ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުން އަމަލު ކުރަނީ އޯގާތެރިކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުމުގެ ތެރޭގައި ސާމްޕަލް ނަގަން ހުރި މީހާއަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން އިކްރާމް، އޭނާގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެ ކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ. އަދި އެތާ ކެމެރާ ހުރިނަމަ ކަން ހިނގައިދިޔަ ގޮތް ސާފުވާނެ ކަމަށް ވިދާޅުވިއެވެ.
"އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނަގަން ބައިތިއްބަން ނުވާނެ ކަމަށް. އަދި އޭނާއަށް ކިޔަނީ ކޮން ނަމެއްތޯ ވެސް އެހުނު. ނަމެއް ނުބުނެ. މިއަށްވުރެ ބޮޑު ކަމެއް ނުހިނގާ،" އިކްރާމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޗްއީއޯސީއާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި އަދި ކޮވިޑް 19އަށް ޓެސްޓުކުރުމުގައި ދެމުން އަންނަ ހިދުމަތްތަކަކީ، ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ދެމުން އަންނަ ހިދުމަތްތަކެއް ކަމަށެވެ. އަދި އެ މަސައްކަތުގައި ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުން ރެއާ ދުވާލު މަސައްކަތްކުރަމުން އަންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ހިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން އޯގާވެރިކަމާއެކުގައި ކަމަށެވެ.
އެޗްޕީއޭއިން ބުނީ، ސިއްހީ ހިދުމަތްތެރީންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށާއި އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތުގައި މިހާރުވެސް އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޚަބަރު
ޚަބަރު