ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއާއެކު ރާއްޖެ އިން ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އިން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވައިފި އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އެ އެއްބަސްވުން މުރާޖައާ ކުރުން ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން ރަނގަޅު ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދަށް އެއްބަސްވުމުގެ ސަބަބުން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އެއްބަސްވުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެތަކެއް މަންފާއެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ހުސް ވާހަކަ ނުދައްކަވާ. އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްވަވާ. އެ ހިތްވަރު ސަރުކާރުގައި ހުންނަންވާނެ. އެފްޓީއޭގެ ސަބަބުން ރާއްޖެއަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީއެކްސްޕޯޓު ހަބަކަށް ހެދޭނެ،" ސައީދު ވިދާޅުވި އެވެ.
ސައީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ، އެފްޓީއޭ އެއްބަސްވުން ތަންފީޒު ނުވެގެން އުޅެނީ ބާރުވެރިކަން ހޯދުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް އަރައިރުމެއްގެ ސަބަބުން ކަމަށެވެ.
މިިނިސްޓަރު ފައްޔާޒުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓުން ރާއްޖެއަށް، ހާއްސަކޮށް މަސްވެރިކަމަށް ފައިދާއެއް ވާނެ ކަމަށް ނުދެކޭ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި، 18 ޑިސެމްބަރު 2014 ގައެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ އަގުލަބިއްޔަތު އޮތް މަޖިލީހުން 27 ނޮވެމްބަރު 2017 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު