާ ނަމާދަށްފަހު ޔުނާ އާއި ޒިހާން އެމްސްޓާޑަމްގެ މަގުތަކުގައި ހިނގާލަން ނިންމީ ޒިހާންގެ އެދެމުގެ މަތިން ދެމީހުންގެ ފުރަތަމަ 'ޑޭޓް' އަށް ދިޔުމަށެވެ. 'ޑޭޓް' އަކަށް ޒިހާން އެ ދިން ސީދާސާދާ ހިޔާލު ޔުނާއަށް ކަމުދިޔަ އެވެ. އާންމު ގޮތެއްގައި އޭނާ މިހާތަނަށް އައިއިރު ޑޭޓްތަކަށް ގޮސްފައިވަނީ އަގުބޮޑެތި ރެސްޓޯރެންޓް ތަކަށާއި ސިނަމާ ތަކަށެވެ. އޭގެ ބަދަލުގައި ޒިހާން އެބުނިހެން ދެމީހުން ހިނގާލަން ދިޔައިއްޔާ ދެމީހުންނަށް ވެސް އެކި މަންޒަރުތައް ފެނި އެކި ޝުއޫރުތައް ފާޅުވާނެތީ ޔުނާ ހުރީ އުފަލުންނެވެ. އެދުވަހު ހަވީރު ޔުނާ އިންޓަވިއުކުރަން ޖެހޭ މީހުންގެ ތެރެއިން ތިން ބައެއްގެ އިންޓަވިއު ނިމިފައިވުމުން ވެސް ޔުނާ ހިތްހަމަޖެހިފައިވިއެވެ. އެއަށްވުރެ ބޮޑަށް ހަމަޖެހުނީ އޭނަ މިއަދު އިންޓަވިއު ކުރަން ދިޔަ ފަރާތް ކޭޓްއާ ހަވާލުކޮށްލެވުމުންނެވެ.

ޔުނާ ޒިހާނާއެކީ ވަގުތު ހޭދަކުރަމުން ދިޔައީ އޭނަ ބައްދަލުވީ މީހާގެ މަތިން ހަނދާން ނައްތާލަމުންނެވެ. ހަމަ އެހެންމެ ޒިހާން ވެސް ޔުނާ އާއި ޖިނާހުގެ ވާހަކަ ހިއްސާކުރާކަށް ބޭނުމެއް ނުވި އެވެ. ދެ މީހުން ވެސް ބޭނުންވީ ދެމީހުން ގުޅުނު އެ ފުރަތަމަ ދުވަސް އުފާވެރި ދުވަހަކަށް ހަދާލާށެވެ. މިގޮތުން ދެމީހުން އެކީގައި އެކިއެކި މަގުމަތީ ބާޒާރުތަކަށް ޒިޔާރާތްކޮށް ފިހާރަތަކަށް ގޮސް ހެދި އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ޒިހާން އޭނާދެކެ ލޯބިވާ މިންވަރާއި އަބަދުވެސް އޭނަ ހެއްވާލަން އެދޭ މިންވަރު ޔުނާއަށް ދޭހަވި އެވެ. ބަދަލުގައި ޔުނާ ވެސް ޒިހާން އުފާވާނެ ފަދަ ކަންތައް ކޮށްދީ ހެދި އެވެ. މިގޮތުން ޒިހާނަށްޓަކައި ގަމީސްތައް ހިޔާރުކޮށް ޗޭންޖިންގް ރޫމުން ނިކުމެގެން އައުމުން ފޮޓޯ ނަގަމުން ދިޔައީ ތިމަންނައަށް އިނދެވިގެން މިއުޅެނީ މޮޑެލަކާ ކަމަށް ބުނަމުންނެވެ. އެފަދަ ކޮންމެ ވާހަކައަކާއެކީ ދެމީހުންނަށް އެކީގައި ހެވެމުން ދިޔަ އެވެ.

"އޭ ބަލާބަލަ ޔުނޫ....އެތަނުން ކެނަލްއަށް އެރޭނެހެން އަހަންނަށް ހީވަނީ. ހިނގާބަލަ ކެނަލް ރައިޑްއަކަށް ދާން ...." ޔުނާއާއެކީ މަގެއްގެ އެއްފަރާތުން ހިނގާފައި ދަމުން ޒިހާން ބުންޏެވެ.

"ނައިސްވާނެދޯ؟ އެކަމަކު އަހަރެން ބިރުގަނޭ ރޭގަނޑު އެހާ ކައިރިން ފެންގަނޑެއް އަނދިރިކޮށް ފެނުނީމަ. ހެހެ ...." ޔުނާ ހެވިފައިހުރެ ބުންޏެވެ.

"ބިރުނުގަންނާނެ ޔުނާ. ބިރުގަތިއްޔާ ހަދާނީ މިހެން. މިގޮތަށް އަތް މުއްކަވާލާފަ ހިތަށް ގެންނާނީ ހިތްވަރު ލިބޭފަދަ ކޮންމެވެސް ވާހަކަތަކެއް. އަހަރެން އާންމުކޮށް ހަނދާންކުރަނީ ﷲ އަހަރެން ރައްކާތެރިކުރައްވާނެއޭ. މިގޮތަށް ހަދައިގެން ހުރެ ވިހި ވަރަކަށް ސިކުންތު ވަންދެން އެކަހަލަ ހިޔާލުތައް ކުރަންވީ ...." ޒިހާން އޭނަގެ މުއްކަވައިގެން ޔުނާއަށް ދައްކަން ހުރެ ނުހަނު ގަޔާވެފައި ކިޔައިދިނެވެ.

"ހުމް ..... ތިއީ އެންކަރިންގް ޓެކްނިކްއޭ. ސައިކޮލޮޖީގަ އޮންނަ ޓެކްނިކްއެއްތީ ޕެނިކް އެޓޭކްތައް އެވޮއިޑް ކުރަން. ކާކު ދަސްކޮށްދިނީ؟" ޔުނާ ސުވާލުކުރި އެވެ.

"ނޭނގެ ކާކު ކަމެއް .... އަހަރެން ވަރަށް ބަލިވެގެން ހޮސްޕިޓަލެއްގަ ބާއްވާފަ އޮތްވާ ކޮންމެވެސް ކުއްޖަކު ކިޔައިދިނީ ... ހިނގާބަލަދޯ އަވަހަށްދާން އޭތި ނުފުރެނީސް!" ޒިހާން ވާހަކަ ދައްކަމުން ގޮސް ޔުނާގެ އަތުގައި ހިފައި ދަމައިގަންނަމުން މަގު ހުރަސްކުރަން ފެށި އެވެ. ޒިހާންގެ އެ ކުއްލި ހަރަކާތުން ޔުނާއަށް ހެވުނެވެ. ހަމަ އެއާއެކު އެދުވަހުގެ އާދައިގެ މަތިން ޒިހާނަށް ވެސް ހެވުނެވެ. އެ ހިނދު އެދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އެ ދެ މީހުންނަށް ހަސަދަވެރިކަމުގެ ލޮލެއް އަމާޒުވެފައިވިކަމެވެ.