(10 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

حسّان ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސިފައިންގެ ވެރިޔާއަކީ މުސްލިމެކެވެ. ހައިހޫނުކަމަކީ ކިހައިވަރެއްގެ ކަމެއްކަން އެކަލޭގެފާނަށް ދަންނަވައިދޭކަށެއް ނުޖެހޭނެއެވެ. ތިޔަބޭފުޅުންގެ ލަޝްކަރު އަޅުގަނޑުމެންގެ ކޮމާންޑަރ އިން ޗީފުގެ ކުރިފުޅުމައްޗަށް ހާޒިރުކުރެއްވުމުގެވެސް ބޭނުމެއް ނެތެވެ. އެކަލޭގެފާނު އެތަނަށް ޒިޔާރަތް ކުރައްވާނެއެވެ. އެލަޝްކަރުގެ މުޢަސްކަރުގެ ޚަބަރު އެނގިވަޑައިގެންނެވުމާއެކު އެތަނަށް ވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީނެވެ. ކަލާ ވާނީ ފޯރުމާލާއެކު ވަޑައިގަންނަވާށެވެ."

އާދުމާން އިންނެވީ ޝުކުރުވެރިކަމާއެކު حسّان އާ ދިމާއަށް ބަލަހައްޓަވައިގެންނެވެ. އޭނާގެ ލޯފުޅު ފުރިފައިވަނީ ޝުކުރުވެރިކަމުގެ ކަރުނަފޮދުންނެވެ.

حسّان އާދުމާނުގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އާދުމާނެވެ! ކަލާގެ ހިތްޕުޅުގައި އެހެން ކަންބޮޑުވެވަޑައިގަތުމެއް އޮތްކަމުގައިވާނަމަ އަޅުގަނޑު މިހުރީ އެކަމެއްވެސް ދުރުކޮށްދޭން ތައްޔާރަށެވެ."

"ނޫނެކެވެ. އޭނާ ބެދިފައިވާ އަޑުފުޅަކުން ޖަވާބު ދެއްވިއެވެ. "މިހާރު އަޅުގަނޑުގެ ހުރިހާ ކަންބޮޑުވުމެއް ފިލައިފިއެވެ. އަޅުގަނޑުމެން ޚިޔާރުކުރި މަގުގެ ނިމުން އަންނާންޖެހޭނީ މިގޮތަށެވެ."

"ނޫނެކެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާއެވެ. މިއީ ކަލާ އަލަށް ހިންގަވާން ފައްޓަވާ މަގުގެ އެންމެފުރަތަމަ މަންޒިލެވެ. ކަލާ ތިޔަވަނީ މާޒީގެ އަނދިރި ޚާނުގާހުތަކުން ނިކުމެވަޑައިގެން މިހާރުގެ އަލިކަމާއި އުޖާލާކަމުގެ ތެރެޔަށް ވަޑައިގެންނެވިފައެވެ."

+ + + + +

އޭގެފަހުން ފަސްވަނަޔަށް ވީދުވަހު އީރާނީ ލަޝްކަރުގެ ކޮމާންޑަރުން ތިއްބެވީ މުޢަސްކަރުގެ ބޭރުގައި މުސްލިމުންގެ ކޮމާންޑަރ އިން ޗީފަށް މަރުޙަބާ ވިދާޅުވާން ނުކުމެވަޑައިގެންނެވެ. أحنف بــن قيس رضى اللّـه عنــه އާއި حسّان އާއި سُهيل އާއި އިސްލާމީ ލަޝްކަރު އެހެން ހަތަރު ޖަނަރަލެއް އީރާނީ އޮފިސަރުންގެ އަރިހަށް ވަޑައިގެން އަސްމަތީން ފައިބައިވަޑައިގެންފިއެވެ. މުސްލިމުންގެ ފަންސާސް އަސްވާރުން އެބޭކަލުންގެ ފަހަތްޕުޅުގައި ސަފަކަށް ތިއްބެވެ. ޒަރުބަޚުތާއި އާދުމާނާ ދެބޭފުޅުންވަނީ އޭގެ ދެދުވަސްކުރީން އާދުމާނުގެ އެކުވެރީންނާއެކު ފޯރުމާލު ހިއްޕަވައިގެން އެތަނަށް ވަޑައިގެންފައެވެ.

އީރާނީ އޮފިސަރުން މުސްލިމުންގެ ކޮމާންޑަރ އިން ޗީފުގެ ކުރިފުޅުމަތީގައި އެބޭފުޅުންގެ ތަރުޖަމާނަކަށް ވެވަޑައިގެންނެވުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވައިފައިވަނީ އާދުމާނާއެވެ. އާދުމާން ކުރިޔަށް ޖެހިވަޑައިގެން އޭނާގެ ކަނޑިކޮޅު ނައްޓައިލައްވައިފައި أحنف بــن قيس رضى اللّـه عنــه ގެ އަތްޕުޅަން އަރުއްވައިފިއެވެ. أحنف އެނބުރިވަޑައިގެން حسّان އާ ދިމާޔަށް ބައްލަވައިލައްވައިފައި އެކަލޭގެފާނުގެ ވާހަކަފުޅު ތަރުޖަމާ ކުރައްވަން އެންގެވިއެވެ. އެއަށްފަހު އާދުމާނާ ކުރިމަތިފުޅުލައްވައި ވިދާޅުވިއެވެ. "ކަލާގެ ލަޝްކަރު ޞުލްޙަ މަސަލަސްކަމުގައި ބައިތިއްބެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގަންނަވާނަމަ އަޅުގަނޑު ތިޔަބޭފުޅުންގެ ހަތިޔާރު ނިގުޅާކަށެއް ބޭނުމެއް ނޫނެވެ. ޔަޒުދުގިރުދާ އަޅުގަނޑުމެންނާ ދެމެދު ހިނގަމުންއައި ހަނގުރާމަ ނިމިއްޖެއެވެ. ދެން އޮތީ އީރާނުގައި ޞުލްޙައާއި އަމަންއަމާންކަން ގާއިމުކުރުމުގައި ތިޔަބޭފުޅުންގެ ޒިންމާ އަދާކުރެއްވުމެވެ." "އަޅުގަނޑަށްވަނީ ތިޔަބޭފުޅުންގެ ހާލުކޮޅުގެ ޚަބަރު އޮޅުންފިލައިފައެވެ. ތިޔަބޭފުޅުން ކުރިމަތިލައްވާން ޖެހިފައިވާ މުސީބަތް އަޅުގަނޑަށް އެނގެއެވެ. ތިޔަބޭފުޅުން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަކީ މިހާރު އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ."

އާދުމާން ވިދާޅުވިއެވެ. "އީރާނުގައި ޞުލްޙައާއި އަމަންއަމާންކަން ގާއިމުކުރުމުގައި ކަލޭގެފާނު ކުރައްވާ އުންމީދާ އެއްގޮތަށް ޢަމަލުކުރާނެކަމުގެ ފުރިހަމަ ޔަގީންކޮށް އެރުވުމުގެ އިޚުތިޔާރު އަޅުގަނޑުގެ އެކުވެރީންގެ ފަރާތްޕުޅުން އަޅުގަނޑަށް ވަނީ ލިބިފައެވެ."

"ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ އެކުވެރީން ރައްކާތެރިކަމާއި ޙިމާޔަތާއެކު ގޭގެއަށް ފޮނުވައިދިނުމުގެ ޒިންމާއާ މުސްލިމުންގެ ފަރާތުން އަޅުގަނޑު ޙަވާލުވަމެވެ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިލަޝްކަރުގެ ބައެއް މީހުންނަށް ދަތުރުކުރެވޭ ވަރެއްވެސް ނުވެއެވެ. އެހެންނަމަވެސް ފިނިމޫސުމުގައި އެފަދަ މީހުންނަށްވެސް މިތަން ރައްކާތެރިޔެއް ނޫނެވެ. އެފަދަ މީހުންނަށް ރަނގަޅަށް އަރާމުކުރެވޭނީ މުރޫރޫދަށް ދެވުމުންނެވެ. އިންތިހާދަރަޖަޔަށް ޢުޒުރުވެރިވެފައިވާ މީހުންނަށްވެސް މުރޫރޫދަށް ދަތުރުކުރާ މަގުމަތީން މިޔަށްވުރެ ރައްކާތެރި ތަންތަން ލިބޭނެއެވެ. އަލުން ގަނޑުފެން ފައިބާން ފަށައިފިނަމަ އެފަދަ މީހުންނަށް ވަރަށްގިނަ ތަކުލީފުތައް އުފުލަން ޖެހިދާނެއެވެ. އެހެންކަމުން އަޅުގަނޑު އެދެނީ ތިޔަބޭފުޅުން މާދަމާ ދަތުރު ފެއްޓެވުމެވެ. އަޅުގަނޑު މުރޫރޫދުގައި ތިޔަބޭފުޅުންނަށް އިންތިޒާރު ކުރާނަމެވެ.

އާދުމާން ފަހަތަށް އެނބުރިވަޑައިގެން އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެންމެންގެ ނަޒަރުވެސް ވަނީ ޝުކުރުވެރިވުމުގެ ޖަޒުބާތުން ފުރިފައެވެ. މުސްކުޅިފުޅު އޮފިސަރެއް ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުކުރައްވާށެވެ. މުޢަސްކަރުގައި އަޅުގަނޑުގެ އެކުވެރީން ކަލޭގެފާނަށް އެބައިންތިޒާރު ކުރެއެވެ."

"ނޫނެކެވެ. އަޅުގަނޑު ހަމަމިހާރު މުރޫރޫދަށް ދާންބޭނުމެވެ. އަޅުގަނޑުމެން ބައްދަލުވާނީ އެތަނުންނެވެ."

أحنف رضى اللّـه عنــه އެހެން ވިދާޅުވެފައި حسّان އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "حسّان އެވެ! މިބައިމީހުން ރައްކާތެރިކަމާއެކު މުރޫރޫދަށް ފޮނުއްވުމަކީ ކަލާގެ މަސްއޫލިއްޔަތެކެވެ. މިބައިމީހުންނަށް އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދޭން މިލަޝްކަރު ދަތުރުކުރާ މަގުމަތީގައިހުރި ހުރިހައި ޗެކްޕޯސްޓުތަކަކަށް އަޅުގަނޑު އަންގާނަމެވެ. ކަލާގެ އަރިހުގައި ދަތުރުކުރާން ސާޅީސް މީހުން ފުދޭނެއެވެ. ޒަރުބަޚުތާއި سُهيل އާވެސް ކަލާގެ އަރިހުގައި ގެންދަވާށެވެ. ކަލާ ވަޑައިގެން ނުއުޅުއްވާއިރު ކިއްލާ ބެލެހެއްޓުމަކީ يـوسف ގެ ޒިންމާއެކެވެ."

އީރާނުގެ އެހެން އޮފިސަރެއް ކުރިޔަށް ޖެހިލައިފައި ދެންނެވިއެވެ. އަޅުގަނޑު ކަލޭގެފާނަށް ވަރަށް މުހިންމު ޚަބަރެއް ދަންނަވާން ބޭނުމެވެ. އަޅުގަނޑަކީ ކިސްރާގެ އަރިހުގައި ފަރުޣާނާއަށް ދާން މަންޒިލުތަކެއް ކަޑައްތުކުރުމަށްފަހު ކަލޭގެފާނުގެ ޙިމާޔަތަށް އަންނާން ކަނޑައެޅި މީހަކީމެވެ. އަޅުގަނޑުގެ އަމިއްލަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދަންނަވަމެވެ. މިހާރަކު ޖައިހޫނުގެ މިފަރާތަށް ތުރުކީން އަލުން ޙަމަލަދިނުމުގެ ނުރައްކަލެއް ނެތެވެ. ކޯރު ހުރަސްކުރުމަށްފަހު ތުރުކީންގެ ޗެކްޕޯސްޓުތަކުގެ ސިފައިންގެ ޢަމަލުތައް ހުރިގޮތުން އަޅުގަނޑުމެންނަށް އިޙުސާސުވި ގޮތުގައި އަޅުގަނޑުމެންގެ ޙިމާޔަތުގައި މުސްލިމުންނާ ދެކޮޅަށް ކަނޑި އުފުލައިލެއްވުނީތީ ޚާގާން ހުންނެވީ ދެރަފުޅުވެފައެވެ. ކިސްރާ ފަރުޣާނާއަށް ވަޑައިގެންނެވުމުން އޭނާގެ ހައިސިއްޔަތު ދަޢުވަތު ނުދެވޭ މެހުމާނަކާ ނުވަތަ ޤައިދީއަކާ ތަފާތެއް ނުވާނެއެވެ." (ޔަޒުދުގިރުދު ޤަތުލުވީ އީރާނީންގެ އަތުންނެވެ. ހިޖުރައިން 31 ވަނަ އަހަރުއެވެ. (މީލާދީން 651 ވަނަ އަހަރު) އެއީ أميـرالمؤمنـين عثمـان بـن عفّــان رضى اللّـه عنــه ގެ ޚިލާފަތުގައެވެ.)

"މިފަދަ ޙާލަތެއްގައި ޚާގާން ވިސްނައިވަޑައިގަންނަވާނެގޮތް އަޅުގަނޑަށް އެނގެއެވެ." أحنف ހިނިފުޅުވަޑުވައިލައްވައިފައި އެކަލޭގެފާނުގެ އަހުގެ ލަގަން އަތުލައްވައިފިއެވެ. ކުޑައިކޮށް މަޑުކޮށްލެއްވުމަށްފަހު އާދުމާނާ ދިމާޔަށް ވިދާޅުވިއެވެ. އިތުރު އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯއެވެ؟"

"އަޅުގަނޑު ހަމައެކަނި ދަންނަވައިލަން ބޭނުންވަނީ މިދުނިޔޭގައި އެއްހެޔޮކަމަކީ އަނެއް ހެޔޮކަމެއް އުފަންކުރުވާ ސަބަބެއްކަމުގައިވާނަމަ އަޅުގަނޑުމެން ކަލޭގެފާނު މާޔޫސެއް ނުކުރާނޫއެވެ. ހަނގުރާމައިގެ މައިދާނުގައި ކަލޭގެފާނަކީ އަޅުގަނޑުމެންނަށް ވަރަށްބޮޑު އަރަތެކެވެ. އެކަމަކު މިހާރު އަޅުގަނޑުމެންގެ މޫނުތަކުގެ މަތީން ވަނީ ފަރުދާ ކެހިފައެވެ."

"މާތް اللّـه ކަލާއަށް ޙައްޤުމަގު ހޯއްދެވުމުގެ ހިތްވަރު ދެއްވާށިއެވެ." أحنف رضى اللّـه عنــه މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. މުސްލިމުންގެ އަސްވާރުންގެ އެއްބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން އަސް ދުއްވައިލައިފިއެވެ.

އިރުކޮޅެއްގެ ތެރޭގައި އެބޭކަލުން ދުރަށްވަޑައިގެން އޮބައިލުމުން އާދުމާނު އޭނާގެ އެކުވެރީންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ރަޙުމަތްތެރީންނެވެ! ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަމުގެ ތަފާތު ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ފުރާތުކޯރުގެ އައްސޭރީން ފެށިގެން ޖައިހޫނު ކޯރުގެ އައްސޭރިޔާ ހަމަޔަށް ގަނަތެޅުމުގެ ބޭނުމެއްނެތެވެ."

+ + + + +

އީރާނުގެ ލަޝްކަރު ހަތިޔާރު ބެހެއްޓިފަހުން ދެމަސްދުވަސް ވެއްޖެއެވެ. حسّان އާއި ޒަރުބަޚުތުއާއި سُهيل އަށް ވަނީ ގެޔަށް ވަޑައިގަންނަވަން ޗުއްޓީ ލިބިވަޑައިގެންފައެވެ. ދަތުރުފުޅު ކުރެއްވި މަގުމަތީން އެބޭފުޅުންގެ ސަރަޙައްދުގެ އަށް މުޖާހިދަކު ވަނީ އެބޭފުޅުންނާ ބައިވެރިވެވަޑައިގެންފައެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އިރުގެ ރަތްކުލައިގެ ނިތްކުރި އުދަރެހުގައި ބީހެމުންދަނީއެވެ. حسّان އާއި އޭނާގެ އެކުވެރީންގެ ޤާފިލާ ހެލިލަ ހެލިލައިހުރި ގޮދަން ގަސްތަކު ދަނޑުތައް ކަޑައްތު ކުރުމަށްފަހު މިހާރު މަޑުކޮށްގެން އެތިބީ ފުރާތުކޯރުގެ އައްސޭރީގައެވެ. އެބޭފުޅުންގެ ކުރިފުޅުމަތީން ކޯރުގެ އަނެއްފަރާތުގެ އައްސޭރީގައި ދެބައްތެލި ފެންނާން އޮތެވެ. ނަމަވެސް ބައްތެލިފަހަރުގެ ފަޅުވެރީންނެއް ނެތެވެ.

ޒުވާނެއް ޒަރުބަޚުތާ މުޚާޠަބުކޮށް ދެންނެވިއެވެ. ފަޅުވެރީން މިވަގުތު ވާނީ އަވަށަށް ގޮހެވެ. އަޅުގަނޑު އެމީހުން ފޮނުވާނަމެވެ. ޒުވާނާ އެހެން ބުނެފައި އޭނާގެ އަސްމަތީގައި ކޯރަށް ފައިބައިފިއެވެ. އެބޭފުޅުންގެ އެކުވެރީން އެތާނގައިހުރި ގަސްތަކުގައި އަސްތައް ބަނދެލައްވައިފިއެވެ. އިރުކޮޅެއްގެފަހުން އެބޭފުޅުން މަޣުރިބުނަމާދު ކުރައްވައިގެން ކޯރުގެ އައްސޭރީގެ ފެހި ވިނަގަނޑުމަތީގައި އިށީނދެވަޑައިގެންފިއެވެ.

އެއީ ބަހާރު މޫސުމެވެ. ޚުރާސާނުގެ ގަދަ ފިނީގައި އުޅުއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމުން ހަވީރުގެ ވައި އެބޭފުޅުންނަށް އިޙުސާސް ކުރެއްވެމުންދިޔައީ ވަރަށް ހިތްގައިމުކޮށެވެ. ބާރަވިލޭރެއެއްގެ ހަނދު އެ އުފާވެރި ޖައްވަށް ނޫރުގެ ދޯދިތައް ފަތުރަމުން ގެންދެއެވެ. حسّان ކުއްލިޔަކަށް ތެދުވެވަޑައިގެން ކޯރުގެ އައްސޭރީގައި މަޑުމަޑުން ހިންގަވާން ފައްޓަވައިފިއެވެ. އިރުކޮޅަކުން އޭނާގެ އެކުވެރީންނާ ތަންކޮޅެއް ދުރުގައި ދޮންވެލިގަނޑުގެ މަތީގައި އިށީނދެވަޑައިގެންފިއެވެ. އޭނާގެ ޙަޔާތްޕުޅުގެ ބައިވެރިޔާއާ ބައްދަލުވެވަޑައިނުގެން ފާއިތުވެފައިވާ ގިނަދުވަސްތަކާއި ކެތްތެރިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ޚުރާސާނުގެ ގަދަ ފިންޏާއި، ދިގު ދަތުރުފުޅަށްފަހު އޭނާގެ ތަޞައްވުރާ ގުޅައިލެވިފައިވަނީ ކޯރުގެ އަނެއްފަރާތުގައި އޭނާއަށް އިންތިޒާރު ކުރަމުންގެންދާ ރާހަތާއި އުފަލާއި އަރާމެވެ.

އޭނާގެ ވިސްނުންފުޅުގައި ބައެއްފަހަރަށް ފެތުރެނީ މުސްތަޤުބަލުގެ އަލިކަމާއި އުޖާލާކަމެވެ. އޭނާގެ ފުރާނަފުޅު ބައެއްފަހަރު ޠަވާފުކުރަނީ ޙަޔާތުގެ ނިޝާނެއްނެތް މަގުތަކުގެ އަނދިރިކަމުގެ ތެރޭގައެވެ. އެ އަނދިރިކަމާއި އަލިކަމާ ދެމެދުން މަޑިކިލަނބުތަކެއް ފަދައިން ވިދައި ބަބުޅަނީ ޙައްޤުގެ މަގުގައި ދަތުރުކުރެއްވި ދަތުރުވެރީންގެ ފައިތިލަފުޅުގެ ނިޝާންތަކެވެ. އޭނާ ބަހުރައިނުން ފެށިގެން ޚުރާސާނާ ހަމަޔަށް ދަތުރުކުރެއްވީ އެ މުސާފިރުންނާ އެކުގައެވެ.

(ނުނިމޭ)