ސިޔާދަތު ގަބޫލު ނުކުރެވޭ ވަޒީރުން މަގާމަށް ކުފޫ ހަމަނުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ އަދި އެގައުމުގެ ދަށުގައި އޮތް ތަނަކަށް ރާއްޖެ ހަދަން ބޭނުން ނަމަ އެކަން މިހާރު އޮންނާނީ ކޮށްފައި ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
"އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އެކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދެން މިހެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށް ވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަ ވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ" ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރުގެ މިވާހަކައަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ވަކި ގައުމެއް ބޮޑުވުމުން ބާރުގަދަ ވުމަކީ ދުނިޔޭގެ އުސޫލެއް ނޫން ކަމަށެވެ. އަދި ގަތަރު ނުވަތަ ސިންގަޕޫރު ފަދަ އެތައް ގައުމެއްވެސް އޮތީ ބޮޑެތި ގައުމުތަކުގެ ވަށައިގެން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެއާއެކު ރާއްޖެއަކީ މިކަނޑުގައި ނުފޫޒު ގަދަ ގައުމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާދަތު ގަބޫލު ނުކުރެވޭ ވަޒީރުން މަގާމަށް ކުފޫ ހަމަ ނުވާ ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ މޮޅު ކަމަކަށް ކުރެވެނީ 24 ގަޑިއިރު ދިވެހިން ނިކަމެތި ކުރުންތޯ އައްސަވައި ސުވާލު އުފައްދަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ހިނގާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު