އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަން ޖެހޭ އެންމެހާއި މަސައްކަތްތަކަކީ އެކަމަކަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެފިއެވެ.
އެ ސާވިސް އިން މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅިގެން އާންމު ކުރި ބަޔާނެއްގައެވެ.
އަންހެނުންނާއި އަންހެން ކުދިން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް ގެ މި ބަޔާނުގައި ބުނެފައި ވެއެވެ.
އެގޮތުން ސަރުކާރުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ އަންހެންކުދިން އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭ ގޮތް ހަރުދަނާކުރުމަށް ކަމަށް އެސާވިސް އިން ބުނެފައި ވެއެވެ. ހަމަ އެއާއެކު ކޮންމެ ކުއްޖަކީވެސް ގާބިލުކަން ހުރި ކުއްޖެއްކަމަށް ހެދުމަށާއި މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް އެ ސާވިސް އިން ބުނެއެވެ.
މީގެ އިތުރުން އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކަކީ އެ ސާވިސްއިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.
ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހެވެ. އދ އިން މިދުވަސް ފާހަގަ ކުރަން ނިންމާފައިވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެއެވެ. މި ދުވަސް ފާހަގަކުރުމުގެމަގުސަދަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއް ހަމައެއްގައި ފުރުސަތު ހޯދައިދިނުން ކަމަށް އެ ސާވިސް އިން ބުނެއެވެ.
މިއަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "މައި ވޮއިސް؛ އަވާ އީކުއަލް ފިއުޗާ" އެވެ. މި ޝިއާރަކީ އަންހެން ކުދިންގެ އަޑުއަހައި އެ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުހިއްމުކަން ދޭހަވާ ޝިއާރެއް ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ބުނެއެވެ.
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް
މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް