އުމުރުން 23 އަހަރުގެ ޑޮމިނިކް ކަލްވާޓް ލެވިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖަހައި، އިންގްލެންޑުން ވޭލްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިހާތަނަށް މި ސީޒަންގައި ކަލްވާޓް ލެވިން ކުޅުނު ހަތް މެޗުގައި 10 ގޯލް ޖަހާފައިވާއިރު، ރޭގެ މެޗުން އިންގްލެންޑް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެކުވެރިކަމުގެ އެ މެޗަށް އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް ނެރެފައި ވަނީ ޒުވާން، އާ ޓީމެކެވެ.

ކަލްވާޓް ލެވިންއާ އެކު ޑެނީ އިންގްސް އިންގްލެންޑް ފޯވަޑަށް ނެރެފައިވާއިރު، މެދުތެރެއަށް ސައުތުގޭޓް ނެރެފައި ވަނީ ޖެކް ގްރީލިޝް އާއި ލީޑްސްގެ ކެލްވިން ފިލިޕްސް އަދި ހެރީ ވިންކްސްއެވެ. ވިންގް ޑިފެންޑަރުންނާއެކު ކުޅުނު އިންގްލެންޑްގެ ވިންގް ބެކުން ފެނިފައި ވަނީ އާސެނަލް ޒުވާން ތަރި ބުކަޔޯ ސަކާ އާއި ކީރަން ޓްރިޕިއާ އެވެ. ފަހަތުން ފެނިގެން ދިޔައީ ކޯނާ ކޯޑީއާއި މައިކަލް ކީން އަދި ލިވަޕޫލްގެ ޖޯސެފް ގޮމޭޒްއެވެ. ރޭގެ މެޗުގައި ގޯލް ބެލެހެއްޓީ ނިކް ޕޯޕެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް 26 ވަނަ މިނެޓުގައި ކަލްވާޓް ލެވިން ޖެހީ ގްރީލިޝްގެ ރީތި ހުރަހަކުންނެވެ. ކަލްވާޓް ލެވިން އަކީ މިދިޔަ 35 އަހަރު ތެރޭގައި އިންގްލެންޑް ގައުމީ ޓީމަށް ވެމްބްލީގައި ގޯލް ޖެހި އެވަޓަންގެ ފުރަތަމަ ކުޅުންތެރިޔާއެވެ. 35 އަހަރު ކުރިން އެވަޓަންގެ ޖާޒީގައި ވެމްބްލީގައި ގޯލް ޖެހީ އިނގިރޭސި ގައުމީ ޓީމުގެ ލެޖެންޑް ގެރީ ލިނެކާއެވެ. އޭނާ ވަނީ 1985 ވަނަ އަހަރު ތުރުކީއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައި ހެޓްރިކް ހަދައިފައެވެ.

އިންގްލެންޑުން ދެވަނަ ގޯލް ޖެހީ، ޓްރިޕިއާގެ ހިލޭ ޖެހުމަކުން ޑިފެންޑަރު ކޯޑީއެވެ. އޭގެ ދިހަ މިނެޓް ފަހުން ޖެހި އިންގްލެންޑްގެ ތިންވަނަ ގޯލަކީ ޑެނީ އިންގްސްގެ ހިތްގައިމު އޯވާހެޑެކެވެ.

ރޭގެ ގޯލަށްފަހު ކަލްވާޓް ލެވިން ބުނެފައި ވަނީ ގައުމީ ޖާޒީގައި ގޯލެއް ޖެހުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ހުވަފެން ހާސިލްވިތަން ދެކެން ސްޓޭޑިއަމްގައި ސަޕޯޓަރުންނާއި އާއިލާ ނެތުމަކީ ލިބުނު އެންމެ ބޮޑު ހިތް ނުތަވަނަސްކަން ކަމަށެވެ.

އިންގްލެންޑުން މި އިންޓަނޭޝަނަލް ބްރޭކްގައި ދެން ނުކުންނާނީ ޔޫއެފާ ނޭޝަންސް ކަޕްގެ ދެމެޗަށެވެ. އެ ދެމެޗަކީ ބެލްޖިއަމް އާއި ޑެންމާކާ ދެކޮޅަށް ކުޅޭ ދެމެޗެވެ.