ކުޅިވަރު

"ބެންޒެމާއާއެކު ކުޅުނު ނަމަ ފްރާންސްގެ ކެރިއަރު މާ ކާމިޔާބުވީސް"

ރެއާލް މެޑްރިޑްގެ ތަރި ކަރިމް ބެންޒެމާއާއެކު ފްރާންސްގެ ޓީމަށް ގިނަ މެޗުތަކެއް ކުޅުނު ނަމަ، މިހާރަށްވުރެ ބޮޑަށް ގައުމީ ޓީމުގެ ކެރިއަރު ފުރިހަމަ ވީސް ކަމަށް ޗެލްސީގެ އޮލިވިއާ ޖިރޫ ބުނެފިއެވެ.

ޖިރޫ ފްރާންސަށް 100 މެޗު ހަމަކޮށް، 42 ގޯލް ޖަހާފައިވާއިރު، އޭނާއަކީ މިހާރު ގައުމީ ޓީމަށް ދެވަނައަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. ބެންޒެމާ 2015 ވަނަ އަހަރާ ހަމައަށް ފްރާންސަށް ކުޅެ، 27 ގޯލް ޖަހައިދީފައި ވެއެވެ. ބެންޒެމާ އޭގެ ފަހުން ފްރާންސް ސްކޮޑަށް ނަގާފައެއް ނުވެއެވެ. އޭގެ ސަބަބަކީ ފްރާންސަށް ބެންޒެމާއާއެކު ކުޅެމުންދިޔަ މަތިއު ވަލުބުއޭނާ ބްލެކްމެއިލް ކުރި މައްސަލައެއްގައި ބެންޒެމާއާ ފްރާންސްގެ ފެޑަރޭޝަން މައްސަލަތަކެއް ޖެހުމެވެ.

އޭގެ ފަހުން ބެންޒެެމާ އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެންވެސް މަސައްކަތް ކޮށްފައި ވެއެވެ. އަދި ދޭތެރެ ދޭތެރެއިން ފްރާންސް ޓީމާއި ޖިރޫއަށް ބަހުގެ ހަމަލާތައް އަމާޒުކޮށްފައި ވެއެވެ. އެގޮތުން ބެންޒެމާ ބުނެފައި ވަނީ އޭނާ ނުނަގައި ޖިރޫ ގައުމީ ޓީމަށް ނެގުމަކީ ފޯމިއުލާ ވަންގެ ކާރެއް ލިބެން އޮއްވައި ގޯ ކާޓެއް ދުއްވުން ކަހަލަ ކަމެއް ކަމަށެވެ.

އެ ކަންކަމާ ގުޅިގެން ޖިރޫ ވަނީ އޭނާގެ ހިޔާލު މީޑިއާއާ ހިއްސާ ކޮށްފައެވެ.

"ބައެއް މީހުން އުފައްދާ ވާދަވެރިކަމެއް އަހަންނާ ބެންޒެމާއާ ދޭތެރޭ އޮންނަނީ. އަހަރެން އޭނާއާ ދޭތެރޭ އެއްވެސް ނަފުރަތެއް ނެތް. ބެންޒެމާ ގޯ ކާޓޭ ބުނުމުން އަހަރެން ގާތަށް ހިނިވެސް އައި. އަހަންނަށް ފްރާންސްގެ ޓީމަށް ބެންޒެމާއާއެކު ކުޅެވުނު ނަމަ މާ ކާމިޔާބުވީސް ކަންނޭނގެ."

ފްރާންސާއެކު 2018 އަހަރުގެ ވޯލްޑް ކަޕްވެސް ޖިރޫ ކާމިޔާބުކުރިއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއްގައި ޖިރޫ ކުޅުނު ނަމަވެސް، ގޯލަށް ޝޮޓެއް ހަދާފައެއް ނުވެއެވެ. އެކަމަށް ބައެއް މީހުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވިނަމަވެސް، ޕަންޑިތުން ބުނެފައި ވަނީ ފްރާންސްގެ އެޓޭކަށް ކުޅޭ އެންޓޮން ގްރީޒްމަން އާއި ކިލިއަން އެމްބާޕޭ ވިދާލީ ޖިރޫގެ މޮޅު ޓެކްޓިކަލް ކުޅުމުގެ ސަބަބުން ކަމަށެވެ.