ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ހަށިގަނޑަށް ލިބޭ ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ނަފްސާނީ ދުވަހާ ގުޅުވައިގެން ރޭ ބޭއްވި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ހެލްތު އެންޑް އެމަޖެންސީ ކޯޑިނޭޝަންގެ ބައްދަލުވުމުގައެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

"ވަޒީފާތައް ވަގުތީ ގޮތުންނާއި އަދި ދާއިމީކޮށް ގެއްލި ސްކޫލްތައް ބަންދު ވެ، ދަރިވަރުންގެ ކިޔެވުމުގެ ފަރުސަތު ހަނިވެ، ވިޔަފާރިތައް ހީނަރުވެ، ރިސޯޓުތައް ބަންދުކުރަން ޖެހި، އިޖުތިމާއީ ގުޅުމާއި އާއިލީ ގުޅުންތަކަށް ބުރޫ އަރައިގެން ދާދިއުން ވެގެން މިދަނީ ކެތްކުރަން ދަތިކަމެއްގެ ގޮތުގައި" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން ކަމަށެވެ. އަދި ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ހަށިގަނޑަށް ލިބޭ ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުނދަގޫ ބޮޑު ވޭނެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް ފިކުރުތަކާއި ވިސްނުންތަކެއް ހުންނާނެކަން ދަނެ، އެ ފިކުރުތަކާއި ވިސްނުންތަކުގެ އަޑު އެހުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ގަދަރުކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ. މަސައްކަތުގެ މާހައުލުގައިވެސް ދިމާވާ ކަންތައްތަކުގައި އެކަކު އަނެކަކަށް ހިތްބުރަ ނުކޮށް، އެކަކު އަނެކަކަށް އަޅައިލުމަކީވެސް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.