ރާއްޖޭގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ކުރިމިނަލް ކޯޓުގައި އެ އަޑުއެހުން ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެ ދެ އަޑުއެހުން ތާވަލުކޮށްފައިވަނީ އެކުއެކީގަ އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

މި މައްސަަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައި އޮތުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

މި މައްސަަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އާޒިމާ ވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އޭސީސީއަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.