ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އެއްގޮތަކަށް ވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ގާއިމުކުރި އެއްބަސްވުމަކީ ވުޖޫދުގައި ނެތް އެއްޗެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ދާދި ފަހުން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެކަމާގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމުގައި ރަނގަޅު ކަންތައްތަކެއް ހުރި ނަމަވެސް އެއީ ސޮއިކުރަން ހެޔޮވާ ވަރުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނަވައި، މިހާރު އޮތް ގޮތަށް އެ އެއްބަސްވުން ތަންފީޒު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޗައިނާ އިން ޑިއުޓީ ފްރީކޮށް މުދާ އެތެރެ ކުރެވުނު ނަމަވެސް ޗައިނާ ފަދަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެ ކަމެކެވެ.

އެގޮތުން ޒަމާނުއްސުރެ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ގާއިމްވެފައި އޮތް ސިންގަޕޫރާއި ދުބާއީ އަދި އިންޑިއާއާއެކު އޮތް ގުޅުންތައް އެ އެއްބަސްވުމުގެ ސަބަބުން ގެއްލިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އޭގައި ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ހުއްޓަސް ވަރަށް ގިނަ ގެއްލުންތަކެއް އެބަހުރި ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރާނެ. ޑިއުޓީ ފްރީ، އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ. ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައީމާ ވާގޮތަކީ ޗައިނާއަށް އެކަނި ތި ވިދާޅުވާ ބަރޯސާވުން އެއް ގައުމަށްވެ ނިމެނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެ އެއްބަސްވުމާގުޅޭ ގޮތުން މަޝްވަރާކޮށް ރަނގަޅު ކުރުމަކީ ނެތް ކަމެއް ނޫން ކަމަށާއި އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުގެ މަތީ ފަންތީގައި މަޝްވަރާ ކުރެވި، ރިވިއު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި ޑިސެމްބަރު 7، 2017 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ވާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ކޮމާސް މިނިސްޓަރު ޒޮންގް ޝާން އެވެ.