ކުޅިވަރު

ލިވަޕޫލް ލެޖެންޑް ރޮބީ ފައުލާ އިންޑިއާގެ އީސްޓް ބެންގާލް ކޯޗަކަށް

ލިވަޕޫލް ލެޖެންޑް ރޮބީ ފައުލާ، އިންޑިއަން ސުޕަ ލީގުގެ އީސްޓް ބެންގާލް ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އުމުރުން 45 އަހަރުގެ ފައުލާ ވަނީ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ލިވަޕޫލަށް ކުޅެފައެވެ. 1993 އިން 2001 ވަނަ އަހަރާއި ހަމައަށް އޭނާ ލިވަޕޫލަށް 236 މެޗުން 120 ގޯލް ޖަހައިދީފައި ވެއެވެ. ދެވަނަ ފަހަރަށް އެ ކްލަބަށް ދިޔައީ އެ ދޭތެރެއިން ލީޑްސް އާއި މެންޗެސްޓާ ސިޓީއަށް ކުޅުމަށްފަހު 2006 ވަނަ އަހަރުއެވެ. 2006-07 ސީޒަންގައި ފައުލާ ވަނީ ލިވަޕޫލަށް 30 މެޗު ކުޅެ އަށް ގޯލް ޖަހައިފައެވެ.

އިންގްލެންޑް ގައުމީ ޓީމަށްވެސް 26 މެޗު ކުޅެދީފައިވާ ފައުލާ ކޯޗިންގައި އަދި މާ ގިނަ ތަޖުރިބާތަކެއް ކޮށްފައެއް ނުވެއެވެ. ކޯޗެއްގެ ގޮތުގައި ފައުލާ ފުރަތަމަ 2011 ވަނަ އަހަރުން 2012 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރީ ތައިލެންޑްގެ މުއަންގްތޯންގް ޔުނައިޓެޑް އެފްސީގައެވެ. އެ ކުލަބުގައި އޭނާ މަސައްކަތް ކުރީ ޕްލޭއާ ކޯޗެއްގެ ގޮތުގައެވެ.

ތައިލެންޑްގައި އެއް އަހަރު ހޭދަކުރުމަށްފަހު ލިވަޕޫލްގެ އެމްބަސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ އިތުރުން ފައުލާ ވަނީ ކޯޗިން ލައިސެންސް ފުރިހަމަ ކުރުމުގެ މަރުހަލާގެ ތެރެއިން ލިވަޕޫލްގެ އެކެޑެމީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭގެ ފަހުން އޭނާ ކުލަބަކާ ހަވާލުވީ މިދިޔަ އަހަރު އެވެ. އޮސްޓްރޭލިއާގެ ބްރިސްބޯންގެ ރޯރްގެ ކޯޗް ކަމުގައި އެއް އަހަރު ވަންދެން މަސައްކަތް ކުރިއެވެ.

"އަހަރެންގެ ކޯޗިން ފިލޯސަފީއަކީ ރަނގަޅު ވާދަވެރި މިސްރާބަކަށް ޓީމުގެ ހުންގާނު ބެހެއްޓުން. އަބަދުވެސް ރަނގަޅު ގޮތަކަށް ކުޅުން ބައްޓަން ކޮށް، ރަނގަޅު ނަތީޖާތައް ނެރުން. ޕޮސެޝަން ހިފަހައްޓައިގެން ރަނގަޅު ފުޓުބޯޅައެއް ކުޅޭ ޓީމެއް ބިނާކުރާނަން. މިދިޔަ ސީޒަނަށް ބަލައި، އޮސްޓްރޭލިއާގެ ފުރަތަމަ ޑިވިޝަންގެ އެންމެ ފުލުން ދެވަނައިގައި އޮތް ޓީމު ނަގާ ކޮޅަށް ޖަހައި، ލީގަށް ވާދަކުރާ ލެވެލްގެ ޓީމަކަށް ހަދައިދިނިން. ސީޒަން ނިމުނުއިރު ބްރިސްބޯންއަކީ އެންމެ ވަރުގަދަ އެއް ޓީމު،" އީސްޓް ބެންގާލްއާއެކު ހާސިލްކުރާނެ ކަންކަމާ ގުޅޭގޮތުން ފައުލާ ބުނެފައި ވެއެވެ.

ފައުލާ ބުނެފައި ވަނީ އޭނާއަށް އޭޝިއާގައި ލިބުނު ތަޖުރިބާގެ ބޭނުން ހިފާނެ ކަމަށެވެ. އީސްޓް ބެންގާލްއިން އައިލީގު ދޫކޮށް، ސުޕަ ލީގުގައި ވާދަކުރަން ނިންމިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މިހާރު އެހެން ކްލަބުތަކުން ޕްރީ ސީޒަންގެ ފަރިތަކުރުންތައް ފަށާފައިވުމާއެކު ފައުލާއަށް މިހާރުން މިހާރަށްވެސް ޓީމާއެކު ފަރިތަކުރުންތަކަށް ނުކުންނަން އޮތީ ތައްޔާރުވެފައެވެ.

ފައުލާއާއެކު އީސްޓް ބެންގާލްގެ ކޯޗިން ޓީމުގައި ހިމެނެނީ އިންޑިއާގެ ގައުމީ ޓީމަށް ކުރިން ކުޅުނު ރެނެޑީ ސިންގުގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުރިން ކުޅެފައިވާ އެންތޮނީ ގްރާންޓެވެ.