(08 އޮކްޓޯބަރުގެ އަދަދާ ގުޅޭ)

حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "ކަލާ އީރާނީއެއްގެ ހައިސިއްޔަތުން ވިސްނައި ވަޑައިގަންނަވާނަމަ عمـر بــن الخطّاب ގެ އެތައްކަމެއް ކަލާއަށް ވިސްނިވަޑައެއް ނުގަންނަވާނެއެވެ. ކަލާ ވަނީ ކިސްރާގެ ކޮއިލާއި ގަނޑުވަރުތައް ދެކެވަޑައިގެންފައެވެ. ކަލާ ވަނީ އިންސާނުންގެ މައްޗަށް ކަލުންކަމުގައި ވެވަޑައިގަތުމުގެ ދަޢުވާކުރައްވާ ވެރީންގެ ތާޖާއި ތަޚުތު ދެކެވަޑައިގެންފައެވެ. ކަލާއަށް އަބަދުވެސް ރަސްރަސްކަލުން ފެނިވަޑައިގެންފައިވާނީ ޖަވާހިރުން ޖަރީކޮށްފައިވާ ޖުއްބާކޮޅުތައް ތުރުކުރައްވައިގެން ތިއްބަވަނިކޮށެވެ. ނަމަވެސް ކަލާއަށް ކޮންމެވެސް ދުވަހަކުން މަދީނާއަށް ވަޑައިގެންނެވުމުގެ ނަސީބު ލިބިވަޑައިގެންފިނަމަ ފެނިވަޑައިގަންނަވާނީ އެބޭކަލެއްގެ އުއިފަލަ ފޮތީގެ ގަމީސްކޮޅުގައި ވީދިގެން ފޮތިއަޅައިފައިވާ ވެރިޔެކެވެ. އެކަލޭގެފާނު ހިކި ރޮށީގެ ކޯވަރެއް އަނގަފުޅަށް ލައްވާއިރުވެސް އެކަލޭގެފާނުގެ ރައްޔިތުންގެ ތެރެއިން މީހަކު ހައިހޫނުކަމުގައި ހުރެދާނެތީ ފިކުރުފުޅު ބޮޑުވެއެވެ. ހަތިޔާރުއެޅި ފާރަވެރިޔަކު ނެތި އެކަލޭގެފާނު ބޭރަށް ނުކުމެވަޑައިގަންނަވައެވެ. މަދީނާގެ ރަށްބޭރުގެ ގަސްތަކުގެ ހިޔަލުގައި ހިތްޕުޅު ހަމަޖެހިވަޑައިގެން އޮންނަވައި އަވަހާރަފުޅު ލައްޕަވައެވެ. އެކަލޭގެފާނު އަރާމުކުރައްވާކަށެއް ގަނޑުވަރެއް ނާޅުއްވައެވެ. ރައްކާތެރިވެވަޑައިގަންނަވާނެ ކިއްލާއެއް ބިނައެއް ނުކުރައްވައެވެ. އެކަލޭގެފާނުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ޖާސޫސުން ބޭނުން ކަމަކަށެއް އިޙުސާސެއް ނުކުރައްވައެވެ. މަދީނާގެ އެންމެ ނިކަމެތި ދެރަ ފަގީރުންވެސް ދެކޭނީ އެކަލޭގެފާނަކީ އެބައިމީހުންގެ ތެރެއިން އެކަކު ކަމުގައެވެ.

އަޖަމީންގެ ރަސްރަސްކަލުންނަށް ވަނީ ދައުލަތުގެ ހުރިހާ ހަމަތަކަކާއި ދީނީކަންކަމާއި ގަވާއިދުތަކުގެ މައްޗަށް އިސްކަން ލިބިވަޑައިގެންނެވެ. އެބޭފުޅުންގެ އިމެއް ކަނޑައެޅިފައިނުވާ އިޚުތިޔާރުތައް ކަލާނގެ ޚަލްޤުތަކުންގެ ޙައްޤުތައް ނަފީކުރެއެވެ. އެކަމަކު އިސްލާމްދީނުގެ މަޤުޞަދަކީ اللّـه ގެ އަޅުތަކުންގެ މައްޗަށް اللّـه ގެ ޤާނޫނުތައް މަތިވެރިކުރުމެވެ. ޤާއިމުކޮށް ހިންގުމެވެ. އެ ޤާނޫނުތަކާ ވަޑިފަތިވާ އެއްވެސް އަމުރުފުޅެއް أميـرالمؤمنـين އަކަށް ހިންގަވައެއް ނުލެއްވޭނެއެވެ. އިސްލާމްދީނުގެ ޙުކުމްތައް އަޅުގަނޑުމެންގެ އަތްފައިގައި އެއްވެސް ޝަހެންޝާހެއްގެ އަޅުވެތިކަމުގެ ކަސްތޮޅެއް ނާޅުވައެވެ. އަދި ކީއްތޯއެވެ؟ އެ އިލާހީ ޤާނޫނުތައް އަޅުގަނޑުމެންގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ ޙިމާޔަތްކޮށްދެއެވެ. أميـرالمؤمنـين އަކީ ދުނިޔޭގައި އަނިޔާ ލިބިފައިވާ ކޮންމެ މީހަކަށް އަމާންކަމާއި ރައްކައުތެރިކަން ލިބިދޭ މާތް ގެފުޅުގެ ފާރަވެރިޔާއެވެ. އެކަލޭގެފާނަކީ އުޚުއްވަތާއި ހަމަހަމަކަމުގެ މައްޗަށް އެދައުލަތެއްގެ އަސާސުތައް ބިނާވެފައިވާ ދައުލަތެއްގެ މުޢައްމާރެކެވެ. މުސްތަޤުބަލުގެ މުއައްރިޚުން ޔަރުމޫކާއި އަޖުނާދީނާއި ޤާދިސިއްޔާއާއި ނަހާވިންދުގެ މަތިވެރި ފުތޫހާތުތަކަށްޓަކައި އެކަލޭގެފާނަށް އައްސަރިބަހާއި ސާބަސް ރައްދުކުރާނެއެވެ. އެކަމަކު އަޅުގަނޑުގެ ނަޒަރުގައި އެކަލޭގެފާނުގެ އެންމެބޮޑު ފަތަޙައަކީ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ސުމާރެއް ނެތްފަދަ ބާރުތަކާއެކުވެސް އަމިއްލަފުޅު ނަފުސުގެ މައްޗަށް ހޯއްދަވައިފައިވާ މަތިވެރި ފަތަޙައެވެ. އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައިވާ ވަރުގަދަ ބާރާއި ލިބިވަޑައިގެންފައިވާ ހަކަތައާއި ބުންވަރު މިސުރުގެ އިސްކަންދަރިއްޔާއިން ފެށިގެން އީރާނުގެ ބަލްޚާ ދެމެދު ފެތުރިފައިވަނިކޮށް ކަލާ ތިޔަ ދެކެވަޑައިގަންނަވަނީއެވެ. އެކަލޭގެފާނު ހަމައެކަނި ލޯފުޅުން އިޝާރަތެއް ކޮށްލެއްވުމުން ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ޗާޓު ބަދަލުކޮށްލެއްވިދާނެއެވެ. އެކަމަކު އެކަލޭގެފާނު ވަނީ ތިމާގެ ބާރުގެ އިޙުސާސުގެ ނަތީޖާއެއްގެގޮތުން އިންސާނުންގެ ހިތްތަކުގައި އަބަދުވެސް އުފަންވާ ކިބުރުވެރިކަން ބަލިކޮށްލައްވައި ފައިތިލަފުޅުގެ ދަށަށް ލައްވައިފައެވެ. އެމާތް އިންސާނާ އެކަލޭގެފާނުގެ އަމިއްލަ ޝަޚުޞިއްޔަތުގެ މައްޗަށް ހޯއްދަވައިފައިވާ ފަތަޙައިގެ ބޮޑުކަމާއި މަތިވެރިކަން އެކަންކަމުން ކަލާއަށް އިޙުސާސުވެ ވަޑައިގަންނަވާނެއެވެ.

"އަޅުގަނޑުގެ ނަޒަރުގައި އިސްލާމްދީނުގެ މުޢުޖިޒާއަކީ ހަމައެކަނި ޢަރަބިކަރައިގެ ސަހަރާތަކުގެ އަހުލުވެރީން އިރުމައްޗާއި ހުޅަނގުގެ ޝަހެންޝާހުންގެ ގުބާކޮޅުތައް ވިދަމުން ގެންދިޔުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެދީނުގެ އެންމެބޮޑު އެއް މުޢުޖިޒާއަކީ عمـر الفاروق ގެ ހިތްޕުޅުގައި އެކަލޭގެފާނުގެ ތަނަވަސް ފުތޫހާތާއި ހޯއްދަވަމުން ގެންދަވާ އަންތަރީސްވާފަދަ ކާމިޔާބީގެ ސަބަބުން ކުޑަވެސް ނައްސި އަސަރެއް އުފެދުނަ ނުދިންކަމެވެ. އެކަލޭގެފާނަކީ މާތް اللّـه ގެ އަޅުތަކުންގެ މައްޗަށް ކަލެއްކަމުގެ ދަޢުވާކުރައްވާ ބޭކަލަކު ކަމުގައި ވެވަޑައިގެންނެވިޔަ ނުދިންކަމެވެ. އެމާތް ދީން الفــاروق الأعظـم ފަދަ ވަރުގަދަ ޝަޚުޞިއްޔަތެއް އެދީނުގެ އަމުރާއިނަހީގެ ތަރަހައިގެ ތެރޭގައި އޮބެހެއްޓިކަމެވެ. އެކަލޭގެފާނު ތަޅުއްވައިލެއްވި ފާރުތަކަކީ އެތަކެއް ސައްތަ އަހަރުތަކަކުއްސުރެ ވެރީންނާއި ރައްޔިތުންނާ ދެމެދުގައި ބިނާކުރެވިފައިހުރި ފާރުތަކެވެ. އެކަލޭގެފާނު ވަނީ މީގެކުރީން އަޅުވެތިކުރެވި، މަޖުބޫރުކުރެވި، އަނިޔާ ލިބިލިބި ތިބި އިންސާނުންތަކެއް މާތް اللّـه ގެ ރަސްކަންފުޅު ފިޔަވައި އެހެން ހުރިހައި ފަރާތްތަކެއް ދެކެ ބިރުގަތުމުން މިނިވަންކޮށްދެއްވައިފައެވެ."

އާދުމާން އިރުކޮޅެއްވަންދެން ހަނުހިމޭންކަމާއެކު حسّان އާ ދިމާޔަށް ބައްލަވާން އިންނެވިއެވެ. އިރުކޮޅަކުން ވިދާޅުވިއެވެ. "އީރާނުގެ ސަރަޙައްދު ނިމޭހިސާބުގައި ތިޔަބޭފުޅުންގެ ދިދަ ޖެއްސެވުމަށްފަހު ތިޔަބޭފުޅުން ހިތްޕުޅު ހަމަޖައްސަވައިލައްވާނުތޯއެވެ؟ ނުވަތަ ޔަޒުދުގިރުދު ފައްސަވަމުން އިތުރަށް ކުރިޔަށް ވަޑައިގަންނަވާނުތޯއެވެ؟"

"އަބަދާއަބަދު އެއްތަނުން އަނެއްތަނަށް ފިލައިވަޑައިގަންނަވާން ދުވެވަޑައިގަންނަވާ ރަސްކަލަކަށް أميـرالمؤمنـين ކުޑަވެސް އަހަންމިއްޔަތެއް ނުދެއްވާނެއެވެ. ޚާގާން އަމަންއަމާންކަމާއި ޞުލްޙަވެރިކަން ގަބޫލުކުރައްވާކަން ސާބިތުކުރައްވަމުން ގެންދަވާހައި ހިނދަކު އަޅުގަނޑުމެން ޖައިހޫނު ހުރަސްކުރާކަށެއް أميـرالمؤمنـين ހުއްދައެއް ނުދެއްވާނެއެވެ. އިސްލާމީ ދައުލަތް ފުޅާވަމުންދާ ވަރަށްވުރެ މާބޮޑަށް މާފަރުވާތެރިކަމާއެކު އަހަންމިއްޔަތު ދެއްވައި ދާޚިލީގޮތުން ދައުލަތް ހަރުދަނާކުރައްވައި ބިނާކުރައްވަން ޖެހިވަޑައިގަންނަވާކަން އެކަލޭގެފާނު ގަބޫލުކުރައްވައެވެ. އީރާނުގައި އެތަކެއް ޤަރުނުއްސުރެ އަށަގެންފައިއޮތް ޝަހެންޝާހިއްޔަތުގެ އަސަރު ކަނޑުއްވައިލެވުމުން ޢަރަބިކަރައެކޭ އެއްފަދައިން އީރާނުގައިވެސް އިސްލާމްދީން ފަތުރަން މޫސުން ތަންދޭނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އޮތީ އަޖަމީންގެ މައްޗަށް ޢަރަބީން ވެރިކުރެއްވުން ކަމުގައިވާނަމަ އެއީ ކުޑަކޮށްވެސް އުނދަގޫފުޅުކަމެއް ނޫނެވެ. އަޖަމުކަރައިގެ އެހެނިހެން ވެރީންވެސް ކަންތައް ކުރެއްވި ފަދައިން އެކަލޭގެފާނަށްވެސް ކަންތައް ކުރެއްވިއްޖައީހެވެ. އަޅުންނާއި ސާހިބުންނާ ދެމެދުގައި ދަގަނޑުގެ އުސްފާރުތަކެއް ބިނާކުރެއްވިއްޖައީހެވެ. ކިސްރާއާއި ޤައިސަރު އިރުމައްޗާއި ހުޅަނގުގެ ޤައުމުތަކަށް ވެރިވެވަޑައިގަންނަވަން ބޭނުންކުރައްވަމުން ގެންދެވި ބާރާއި އުރައްޕު އެކަލޭގެފާނަށްވަނީ އެއަށްވުރެ މާބޮޑަށް ލިބިވަޑައިގެންފައެވެ. އެކަލޭގެފާނުގެ ކަނޑިކޮޅުގެ މިޔަދަށުވެ ބަލިވާ މީހުންނަށް ޤަރުނުތަކެއް ވަންދެން ބޯއުފުލައިލިޔަ ނުދެއްވައި ދެމެހެއްޓެވިދާނެއެވެ. ނަމަވެސް أميـرالمؤمنـين ގާއިމުކުރައްވަން އެދިވަޑައިގަންނަވާ އިންސާނީ ޙަޔާތުގެ ނިޒާމުގެ އެންމެ ފުރަތަމަ މަޤުޞަދަކީ އަޅުންނާއި ސާހިބުންގެ ތަފާތުކުރުން މިދުނިޔެއިން ފޮހެލުމެވެ. އެކަމަށްޓަކައި ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެން ހޯދޭ އެއްބާރުލުމެއް ނޫނެވެ. ހިތުން ރުހުމުން ދޭ އެއްބާރުލުމެވެ. ޢަރަބިކަރައިގެ އަނދިރި ޖައްވުން އިސްލާމްދީން ފާޅުވުމުން އެންމެފުރަތަމަވެސް ކުރިމަތިލާންޖެހުނީ ތިމަތިމާމެންގެ ވެރިކަން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި ޤަބީލީ ދެކޮޅުވެރިކަމާއި ނަފުރަތު ބޭނުންކުރާ މީހުންނާއެވެ. އެބައިމީހުން ތިބީ އެބައިމީހުންގެ އިންފިރާދީ އަހަރެންވަންތަކަން މާތް اللّـه ގެ ދީނުގެ ވަހުދަތަށްޓަކައި ދޫކޮށްލަން ތައްޔާރަކަށެއް ނޫނެވެ. ނަމަވެސް އިސްލާމްދީނުގެ އަޚުލާޤީ އަދި ރޫޙާނީ ބާރުގެ ކުރިމަތީގައި އެބައިމީހުނަށް މަޖުބޫރުވީ ބޯލަނބައިލާށެވެ. ބަލި ގަބޫލުކުރާށެވެ. އެބައިމީހުން މިއަދު ތިމައުރެންނަކީ އިސްލާމްދީނުގެ ދިދަ އުފުލާ މީހުންކަމުގައި ދަޢުވާކުރަނީ ފަޚުރުވެރިކަމާ އެކުގައެވެ. ޢަރަބިކަރައިގެ ބޭރުން އެދީނަށް ކުރިމަތިލާން ޖެހިފައިވަނީ ވިއްސިވިހާލިވެ ބައިބައިވެފައިވާ ޤަބީލާތަކަކާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އިރުމައްޗާއި ހުޅަނގުގައި އޮތް ހައިބަބޮޑު ދެރަސްކަމާއެވެ. އެދެ ރަސްކަމުގެ ފަހަތުގައި ހާސްހާސް އަހަރުގެ ތާރީޚެއް އެބައޮތެވެ. އަޅުގަނޑުމެން މިހާރު މިވަނީ ކިސްރާއާއި ޤައިސަރު ބަލިކޮށްލައިފައެވެ. ނަމަވެސް ޤަރުނުތަކެއް ވާންދެން އަޅުވެތިކުރެވި މަޖުބޫރުކުރެވި އަނިޔާގެ ދަށުލެވިފައިތިބި އިންސާނުންތަކެއްގެ ވިސްނުން ބަދަލުކޮށް އެބައިމީހުން އިސްލާމީ ތައްގަނޑަށް ފައްތަން އަޅުގަނޑުމެންނަށް ވަގުތު ބޭނުމެވެ. ޢަރަބީންނެކޭ އެއްގޮތަށް އަޖަމީންގެ ކުރިމައްޗަށްވެސް އިސްލާމީ ނިޒާމު އޭގެ އެންމެފުރިހަމަ އަދި އެންމެ ރީތިގޮތުގައި ހުށަހަޅައިލާން ޖެހެއެވެ."

أميـرالمؤمنـين މުސްލިމުންގެ ފުތޫހާތާމެދު އުފާފުޅުކުރައްވައެވެ. އެކަމަކު އެއަށްވުރެ މާބޮޑަށް އެކަލޭގެފާނު ފިކުރުފުޅު ބޮޑުވަނީ ވެއްޓެމުންދާ އަނިޔާވެރިކަމާއި ޖާހިލުކަމުގެ އީވާންތަކުގެ ބަދަލުގައި އިސްލާމީ ޙިޞާރުތަކަކަށް ވަރުގަދަ ބިންގާތަކެއް ނާޅައިފިނަމަ ކޮންމެވެސް ދުވަހަކުން އަޖަމުކަރައިގެ ބާރު ވައިރޯޅިތައް އަޅުގަނޑުމެންގެ ޙަޔާތާއި ހަކަތައިގެ ސާފު ފެންއާރުތައްވެސް ކިލަނބު ކޮށްފާނެތީއެވެ. އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. ޢަރަބިކަރައެކޭ އެއްފަދައިން އީރާނުވެސް އިސްލާމީ އަޚުލާޤާއި ތަހުޒީބުގެ ދާނަކަށް ހަދައިލެވިއްޖެނަމަ އެބާރެއްގެ ކުރިމަތީގައި ކިސްރާއާއި ޤައިސަރު ކުޑަކަކޫ ޖައްސަވަން ޖެހިވަޑައިގެންނެވި ބާރު އީރާނުންވެސް ފާޅުވާނެއެވެ. ޙިޖާޒުގެ ޤާފިލާ އީރާނު ފަސްދީ ކުރިޔަށްދާން އަލުން ދަތުރުފަށާއިރު އެ ޤާފިލާގެ އާރުކާޓީން مثــنّـى بــن حــارثـــة އާއި خــالــد بــن الـوليـد (رضى اللّـه عنـهما) ބެއްލެވި ނަޒަރުން އުދަރެސްތައް ބެއްލެވުމުން އެބޭކަލުންނަށް އީރާނާއި ޝާމާއި މިސުރުގެ ސަރަޙައްދަށްވުރެ މާދުރުން އާމަންޒިލުތައް ފެނިވަޑައިގަންނަވާނެއެވެ. ކަލާ މިހާރުވަނީ ޒަރުބަޚުތުގެ ވާހަކަފުޅު އަޑުއައްސަވައިފައެވެ. އެހެންކަމުން އަޅުގަނޑުގެ ވާހަކަތައް ކަލާޔަށް އަރަތަކަށް ނުވާނެއެވެ. ޒަރުބަޚުތުވެސް ކުރިން ހުންނެވީ ކިސްރާއަށްޓަކައި އޭނާގެ ފުރާނަފުޅު ޤުރުބާން ކުރައްވާން ތައްޔާރަށެވެ. އޭރުވެސް އަޅުގަނޑުގެ ހިތް ބުނަމުން ގެންދިޔައީ މި ޒުވާނާއަށް އިސްލާމްދީނާ ދުރުގައި މާގިނަދުވަހަކު ނުހުންނެވޭނެ ކަމުގައެވެ. މިއަދު ކަލާއާ ބެހޭގޮތުންވެސް އަޅުގަނޑު ދަންނަވާނަމެވެ. ޤުދުރަތުން ކަލާ އުފައްދަވައިފައިވަނީ މުޅި އުމުރުފުޅުގައި އަނދިރީގެ ތެރޭގައި ގަނަތެޅިވަޑައިގަންނަވާކަށެއް ނޫނެވެ. މީގެ އަހަރުތަކެއްގެ ކުރީން ޒަރުބަޚުތު ދެކެވަޑައިގެންނެވި އަލިކަން ދެކެވަޑައިގަތުމަށް ކަލާގެ ނަޒަރުވެސް ފެންބޮވައިގެންފައިވާ ކަމުގައި އަޅުގަނޑު ދެކެމެވެ."

حسّان މިހައިތަނަށް ވާހަކަފުޅު ގެންދަވައިފައި ހުއްޓައިލައްވައިފިއެވެ. އޭނާ އިންނެވީ އާދުމާނާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އާދުމާން ވިދާޅުވިއެވެ. "ޒަރުބަޚުތު ވިދާޅުވާގޮތުގައި އަޅުގަނޑު ބޭނުން ކޮންމެއިރަކު އަޅުގަނޑަށް އަޅުގަނޑުގެ ގެޔަށް ދެވިދާނެއެވެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އެކަމުގައި ކަލާގެ ޝަރުޠުތަކަކީ ކޮބައިތޯ އޮޅުންފިލުވާށެވެ."

حسّان ވިދާޅުވިއެވެ. "ކަލާ އަޅުގަނޑުމެންގެ ޙިމާޔަތަށް ވަޑައިގެންފީމުއެވެ. އަޅުގަނޑު ޔަޤީންކުރާން ބޭނުންވަނީ ޒިންމީއެއްގެ ހައިސިއްޔަތު ގަބޫލުކުރައްވަން ކަލާ ތައްޔާރަށް ހުންނެވިކަމެވެ. ކަލާގެ ޙަޔާތްޕުޅުގެ މަގު ބަދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމުގައިވާނަމަ ކަލާއަށްޓަކައި އިސްލާމްދީނުގެ ދޮރު އަބަދުވެސް ހުންނާނީ ހުޅުވިފައެވެ."

"އަޅުގަނޑުގެ އެކުވެރީންނަށްވެސް އެބައިމީހުންގެ ގޭގެޔަށް ދެވިދާނެތޯއެވެ؟"

"އާދޭހެވެ!"

"އަޅުގަނޑަކީ ޒަރުބަޚުތުގެ ރަޙުމަތްތެރިޔަކީމެވެ. އޭނާއަށް އަޅުގަނޑަށް އިތުބާރު ކުރެއްވިދާނެއެވެ. އެކަމަކު ތިމާއާމެދު ޖާމިނަކު ހުށަނޭޅޭ މީހުނާމެދުވެސް ކަލާ އިތުބާރު ކުރައްވާނުތޯއެވެ؟"

"އާދޭހެވެ. އެބައިމީހުންގެ ވަޒަނަށް އައިސްފައިވާ ބަހާރު އަމިއްލަ ލޮލުން ދެކޭން އަޅުގަނޑުމެން އެމީހުނަށް ފުރުސަތު ދޭނޫއެވެ. އެއަށްފަހު ފުރިހަމަ މިނިވަންކަމާއެކު ތިމާމެންގެ މުސްތަޤުބަލާމެދު ގޮތްނިންމުމަށްޓަކައެވެ. ކަލާގެ އެކުވެރީންނަށް އަޅުގަނޑުމެންނާ ދުރުގައި ތިބޭއިރު ކޮންމެވެސްކަހަލަ ނުރައްކަލެއްގެ ސަބަބަކަށް ވެވިދާނެއެވެ. އެކަމަކު އެބައިމީހުންގެ ގޭގެޔަށް ދިޔުމުން ފެންނާނީ އިސްލާމްދީނުގެ ޢަދުލުވެރިކަމާއި އިންސާފުވެރިކަން ދެކެފައިވާ ޒިންމީންނެވެ. އިސްލާމީ އުޚުއްވަތު ޢަމަލީގޮތުން ތަޖުރިބާ ކުރަމުންދާ އައު މުސްލިމުންނެވެ. ކަލާގެ އެކުވެރީންނަށް މަގުދައްކަން އެމީހުން ތިބޭނެއެވެ. އެއިން މީހަކު ފިތުނައެއް އުފައްދާން އުޅެފިނަމަ އެމީހަކު ހަމަމަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެންނަށް އެމީހެއްގެ އާއިލާގެ މީހުންނާއި ރަޙުމަތްތެރީންގެ އެއްބާރުލުން ލިބޭނެއެވެ. އަޅުގަނޑުމެންގެ ލަޝްކަރު ތިޔަބޭފުޅުންނަށް އިންތިޒާރުކުރާތާ ލައްކަ ދުވަސްވެއްޖެއެވެ. އަޅުގަނޑުމެންގެ މުޖާހިދުންކުރެ އެތައް ބައެއްގެ ގެދޮރުހުރީ މިތަނާ އެތަކެއްހާސް ކޯހުގެ ދުރުގައެވެ. ތިޔަބޭފުޅުން ވަޑައިގަތުމުން އެ މުޖާހިދުން އުފާކުރައްވާ އެއްސަބަބަކީ އައުހަނގުރާމައެއްގެ ނުރައްކަލެއް ނެތިއްޖެނަމަ މުޖާހިދުންނަށް ގޭގެޔަށް ވަޑައިގަންނަވަން ޗުއްޓީ ލިބިވަޑައިގަންނަވާނެތީއެވެ."

އާދުމާން ވިދާޅުވިއެވެ. "މިހާރު އަޅުގަނޑު އެއްވެސް ލަދުވެތިކަމެއްނެތި ކަލާގެ ކުރިފުޅުމަތީގައި ޙަޤީޤަތަށް އިޢުތިރާފުވަމެވެ. އަޅުގަނޑުމެން ހަތިޔާރު މިބަހައްޓަނީ ހަތިޔާރު ބެހެއްޓުން ނޫން އެހެންގޮތެއް އަޅުގަނޑުމެންގެ ކުރިމަތީގައި ނެތިގެންނެވެ. ފާއިތުވި އެތައް ހަފުތާތަކަކުއްސުރެ ފޯރުމާލު މަދުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ލަޝްކަރު ބަނޑަށް މަރުވުމުން ދަނީއެވެ. މިފަދަ ފިނިމޫސުމުގައި އަޅުގަނޑުމެންނަކަށް ސިފައިންގެ ގިނަމީހުންނަކަށް ރަނގަޅަށް ފޭރާމެއްވެސް ނުދެވެއެވެ. މީގެކުރީން މިރަށްރަށުގެ އަހުލުވެރީން ކޮންމެތަނަކުންވެސް އަޅުގަނޑުމެންނަށް މަރުޙަބާ ކިޔައެވެ. ދަތިދުވަސްވަރު ޚާގާނުވެސް ނުހަނު ދީލަތިފުޅުކަމާއެކު އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގެންދެއްވައެވެ. އެކަމަކު މިހާރު ޚާގާނުގެ ފަރާތްޕުޅުންވެސް އަޅުގަނޑުމެންނަށް އެހީތެރިކަމަށްވުރެ ބޮޑަށް އޮތީ ޙަމަލަދެއްވަފާނެކަމުގެ ބިރެވެ. ބަލިމަޑުކަމާއި ހައިހޫނުކަމާހުރެ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންގެ ހާލު ހުރިގޮތުން އެމީހުންނަށް ދަތުރުކުރެވޭ ވަރެއްވެސް ނުވެއެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދީންގެ ހާލުހުރީ ނިހާޔަތަށް ރަޙުމުކުރާން ޖެހޭގޮތަށެވެ. ގަނޑުފެން ފައިބާން ފެށުމުގެ ހަފުތާތަކެއްގެ ކުރީން ތިޔަބޭފުޅުންގެ ޙިމާޔަތުގެ ދަށަށް އަންނަން އަޅުގަނޑުމެންނަށް ނުނިންމުނުކަމީ އަޅުގަނޑުމެންގެ ނަސީބު ދެރަކަމެވެ."

"ކަލާ ޒަރުބަޚުތުގެ އަރިހުގައި ތިޔަ ވާހަކަފުޅު ވިދާޅެއް ނުވަމުތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑަށް އިރުޝާދު ލިބިފައިވަނީ މުސްލިމުންގެ ކޮމާންޑަރ އިން ޗީފުގެ އަރިހުން ފުރިހަމަ ޔަގީންކަން ލިބުމުގެ ކުރީން އަޅުގަނޑުމެންގެ އެއްވެސް ބަލިކަށިކަމެއް ފާޅުނުކުރުމަށެވެ. ލަޝްކަރުގެ ސަރުދާރުން ބިރުފުޅުގެން ވަޑައިގަންނަވަނީ އަޅުގަނޑުމެންގެ މުޢަސްކަރުގެ ހާލު އެނގިވަޑައިގެންފިނަމަ މުސްލިމުން ވަގުތުން ޙަމަލަދީފާނެތީއެވެ."

"އެންމެ ކުޑަމިނުންވެސް ކަލާގެ ރަޙުމަތްތެރިޔާއަށް ކަލާ އިތުބާރު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ."

"އަޅުގަނޑުމެން ހަލާކުން ސަލާމަތްކުރައްވާން އޭނާއަށް ކުރެއްވޭނެ ހުރިހައި މަސައްކަތްޕުޅެއްވެސް ކުރައްވާނެކަމަށް އަޅުގަނޑަށް އިތުބާރު ކުރެވިދާނެއެވެ. އެކަމަކު އޭނާގެ އިޚުތިޔާރުގެ ދާއިރާއަކީ ކޮބައިކަމެއް އަޅުގަނޑަކަށް ދެނެއެއް ނުގަނެވުނެވެ. އެހެންވެ އަޅުގަނޑުގެ އެކުވެރިޔާ އިމްތިހާނަކާ ކުރިމަތި ކުރުވާކަށެއް އަޅުގަނޑު ބޭނުމެއް ނޫނެވެ. ވެއްޓިފައި އޮތް ދުޝްމިނެއްގެ ގައިގައި ތިޔަބޭފުޅުން ކަނޑީން ނުޖައްސަވާނެކަން އޭނާގެ ވާހަކަފުޅުން އަޅުގަނޑަށް އެނގުނެވެ. އެކަމަކު ދުޝްމިނެއްގެ ހައިހޫނުކަމާމެދުވެސް ތިޔަބޭފުޅުން ކަންބޮޑުވެވަޑައިގަންނަވާނެކަމެއް ނޭނގުނެވެ."

"އަޅުގަނޑުމެންނަކީ މުސްލިމުންނެވެ!" حسّان މިހެން ވިދާޅުވެފައި ތެދުވެވަޑައިގެންފިއެވެ. އޭނާ ދޮރުމައްޗަށް ހުއްޓިވަޑައިގެން ބާރު އަޑުފުޅުން ގޮވައިލައްވާން ފައްޓަވައިފިއެވެ. "يـوسف އެވެ! يـوسف އެވެ! މިކޮޅަށް އައިސްބަލާށެވެ!"

"ޒުވާން ކުއްޖެއް ދުވެފައި އައިސް ކޮޓަރިޔަށް ވަދެއްޖެއެވެ. އެންމެ ގިނަވެގެންވެސް އޭނާގެ އުމުރުންވާނީ ވިއްސަކަށް އަހަރެވެ."

حسّان ވިދާޅުވިއެވެ. "يـوسف އެވެ! އަހަރެމެންގެ އަތުގައިހުރި ހުރިހައި ބަޣަލުތަކަކަށް ގޮދަންފުށް އަރުވާށެވެ. ކައިރި އަވަށްއަވަށުން ބަކަރިއާއި ކަންބަޅި ގަންނަން ބަޔަކު ފޮނުވާށެވެ. އެތަކެތީގެ އަދަދު އެންމެ މަދުވެގެންވެސް ވައްތަރަކުން ސަތޭކައަށްވުރެ މަދުވެގެން ނުވާނެއެވެ. މިހިސާބުގަނޑުގެ ގޮވީންގެ ތެރެއިން ހުޝިޔާރު ބަޔަކު ގެނުވާށެވެ. އެބައިމީހުންނަށް ރަނގަޅު މުސާރަ ދެވޭނެއެވެ. ތިރީހަކަށް ސާޅީހަކަށް މީހުން ފޯރުމާލާއެކު ދާންޖެހޭނެއެވެ. މިއީ ބޭރަށް ފޮނުވާ ފޯރުމާލެވެ. އެހެންކަމުން ފަހަތަށްހުރި ޗެކްޕޯސްޓުތަކަށް މިކޮޅަށް އޭގެ ބަދަލު ފޮނުވަން އަންގާށެވެ!"

ޒުވާނާ ޖެހިލުންވެފައިހުރެ ސުވާލު ކުރިއެވެ. "މި ފޯރުމާލު ފޮނުއްވަނީ ކޮންތަނަކަށްތޯއެވެ؟"

حسّان ހިތްޕުޅާނުވެފައި ވިދާޅުވިއެވެ. "އަހަރެމެންގެ ކުރިމަތީގައި އޮތީ އިންސާނުންތަކެއްގެ ފުރާނަ ސަލާމަތްކުރުމުގެ މައްސަލައެކެވެ. ކަލޭ ތިޔަ ވަގުތު ނަގައިލަނީއެވެ. ފޯރުމާލު ގެންދާ ޤާފިލާ މެންދުރުވާންވާއިރަށް ތައްޔާރުވިކަން އަހަންނަށް އެނގޭންޖެހޭނެއެވެ."

ޒުވާނާ ބޭރަށް ނުކުމެއްޖެއެވެ. حسّان އާދުމާނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކަލާ އިއްޔެ މިތަނަށް ވަޑައިގެންފައި މިވާހަކަ ވިދާޅުވިނަމަ މިހާރު މިކަން އޮތީހީ ނިމިފައެވެ."

އާދުމާން ވިދާޅުވިއެވެ. "އަޅުގަނޑު ނިހާޔަތަށް ލަދުވެތިވަމެވެ. ކޮމާންޑަރ އިން ޗީފުގެ ހުއްދަ ހޯއްދެވުމަކާނުލައި މިހައިބޮޑުކަމެއް ނިންމެވުމުން ކަލާއާ ސުވާލު ނުކުރެވޭނެކަން ޔަގީންތޯއެވެ؟"

حسّان ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސިފައިންގެ ވެރިޔާއަކީ މުސްލިމެކެވެ. ހައިހޫނުކަމަކީ ކިހައިވަރެއްގެ ކަމެއްކަން އެކަލޭގެފާނަށް ދަންނަވައިދޭކަށެއް ނުޖެހޭނެއެވެ. ތިޔަބޭފުޅުންގެ ލަޝްކަރު އަޅުގަނޑުމެންގެ ކޮމާންޑަރ އިން ޗީފުގެ ކުރިފުޅުމައްޗަށް ހާޒިރުކުރެއްވުމުގެވެސް ބޭނުމެއް ނެތެވެ. އެކަލޭގެފާނު އެތަނަށް ޒިޔާރަތް ކުރައްވާނެއެވެ. އެލަޝްކަރުގެ މުޢަސްކަރުގެ ޚަބަރު އެނގިވަޑައިގެންނެވުމާއެކު އެތަނަށް ވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީނެވެ. ކަލާ ވާނީ ފޯރުމާލާއެކު ވަޑައިގަންނަވާށެވެ."

(ނުނިމޭ)