ރާއްޖޭގެ ސިޔާދަތު ގެއްލުމުން އެންމެ އަވަހަށް ނުރައްކާވާނެ އެއްކަމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް ކަަމަށް، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައްސަލައަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ތަހުޒީބު ކަމެއްކަމަށް ގަބޫލުކުރާ މީހުން، ރާއްޖޭގައި ފައްޅި އެޅުމަކީ ވެސް ތަހުޒީބު ކަމެއް ކަަމަށް ގަބޫލުކޮށް އެކަަމަށް ވަކާލާތު ކޮށްފާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަަދު ހާމަ ކުރުމަށް އެކި ފަރާތްތަކުން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ދަނޑިވަޅެއްގައެވެ. ސަރުން ބުނެފައިވަނީ، ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައިފާނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުމަކީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަަށާއި، ފެށުނީއްސުރެ އޮންނަ އެ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެއަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލަނީ އިންޑިއާއިން ކަމަށާއި، ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާ ބަދަހިވެފައި އޮތް ހާލަތެއްގައި އެ މައުލޫމާތު ހާމަކޮށްފިނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު
ކުރީގެ މެންބަރު އާދަމް ޝަރީފް އުމަރު